އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ސާކް ސަރަހައްދުގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސްއިން ނަބާހާ ޢަބްދުލްރައްޒާގް އާއި ނަބީހާ ޢަބްދުލްރައްޒާގްގެ ޕެއާއިން ބްރޯންޒް މެޑަލް ހޯދިއިރު އަންހެން ސިންގަލްސް އިވެންޓުން ނަބީހާ ބްރޯންޒް މެޑަލް ހޯދައިފިއެވެ.

ލިނިން ސައުތް އޭޝިއަން އެކާވީސް އަހަރުން ދަށުގެ ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ އަންހެން ޑަބަލްސްގެ ބައިން ނަބާހާ އާއި ނަބީހާ އަށް ތިންވަނަ ލިބުނީ ސެމީގައި ވަރުގަދަ އިންޑިއާގެ ދީޕްޝިކާ އާއި މަންސީ ސިންގް އަތުން ބަލިވުމުންނެވެ. މިބައިގެ ސެމީއިން ނާބާހާ އާއި ނަބީހާގެ ޕެއާއަށް ޖާގަ ލިބުނީ އަންހެން ޑަބަލްސްގެ އެއްވަނައަށް ނަބާހާ އާއި ނަބީހާގެ ޕެއާ ސީޑް ކުރެވިގެންނެވެ. ސެމީގައި އިންޑިއާގެ ޕެއާއަތުން ނަބާހާ އާއި ނަބީހާގެ ޕެއާ ބަލިވީ 21-19 އަދި 21-14 އިންނެވެ.

އަންހެން ސިންގަލްސްއިން ނަބީހާއަށް ތިންވަނަ ލިބުނީ މުބާރާތުގެ ސެމީގައި އިންޑިއާގެ ދީޕްޝިކާ ސިންގް އަތުން ބަލިވުމުންނެވެ. މެޗުގެ ސެޓުތަށް އިންޑިއާގެ ދީޕްޝިކާ ސިންގް ގެންދިޔައީ 21-14 އަދި 21-11 އިންނެވެ. މިބައިގެ ސެމީއަށް ނަބީހާ ދަތުރުކުރީ ކުއާޓާގައި ޕާކިސްތާނުގެ މެހްވިޝް ޚާން ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. އެމެޗުގެ ސެޓުތަށް ނަބީހާ ގެންދިޔައީ 21-14 އަދި 21-10 އިންނެވެ.

މިމުބާރާތުން ނަބީހާ ދެ މެޑަލް ހޯދިއިރު އޭނާ ވަނީ މިއަހަރުގެ މޮރީޝަސް ސީރީޒްއިން އަންހެން ޑަބަލްސްއިން ބްރޯންޒް މެޑަލް ހޯދާފައެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން އަންހެން ޑަބަލްސްއިން ރިހި މެޑަލް ހޯދިއިރު އެމުބާރާތުގެ އަންހެން ސިންގަލްސްއިން އޭނާ ވަނީ ރަންމެޑަލް ހޯދާފައެވެ.

ޔޫތް މިނިސްޓްރީން ބޮޑު ހަރަދަކާ އެކު އައްޑޫ ސިޓީގައި މުޅިން އަލަށް ބިނާކުރި އޭޝިއާގެ ބެޑްމިންޓަން ޓްރެއިނިންގް އެޕްރޫވަލް ކޯޓުގައި ކުރިއަށްދާ ސާކް ރީޖަނަލް ބެޑްމިންޓަން މުބާރާތަކީ މިދިޔަ ދެ ހަފުތާ ތެރޭގައި ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ތިންވަނަ ބެޑްމިންޓަން މުބާރާތެވެ.

ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތަކީ މިދިޔަ މަހުގެ 17 އިން 23 އަށް ކުރިއަށްދިޔަ ލިނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗަރ ސީރީސް އެވެ. 15 ގައުމަކުން 108 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރި އިރު މިދިޔަ މަހު 24 އިން 29 އަށް ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖްގެ ނަމުގައި އިތުރު މުބާރާތެއް ވަނީ ބާއްވާފަ އެވެ. އެ މުބާރާތުގައި 45 ގައުމަކުން 268 ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ.