އިޓާލިއަން ލީގްގައި އޭސީ މިލާން ހޯދަމުންދާ ދަށް ނަތީޖާތަކާއި ހެދި އެ ޓީމުގެ ހެޑް ކޯޗުގެ މަގާމުން މާކޯ ޖަމްޕާއުލޯ ވަކިކޮށްފި އެވެ.

އޭސީ މިލާނުގެ ކޯޗު ކަމުން ޖަމްޕާއުލޯ ވަކިކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. މިކަން ކަށަވަރުކޮށް އެ ކްލަބުގެ ވެބްސައިޓްގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްލަބުގެ ހެޑް ކޯޗުގެ މަގާމުން އުމުރުން 52 އަހަރުގެ ޖަމްޕާއުލޯ ވަކިކޮށްފައިވާ ކަމަށާއި ކްލަބުގައި ހޭދަކުރި ދުވަސްތަކުގައި ކުރެއްވި މަސަތްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކުރިއަށްއޮތްތާގައި ޖަމްޕާއުލޯގެ ޕްރޮފެޝަނަލް ކޯޗިންގް ކެރިއަރުގައި ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށެވެ.

ޖަމްޕާއުލޯ އޭސީ މިލާނުގެ ކޯޗުކަމާއި ހަވާލުވެފައިވަނީ މީގެ ދެ މަސްކުރިންނެވެ. ސަމްޑޯރިއާގައި ކާމިޔާބު ތިން އަހަރު ހޭދަކުރުމަށްފަހު އޭނާ މިލާނަށް ބަދަލުވީ މިދިޔަ ޖޫން މަހުގަ ތެރޭގަ އެވެ. މިދިޔަ ސީޒަންގައި މިލާނަށް ސެރިއާ އާގެ ގަދަ ހަތަރެއްގައި ނިންމާނުލެވުމުން ގެނާރޯ ގަޓޫސޯ އެ ކްލަބުގެ ކޯޗު ކަމުން އިސްތިއުފާ ދިނުމުން އެ މަގާމަށް އިސްކުރި ޖަމްޕާއުލޯ ކްލަބާއެކު ހޭދަކުރި ދުވަސްތަކުގައި އެދެވޭ ނަތީޖާތަކެއް ނެރެވިފައިނެތެވެ. އެގޮތުން މި ސީޒަންގެ ސެރިއާ އޭގައި އޭސީ މިލާން މިހާތަނަށް ކުޅެފައިފައިވާ ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާއިރު އެޓީމު އޮތީ ރެލިގޭޒަން ޒޯނަށްވުރެ ތިން ޕޮއިންޓް ކުރިން ތާވަލުގެ ތޭރަ ވަނަ މަގާމުގަ އެވެ.

ޖަމްޕާއުލޯ އެންމެ ފަހުން މިލާނަށް އިރުޝާދު ދީފައިވަނީ ނިމިގެންދިޔަ ހަފުތާ ބަންދުގައި ސެރިއާ އޭގައި އެޓީމު ޖެނޯއާ އާއި ވާދަކުރި މެޗުގަ އެވެ. 2-1ގެ ނަތީޖާއަކުން އެ މެޗު މިލާނުން ކާމިޔާބުކުރި ނަމަވެސް އެވަރުން ޖަމްޕާއުލޯ އަށް އޭނާގެ މަގާމު ދިފާއުކުރެވޭ ވަރެއްނުވި އެވެ. ޖެނޯއާ މެޗުގެ ކުރިން މިލާނުން ލީގުގައި އިންޓަ މިލާނާއި ފިއޮރެންޓީނާގެ އިތުރުން ޓޮލީނޯ އާއި ދެކޮޅަށް ކުޅުނު މެޗުތަކުން ވަނީ ބަލިވެފަ އެވެ.

ބައިނަލްއަގުވާމީ މެޗުތަކަށް ލީގުތައް މިވަގުތު މެދުކަނޑާލާފައިވުމުން އޭސީ މިލާނަށް އައު ކޯޗަކު ހަމަޖައްސައި އެ ކްލަބު ހަމަ މަގަށް އެޅުވުމަށް ސާދަ ވަރަކަށް ދުވަސް އެކްލަބަށް ލިބިގެންދާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އެ ކްލަބާއި ހަވާލުވާން އެންމެ ކައިރީ ނިމިގެންދިޔަ ސީޒަންގައި ވާދަވެރި އިންޓަ މިލާނަށް އިރުޝާދު ދިން ލޫސިއާނޯ ސްޕަލޭޓީ އެވެ. މީގެ އިތުރުން ކުރިން ފިއޮރެންޓީނާގެ ކޯޗު ކަމުގެ މަގާމް އަދާކުރި ސްޓެފާނޯ ޕަޔޯލީ އާއި ރޯމާ އަށް އިރުޝާދު ދިން ރޫޑި ގާސިއާ އަކީ ވެސް މިފަހަރު އޭސީ މިލާނުގެ ކޯޗު ކަމާއި ހަވާލުވެދާނެ ކަމަށް ބެލެވޭ ފަރާތްތަކެވެ.

އޭސީ މިލާން އަކީ އިޓަލީގެ އެންމެ ކާމިޔާބު އެއް ކްލަބެވެ. އެގޮތުން އިޓާލިއަން ސެރިއާ އޭ އަށާރަ ފަހަރު އެޓީމުން ކާމިޔާބުކޮށްފައިވާއިރު ސްޕެއިންގެ ވަރުގަދަ ރެއާލް މެޑްރިޑްގެ ފަހަތުން ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމަކީ އޭސީ މިލާނެވެ. ރެއާލުން ތޭރަ ފަހަރު މި ތަށި ކާމިޔާބުކޮށްފައިވާއިރު މިލާނުން ވަނީ ހަތް ފަހަރެއްގެ މަތިން މި ތަށި އުފުލާލާފަ އެވެ.

ކުރިން އިޓަލީގައްޔާއި ޔޫރަޕްގައި ހޯދަމުން އަންނަވަރުގެ ކާމިޔާބީއެއް އޭސީ މިލާނަށް މިހާރު ނުހޯދޭއިރު އެ ކްލަބުން ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި އެތަކެއް ކޯޗުން ތަޖުރިބާކޮށްފަ އެވެ. އޭސީ މިލާނުން އެންމެ ފަހުން ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ 2011 ވަނަ އަހަރު އެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން ޗެމްޕިއަންސް ލީގުން އެޓީމަކަށް ފުރުސަތު ލިބިފައިނުވެ އެވެ.