ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ސީރިއާއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، މި ގްރޫޕްގެ ފޭވަރިޓުންނަކީ ޗައިނާ އާއި ސީރިއާކަން ގަބޫލުކުރަން ޖެހޭ ކަމަށާއި ދިވެހި ޓީމުގެ އަމާޒަކީ ގްރޫޕްގެ ތިންވަނަ ހޯދުން ކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

ކޮލިފައިންގައި މިރޭ ޔުނައިޓެޑު އަރަބި އެމިރޭޓްސްގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެގާޓް ބުނީ ޗައިނާ އާއި ސީރިއާ އަކީ ފޭވަރިޓުން ކަމަށްވިޔަސް އެ ހާލަތު ދަނޑުމަތީގައި ރާއްޖެ ޓީމަށް ބަދަލު ކުރެވިދާނެ ކަމަށާއި އެކަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ރާއްޖެ އިން ކުރާނެ ކަމަށެވެ.

ސެގާޓް ބުނީ ގްރޫޕްގެ އެންމެ ކުރީގައި މިވަގުތު އޮތް ޗައިނާ އާއި ސީރިއާ އަދި ފިލިޕީންސް އަކީ އޭޝިއަން ކަޕްގައި ކުޅެފައިވާ ޓީމުތައް ކަމަށާއި ރާއްޖޭން އެ އަމާޒަށް ވާސިލްވާން މަސައްކަތްކުރާއިރު އެއީ ފަސޭހައިން ކުރެވެން ހުރި ކަމެއް ނޫން ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"ޗައިނާ، ސީރިއާ އަދި ފިިލިޕީންސްގެ އަމާޒަކީ ވޯލްޑް ކަޕް. ޗައިނާ އާއި ސީރިއާ އަތުން ލިބޭ ކޮންމެ ޕޮއިންޓަކީ އަހަރެމެންނަށް ލިބޭ ބޯނަސް ޕޮއިންޓްސް. އެދެޓީމަކީ ފޭވަރިޓުން. އެކަން ގަބޫލުކުރާނެ އެންމެންވެސް. އެކަމަކު ދަނޑުމަތީގައި އެކަން ބަަދަލުކުރަން އަހަރެމެންނަށް މަސައްކަތްކުރެވޭނެ. ސީރިއާ އަކީ ވަރުގަދަ ޓީމެއް. ފިލިޕީންސްގެ ދަނޑުގައި އެގައުމުން ވަރަށް ރަނގަޅަށް ކުޅެފައި އެބަހުރި. އެއީ އަހަރެމެން ވިސްނަން ޖެހޭ ކަމެއް. ރާއްޖޭގެ އަމާޒަކީ ތިންވަނައިގައި ނިންމާލަން އެންމެ ދަށްވެގެން. އެހެންކަމުން މެޗާއި ކުރިމަތިލާނީ އިދިކޮޅަށް ނުކުންނަ ޓީމުގެ ފެންވަރު ދަނެގެން ރަނގަޅު ނަތީޖާއެއް ނެރުމުގެ އުއްމީދުގައި، " ސެގާޓް ބުންޏެވެ.

ސީރިއާ މެޗަށް ނުކުންނައިރު ރާއްޖެ އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ސަސްޕެންޝަނާއި އަނިޔާގެ މައްސަަލަ އެވެ.

އެންމެ ފަހުން މާލޭގައި ޗައިނާ އާއި ވާދަކުރި މެޗުގައި ދެއްކި ކާޑާއެކު ކުރިމަތިވި ސަސްޕެންޝަނާއި ހެދި ރާއްޖޭގެ ފޯވަޑް ލައިންގައި ހަރަކާތްތެރިވާ އެންމެ މުހިންމު ކުޅުންތެރިޔާ އިބްރާހިމް މަހުދީ ހުސައިން (ހަބޭސް އިއްބެ) އަށް ނުކުޅެވޭނެ އެވެ. ގައުމުން ބޭރުގައި ވަރުގަދަ މެޗަކަށް ދިވެހި ޓީމުން ނުކުންނައިރު ޓީމުގެ އެޓޭކިންލައިންގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ނުކުޅެވުމުގެ ހިތާމަ އޮތްއިރު ކެޕްޓަން އަކުރަމް އަބްދުލް ޢަނީ އަށް ވެސް ސަސްޕެންޝަންގެ ސަބަބުން ސީރިއާ އާ ދެކޮޅަށް ނުކުޅެވޭނެ ކަމެވެ. އެއީ މާލޭގައި ޗައިނާ އާ ދެކޮޅަށް މިދިޔަ މަހު ކުޅުނު މެޗުގައި އޭނާ އަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ.

ސެގާޓް ބުނީ އަކުރަމް އާއި އިއްބެ ނެތުމަކީ ޓީމަށް ކުރިމަތިވާނެ އުނިކަމެއް ކަމަށާއި ނަމަވެސް ޝަކުވާ ކުރަން ބޭނުންނުވާ ކަމަށެވެ.

"މިއީ އަކޫ ނުލައި ބޮޑު މެޗެއް ކުޅޭ ފުރަތަމަ ފަހަރު. އެތަން ޔަގީނުންވެސް ދައްކާނެ. އަނެއްކޮޅުން ދިވެހި ޓީމަށް ވަރަށް މުހިއްމު ފޯވާޑެއް ފޭދޫ އިއްބެ އަކީ. އޭނަ އަށް ވެސް ނުކުޅެވޭ. މި ކަންތައްތައް މިހެން ހުއްޓަސް އަހަރެން ޝަކުވާކުރަން ނެތިން. އަހަރެންގެ ނަޒަރުގައި އަބަދުވެސް އެންމެ މޮޅު ގޮތަކީ އޮތް ޓީމު ވީ އެންމެ ރަނގަޅަށް ގެންގުޅުން. ކުޅުންތެރިން ތިބީ ރަނގަޅު ރޫހެއްގައި ކަމުން އަހަރެން މިހިރީ ހިތްހަމަޖެހިފައި،" ސެގާޓް ބުންޏެވެ.

ހަބޭސް އިއްބެ އާއި އަކުރަމްގެ އިތުރުން ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ އިބްރާހިމް ވަހީދު ހަސަން ހުރީ އަނިޔާގަ އެވެ.

އަނިޔާ އާއި ސަސްޕެންޝަނާއިހެދި މުހިއްމު ކުޅުންތެރިންނަށް ނުކުޅެވޭއިރު ޓީމަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ތަޖުރިބާކާރު ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) ޓީމުގައި ހިމެނިފައިވުމެވެ. ދަގަނޑޭ އަކީ މިވަގުތު ޕްރިިމިއާ ލީގުގައި ކުޅެމުން އަންނަ އެންމެ ފޯމް ރަނގަޅު ކުޅުންތެރިއާ އެވެ. ދަގަނޑޭ އަށް ސެގާޓް ފުރުސަތު ދިން އިރު އެންމެ ފަހުން ގުއާމް މެޗަށް ނުދިއުމުން ޖޫރިމަނާކުރި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) އަށް ޓީމުން ޖާގަދީފައިނުވެ އެވެ.

މުހިއްމު ކުޅުންތެރިންތަކެއް ޓީމުން ބާކީވެފައި ތިބިއިރު 19 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓް) ވަނީ ސީނިއާ ގައުމީ ޓީމާ ގުޅިފަ އެވެ. ޗޯޓުގެ އިތުރުން ޒުވާން ޓީމުގެ ސާވީ އިބްރާހިމް އާއި އަހްމަދު ނާހިލް އިބްރާހިމް ސީނިއާ އަށްވެސް ގައުމީ ޓީމުގެ ސްކޮޑުން ވަނީ ފުރުސަތުދީފަ އެވެ. ގައުމީ ސީނިއާ ޓީމުން ފުރުސަތު ދިން ޒުވާން ޓީމުގެ މި ކުޅުންތެރިންނަކީ ސާފް ޗެމްޕިއަންޝިޕާއި އޭއެފްސީ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ރަނގަޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިންނެވެ.

ދުބާއީގެ ރާޝިދު ސްޓޭޑިއަމްގައި ސީރިއާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން އިރުއޮއްސި 7 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާައަސްލަމް

    ކޮންމެބައެއް ތިއްބަސް ބަލިވާނީ ރާއްޖޭ.

  2. އުމަރު އަލީ

    މިސެގާރޓް ބޭރުކޮށްގެން ނޫނީ އެއްވެސް ކާމިޔާބީއެއްނެތް މީވެސް ލާދީނީ ވާހަކަ ދައްކާ ގޮލައެއް.