ޖަރުމަނާއެކު 2014 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ކާމިޔާބުކުރި ލެޖެންޑަރީ މިޑްފީލްޑަރު ބަސްޓިއަން ޝްވައިންސްޓައިގާ ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.

އުމުރުން މިހާރު 35 އަހަރުގެ ޝްވައިންސްޓައިގާ އޭނާގެ ރިޓަޔާމެންޓް އިއުލާންކޮށްފައިވަނީ އެމެރިކާގެ މޭޖާ ލީގު ސޮކާގެ ސީޒަން ނިމުނުތާ ދެ ދުވަސްފަހުންނެވެ.

ރިޓަޔާމެންޓް އިއުލާންކުރަމުން ޝްވައިންސްޓައިގާ ބުނީ ފުޓްބޯޅަ އަށް އަލްވަދާއު ކިޔަން ޖެހުމުން ދެރަވާ ކަމަށާއި މި ނިންމުމަކީ ހަޔާތުގައިވެސް މިހާތަނަށް ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށެވެ. އަދި އަށާރަ އަހަރަށްފަހު ފުޓްބޯޅަ އާއި ދުރަށްދާން ޖެހުމުން ފޫހިވާނެ ކަމަށާއި ނަމަވެސް ދިރިއުޅުމުގައި ކުރިއަށް ދިމާވާން ހުރި ޗެލެންޖަސް ތަކާއި ކުރިމަތިލާން އޭނާ ކެތްމަދުވެފައިހުރި ކަމަށެވެ.

ޝްވައިންސްޓައިގާ ބުނީ ފުޓްބޯޅަ ކެރިއަރުގައި އެކީގައި ކުޅުނު ޓީމު މޭޓުންނާއި ކޯޗުންގެ އިތުރުން ސަޕޯޓަރުންނަށް އޭނާގެ ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޭނާގެ ހިތަކުން ފުޓްބޯޅަ ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށާއި ކުރިއަށްއޮތްތާގައިވެސް ވެވެންއޮތް ގޮތަކުން މި ކުޅިވަރަށް އެހީވުމުގައި ދެމިހުންނާނެ ކަމަށެވެ.

ކެރިއަރުގައި ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައިވާ ޝްވައިންސްޓައިގާ ފާހަގަވެފައިވަނީ ދަނޑުމަތީގައި މަސަތްކަތުގެ ރޭޓު ވަރަށް މަތި ކުޅުންތެރިއެއްގެ ގޮތުގަ އެވެ. 2001 ވަނަ އަހަރު ޖަރުމަނުގެ ބަޔާން މިއުނިކާއެކު ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފެށި ޝްވައިންސްޓައިގާ ވަނީ އެޓީމަށް 500 އަށްވުރެ ގިނަ މެޗު ކުޅެދީ 40 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އޭނާ ވަނީ ބަޔާން އާއެކު ބުންޑެސްލީގާ އަށް ފަހަރު އަދި ޖަރުމަން ކަޕް ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން 2013 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ބަޔާނުން އުފުލާލިއިރު އެޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ޝްވައިންސްޓައިގާ އެވެ.

ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމަށް 121 މެޗު ކުޅެދީ 24 ލަނޑު ޖަހައިދީފައިވާ ޝްވައިންސްޓައިގާ އަކީ އެގައުމުން 2006 އަދި 2010 ވަނަ އަހަރު ވޯލްޑްކަޕްގެ ލޯ މެޑަލް ހޯދިއިރު ވެސް ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. ކެރިއަރުގައި ހޯދި އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ބްރެޒިލްގައި 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި ޖަރުމަނަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރުމަށްފަހު ޖެހިގެން އައި އަހަރު އޭނާ ވަނީ ބަޔާން ދޫކޮށް އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ އެ ކްލަބުގައި ދެ އަހަރު ދުވަސް ހޭދަކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގައި ހޭދަކުރި ދެ ސީޒަންގައިވެސް ޝްވައިންސްޓައިގާ އަށް މާއެދެވޭ ކުޅުމެއް ނުދެއްކުނު އިރު އޭނާ ޔުނައިޓެޑުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ދެ އަހަރު ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގުގައި ކުޅެފައިވަނީ އެންމެ ތޭރަ މެޗެވެ.

އޭގެ ފަހުން 2017 ވަނަ އަހަރު ފްރީ ޓްރާންސްފާ އެއްގެ ދަށުން އެމެރިކާގެ ޗިކާގޯ ފަޔާސް އަށް ބަދަލުވެ އެޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ޝްވައިންސްޓައިގާ ވަނީ ލަނޑު ޖަހާފަ އެވެ. ޗިކާގޯ ފަޔާސް އާއެކު އޭނާ ހޭދަކުރި ފުރަތަމަ ސީޒަނުގައި އެ ކްލަބުން މޭޖާލީގު ސޮކާގެ ތިންވަނައިގައި އޮވެ ނިންމާލި ނަމަވެސް ފާއިތުވެދިޔަ ދެ އަހަރު ލީގުގައި އެޓީމަށް އެހާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައިނުވެ އެވެ.