ފުޓްބޯޅައިގައި އޭނާ އަށް ލިބެމުންދާ ކާމިޔާބީތަކުގެ ފަހަތުގައިވާ މީހަކީ ކޯޗު ޖާގެން ކްލޮޕް ކަމަށް ލިވަޕޫލްގެ ޑިފެންޑަރު އެލެގްޒާންޑާ އަރްނޯލްޑް ބުނެފި އެވެ.

އިންގްލަންޑްގެ 21 އަހަރުގެ ޒުވާން އަރްނޯލްޑް އަކީ މިވަގުތު މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ ޑިފެންޑަރެކެވެ. ބަޔާން މިއުނިކްގެ ޖޯޝުއާ ކިމިޗް އާއި ރެއާލް މެޑްރިޑްގެ ޑަނީ ކާވަހާލް އާ އެއް ލެވެލެއްގައި ބައެއް މީހުން އަރްނޯލްޑް ރޭޓް ކުރާއިރު އޭނާ އަކީ ޔޫރަޕްގެ ބޮޑު ފަސް ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ފަހަކަށް އައިސް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ރައިޓް ބެކް ކަމީ ވަރަށް މަދު ބަޔަކު ނޫނީ ދެބަސްވާނެ ކަމެއް ނޫނެވެ.

ނިމިގެންދިޔަ ސީޒަންގައި ލިވަޕޫލުން ޕްރިމިއާ ލީގުގެ ދެވަނައިގައި ނިންމައި ޔޫރަޕްގެ އެންމެ ބޮޑު މުބާރާތުގެ ތަށި އުފުލާލިއިރު އަރްނޯލްޑްގެ ހިއްސާ ވަރަށް ބޮޑެވެ. ހާއްސަގޮތެއްގައި ޗެމްޕިއަންސް ލީގު ސެމީގައި ވަރުގަދަ ބާސާ އަތުން ދެވަނަ ލެގުގައި 4-0 އިން ލިވަޕޫލް މޮޅުވި މެޗުގެ ފަހު ލަނޑަކީ މިހާރުވެސް ބާސާ ސަޕޯޓަރުން މާޔޫސް ކޮށްލައި، ލިވަޕޫލް ފޭނުންގެ ހިތަށް އުފާވެރިކަން ގެނުވައިދޭ ލަނޑެކެވެ. ބާސާގެ މުޅި ޓީމުހެން އެހެން ކަމަކަށް ގެއްލުނު އެ ދަނޑިވަޅުގައި އަރްނޯލްޑް އޭނާގެ ތޫނުފިލިކަމުގެ ފައިދާ ނަގައި ނެގި ކޯނަރަކީ 2005 ވަނަ އަހަރުގެ ފަހުން ލިވަޕޫލް ޔޫރަޕްގެ ބޮޑު ތަށި އުފުލާލުމުގެ އަސްލެވެ.

ލިވަޕޫލްގެ އެކެޑަމީ ޓީމުން ސީނިއާ ޓީމަށް އަރްނޯލްޑް ކުރި ދަތުރުގައި އޭނާ އަށް މުޅި ޓީމުގެ ސަޕޯޓް ލިބިގެންދިޔަ އެވެ. ނަމަވެސް އެ އެންމެންގެ ތެރެއިން އަރްނޯލްޑް ހާއްސަގޮތެއްގައި ކޯޗު ޖާގެން ކްލޮޕްގެ ނަން ފާހަގަކުރެ އެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ކްލޮޕް ފާހަގަވެފައިވަނީ ޒުވާން ކުޅުންތެރިން ބިނާކޮށް އެ ކުޅުންތެރިން އާދަޔާ ހިލާފަށް މޮޅުކޮށްދޭ ކޯޗެއްގެ ގޮތުގަ އެވެ. ޖަރުމަނުގެ ޑޯޓްމައުންޑްގައި އޭނާ ހޭދަކުރި ދުވަސްވަރުގައިވެސް އެތައް ޒުވާން ކުދިންނެއް ބުންޑެސްލީގާ އަށް ކްލޮޕް ނެރެދިނެވެ. މިއަދު އެ ކުޅުންތެރިންނަކީ ދުނިޔޭގެ ނަން މަޝްހޫރު ކްލަބު ތަކުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގަވާއިދުން ކުޅެމުން އަންނަ މޮޅު ކުޅުންތެރިންނެވެ.

ލިވަޕޫލްގެ ކޯޗުކަމާއި ކްލޮޕް ހަވާލުވުމަށްފަހު އޭނާ އެންމެ ފުރަތަމަ ވެސް ފެށީ އެކްލަބުގެ އެކެޑަމީ ޓީމުގެ ހާލަތު ރަނގަޅުކޮށް ޒުވާން ކުޅުންތެރިން ސީނިއާ ޓީމަށް ނެގުމުގެ މަސަތްކަތެވެ. އެގޮތުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިހާރު މިއޮތް ލިވަޕޫލްގެ ސްކޮޑު ބިނާކުރުމަށްޓަކައި ބޭރުން ކުޅުންތެރިން ގެނައުމުގެ އިތުރަށް ކްލޮޕް ބޭނުންކޮށްފައިހުރީ އެކެޑަމީން ސީނިއާ ޓީމަށް ޕްރޮމޯޓް ވެފައިވާ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ހިމެނޭ ޒުވާން އަރްނޯލްޑްގެ ނަޒަރުގައި ކްލޮޕް އަކީ އޭނާގެ ކާމިޔާބީގެ ސިއްރެވެ.

'' އަހަރެންނަށް މިހިސާބަށް އާދެވުނީ ކްލޮޕްގެ ސަބަބުން. އޭނާ އަކީ ހާއްސަ ފަރާތެއް. ބުނެދޭންވެސް ނޭނގޭ ހަގީގަތުގައި ކްލޮޕްގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް އައި ބަދަލުތައް. އެންމެ ފުރަތަމަ އަހަރެންނަށް ފުރުސަތެއް ދިނީވެސް ކްލޮޕް. އޭނާ އަހަންނަށް ވަރަށް އިތުބާރު ކުރި. އެންމެ ދަށް ލެވެލުންސުރެ ކްލޮޕް އަހަންނަށް ކުރަމުން އަންނަ އިތުބާރާއި ދެމުން އަންނަ ސަޕޯޓަކީ ދުވަހަކުވެސް އޭގެ އަގު އަދާނުކުރެވޭނެ ދެކަންތައް. އެކަމަކުވެސް ވަރަށް ބަލަން އަބަދުވެސް ދަނޑުމަތީގައި ކޯޗު ހިތްހަމަޖެހޭ ކަހަލަ ލެވެލެއްގައި ކުޅެވޭތޯ، '' އަރްނޯލްޑް ބުންޏެވެ.

އަރްނޯލްޑް ބުނީ ކްލޮޕް އަކީ މިހާރު ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް ކަމަށާއި މިދިޔަ ހަތަރު އަހަރުގެ ދުވަހުގެ ތެރޭގައި ކްލޮޕްގެ އިރުޝާދުގެ ދަށުން ބިނާވެފައި މިއޮތް ލިވަޕޫލް ޓީމަކީ އާދައިގެ ޓީމެއް ނޫން ކަމަށެވެ. އަރްނޯލްޑް ބުނީ އޭނާގެ އުއްމީދަކީ ނިމިގެންދިޔަ ސީޒަންގައި ޔޫރަޕްގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދި ގޮތަށް ކްލޮޕް އާއެކު އިތުރު ކާމިޔާބު އަހަރުތަކެއް ކުރިއަށްއޮތްތާގައި ވެސް ހޭދަކުރުން ކަމަށެވެ.

ނިމިގެންދިޔަ ސީޒަންގައި ލިވަޕޫލް އަށް ޕްރިމިއާ ލީގު ގެއްލިގެންދިޔައީ ދެ ޕޮއިންޓްގެ ތަފާތުންނެވެ. 1992 ވަނަ އަހަރު ޕްރިމިއާ ލީގު ރީބްރޭންޑް ކުރި ފަހުން ލިވަޕޫލަށް އިނގިރޭސި ފުރަތަމަ ޑިވިޝަންގެ ލީގު ކާމިޔާބުކުރެވިފައިނުވާއިރު މި ސީޒަނާއި އެޓީމުން ކުރިމަތިލީ ތާރީހު ބަދަލުކޮށްލުމަށެވެ. އެގޮތުން ލިވަޕޫލުން ވަނީ ލީގުގައި އެޓީމު މިހާތަނަށް ކުޅުނު އަށް މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. މިދިޔަ ހަފުތާ ބަންދުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީ ވުލްވްސް އަތުން ބަލިވުމުން އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެދު އޮތް ފަރަގު ވަނީ އަށް ޕޮއިންޓަށް ފުޅާވެފަ އެވެ.