ގައުމީ ފިރިހެން ކްރިކެޓް ޓީމުގެ ޕްރެކްޓިސްތައް ކްރިކެޓް ބޯޑުން ކުއްލި ގޮތަކަށް މެދުކަނޑާލައިފި އެވެ.

ގައުމީ ޓީމުގެ ކުރީގެ ކޯޗު ދެކުނު އެފްރިކާގެ އާސިފް ހާން ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަނިކޮށް، އިއްޔެ ކްރިކެޓު ބޯޑުން ކުޅުންތެރިންނަށް އަންގާފައިވަނީ ވަކި އެއްޗެއް އަންގަންދެން ޕްރެކްޓިސްތައް މެދުކަނޑާލާފައިވާ ކަމަށެވެ.

ބޯޑުގެ ޖެނެރަލް ސެކްރެޓަރީ އަލީ ފާއިޒް (ފަޔާ) ވިދާޅުވީ ޕްރެކްޓިސް މެދުކަނޑާލި އެއް ސަބަބަކީ މިވަގުތު ޓީމަށް އިރުޝާދު ދޭނެ ކޯޗެއް ނެތުން ކަމަށެވެ. އަނެއް ސަބަބަކީ ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސްގެ ރަސްމީ ތާރީހުތަކެއް ލިބިފައިނުވުމާއި އިންޑިއާ އިން ދީފައިވާ ތަމްރީން ދަތުރު ވެސް އެއްކޮށް ފައިނަލްނުވާތީ ކަމަށެވެ.

މިދިޔަ އަހަރު ގައުމީ ޓީމާއި ހަވާލުވި އާސިފް ހާން ކުއްލި ގޮތަކަށް އިސްތިއުފާދީ ރާއްޖޭން ފުރަން ގޮސް ހުއްޓާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ ހައްޔަރު ކުރުމަށްފަހު މުއްދަތު ޖަހަން ކޯޓަށް ގެންދިޔައިރު 24 ގަޑިއިރު ހަމަވެފައިވާތީ ކްރިމިނަލް ކޯޓުން ކުރި އަމުރަކަށް އޭނާ ވަނީ މިހާރު ދޫކޮށްލާފަ އެވެ.

އާސިފްގެ މައްސަލައާއި ހެދި ދިވެހި އަންހެން އަދި ފިރިހެން ކްރިކެޓް ކުޅުންތެރިންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެ މައްސަލަތަކާ ހެދި އާސިފް ހާން ކުއްލިއަކަށް އިސްތިއުފާ ދިން ދިނުން ކްރިކެޓް ބޯޑުން ސިއްރު ކުރުމަށް ފަހު މަސައްކަތް ކުރީ އޭނާ ގައުމުން ފުރުވާލަން ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވާގޮތުން ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށާއި އޭގެ ތެރޭގައި ގިނައީ 18 އަހަރު ނުފުރޭ ކުޅުންތެރިން ކަމަށެވެ.

ކުޅުންތެރިން އިތުރަށް ބުނެފައި ވަނީ ކްރިކެޓްގެ އުސޫލުތަކާއި ހަމަތައް ހިފަހައްޓަން ތިބި ކްރިކެޓް ބޯޑުގެ ފަރާތުން ފެނުނު ކަންތައްތަކުން މި ހިނގާދިޔަ ކަންކަމުގައި ބޯޑު ފެއިލް ވެފައިވާކަން ހާމަކޮށްދޭ ކަމަށެވެ. އަދި ބޯޑުން މިކަމުގައި އަމަލުކުރި ގޮތުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާރަޔަކަށްވި ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް އިތުރު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުޅުޅުންތެރިން ދެކެ އެވެ. އެކަމަކު ކްރިކެޓް ކުޅުންތެރިންގެ ހައިސިއްޔަތުން އެ ކުޅުންތެރިން ތިބީ ކްރިކެޓުގެ އުސޫލުތައް އަލުން އާލާކޮށް ހުރިހާ ކުޅުންތެރިންނަށް ވެސް ރައްކާތެރި މާހައުލެއް މި ކުޅިވަރުގެ ގާއިމްކޮށްދޭން ތައްޔާރަށް ކަމަށް ބަޔާނުގައިވެ އެވެ.

އާސިފް ޚާންގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި ޔޫތު މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީން މި މަހުގެ ހަތް ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެޝަންތަކުގެ ތެރެއިން ބައެއް ކުޅުންތެރިންނަށް އާސިފް ޖިންސީ ގޯނާކުރިކަމުގެ މައްސަލަ ކްރިކެޓް ބޯޑަށާއި ފުލުހުންނަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލަ އަކީ ގައުމީ ޓީމެއްގެ ކޯޗަކާއި ގުޅޭ މައްސަލައެއް ކަމުގައިވިޔަސް މިއީ ޖިނާޢީ މައްސަލައެއް ކަމުގައިވާތީ މިކަން ތަހުގީގު ކުރުމުގެ ހުރިހާ ކަމެއް ކުރިއަށްގެންދާނީ ފުލުހުން ކަމަށާއި ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.