ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބު މި މަހު 24 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް، ވީއޭއެމް ހިންގަމުން އަންނަ ނޯމަލައިޒިން ކޮމިޓީން ބުނެފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އުވާލައްވައި، އެ އެސޯސިއޭޝަންގެ ހިންގުން، ވަގުތީ ކޮމިޓީއަކާ ހަވާލު ކުރެއްވުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ނިންމެވީ މިދިޔަ ޖޫންމަހުގެ ތެރޭގަ އެވެ.

ކޮމިޝަނަރ ހީނާ އަހުމަދު ސަލީމްގެ އިސްނެންގެވުމުގެ ދަށުން ވޮލީބޯޅަ އެސޯސިއޭޝަން ހިންގުން އިންޓަރިމް ކޮމިޓީއަކާ ޙަވާލުކޮށް، ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ ލީޑާޝިޕާ ގުޅުން ހުރި މައްސަލަތައް ތަހުގީގުކޮށް އެ އެސޯސިއޭޝަންގެ މައްސަލަ ހަމައަކަށް އެޅުއްވުމަށް މަސަތްކަތްކުރެވެން ފެށުނެވެ.

ވީއޭއެމްގެ އިންތިހާބެއް ބޭއްވުމަށް ނިންމައި އެކަން އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ނޯމަލައިޒޭޝަން ކޮމިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވާގޮތުން ވީއޭއެމްގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް އަލުން ފާހަގަކޮށް އިސްލާހުކުރަން އެ އެސޯސިއޭޝަނުގެ ސައްހަ މެމްބަރު ކްލަބްތައް ހޯދަން އެ ކޮމިޓީން ކުރި މަސައްކަތުން ފާހަގަވީ އަށް ކްލަބެވެ.

އެ ކްލަބުތަކަކީ ވޮލީބޯޅަ އެސޯސިއޭޝަނުން ބާއްވާ ގައުމީ ފެންވަރުގެ މުބާރާތްތަކުގެ ތެރެއިން ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރެއިން ތިން އަހަރު އެ މުބާރާތްތަކުގައި ވާދަކޮށްފައިވާ އަށް ކުލަބެވެ. އެއީ ދިވެހި ސިފައިންގެ ކުލަބާއި، ގުޑީސް ސްޕޯޓްސް ކުލަބާއި، ޕޮލިސް ކްލަބާއި، ސްޕޯޓްސް ކުލަބު ސިޓީ އާއި ޔޫތު ނިއު ޖެނަރޭޝަން އާއި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބާއި ސްޕޯޓްސް ކުލަބު ހޯކްސް އާއި ކުލަބު ހާފް ލައިން ލިންކޭޖް އެވެ. މި އަށް ކްލަބަކީ ވީއޭއެމްގެ ސައްހަ މެމްބަރު ކްލަބްތައް ކަމުގައި ކަނޑައަޅައި އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން އެ ކްލަބްތަކާ އެކު ދެ ބައްދަލުވުމެއް ނޯމަލައިޒިން ކޮމިޓީން ބޭއްވި އެވެ.

ނޯމަލައިޒިން ކޮމިޓީން މިރޭ ނެރުނު ބަޔާނުގައި ބުނީ ރޭ އެ ކޮމިޓީން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެ އަށް ކްލަބްގެ ތެރެއިން ބައިވެރިވީ ޕޮލިސް، ގުޑީސް، ސްޕޯޓްސް ކްލަބް ސިޓީ، ޔޫތު ނިއު ޖެނަރޭޝަން، މޯލްޑިވިއަން އަދި ކްލަބް ހާފް ލައިން ލިންކޭޖް ކަމަށެވެ.

"މި ބައްދަލުވުމުގައި ވަނީ ކްލަބްތަކުން ހިންގާ ގަވައިދަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހެޅި، ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން އިސްލާހުތައް ފާސްކުރެވިފަ އެވެ. އެހެންކަމުން، ފާސްކުރެވުނު ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެސޯސިއޭޝަން ހިންގާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށާއި އިންތިހާބު ބާއްވާނެ ތާރީހަކީ 24 އޮކްޓޫބަރު 2019 ވަނަ ދުވަސްކަމުގައި ނިންމުނެވެ،" ނޯމަލައިޒިން ކޮމިޓީން ނެރުނު ބަޔާނުގައިވެ އެވެ.

ވީއޭއެމްގެ މި އިންތިހާބުގައި ވޯޓުލާނީ ނޯމަލައިޒިން ކޮމިޓީން ސައްހަ މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ އަށް ކްލަބުން ކަމަށާއި މި އަށް ކްލަބްގެ ސައްހަކަން ކަނޑައަޅާފައިވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ކަމަށް ނޯމަލައިޒިން ކޮމިޓީގެ ބަޔާނުގައިވެ އެވެ.

ނޯމަލައިޒިން ކޮމިޓީން އިސްވެ ބާއްވާ އިންތިހާބެއް ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީން ގަބޫލުކުރާނެތޯ ވެސް އެއީ އުފެދޭ ސުވާލެކެވެ. ނޯމަލައިޒޭޝަން ކޮމިޓީ ސައްހަ ކަމަށް ނިންމައި އޮލިމްޕިކް ކޮމިޓީން މިދިޔަ މަހު 22 ވަނަ ދުވަހު އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި އެފްއައިވީބީ އަށް އެކަން އެންގި ނަމަވެސް އެފްއައިވީބީން ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަބްދުﷲ އާމިރު އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެ ކޮމިޓީ އެފްއައިވީބީން ބަލައިނުގަންނަ ކަމަށާއި އެ އިދާރާއިން ގަބޫލުކުރަނީ އިންތިހާބަކާ އެކީ އައިސްފައިވާ ލަތީފްގެ ލީޑަޝިޕް ކަމަށެވެ.

ނޯމަލައިޒިން ކޮމިޓީގެ ނައިބު ރައީސަކަށް ހަމަޖައްސާފައިވަނީ އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއީލް އެވެ. ދެން ހިމެނޭ ތިން މެމްބަރުންނަކީ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދުގެ އިތުރުން ޔޫތު މިނިސްޓްރީގެ އަހުމަދު އިބްރާހިމް އަދި މަރިޔަމް ޖުމާނާ އެވެ.

ނޯމަލައިޒިން ކޮމިޓީން ރޭ ބޭއްވި ކޮންގްރެސް ހުއްޓުވައިދޭން ވީއޭއެމްގެ ކުރީގެ ރައީސް ލަތީފް ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް ރޭ ސިޓީއެއް ވެސް ފޮނުވާފަ އެވެ. ލަތީފް ފޮނުވި ސިޓީގައި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ޤާނޫނާ ޚިލާފަށް ނޯމަލޭޒޭޝަން ކޮމެޓީއެއް އުފައްދަވާފައިވާތީ އެކަމަކީ އެފްވައިއައިބީން ބަލައިގަންނަ ކަމެއް ނޫންކަމަށް އެއިދާރާއިން ޢަބްދުﷲ އާމިރަށް އަންގާފައިވާތީ ރާއްޖޭގެ ހުރިހާ އޮލިމްޕިކް ކުޅިވަރެއްގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން އޮލިމްޕިކް ކޮމިޓީން ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ހުއްޓުވައިދޭން ވަނީ އެދިފަ އެވެ.