ޖަޕާންގައި 1996 ވަނަ އަހަރު ބޭއްވި ވޮލީ ވޯލްޑްކަޕްގެ ތިން ވަނަ ކުރީގެ ޔޫގޮސްލޭވިއާގެ ގައުމީ ޓީމަށް ހޯދައިދިން ސާބިއާގެ މިލޯރާޑް ކިއާޗް، ރާއްޖޭ ގައުމީ ވޮލީ ޓީމުގެ ކޯޗް ކަމަށް ހަމަޖެއްސުމަށް ނިންމައިފި އެވެ.

އުމުރުން 70 އަހަރުގެ މިލޮރަޑް ގައުމީ ވޮލީ ޓީމުގެ ކޯޗަކަށް ހަމަޖެއްސިކަން އިއުލާނުކުރީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓަކުންނެވެ.

މިއީ ތަޖުރިބާއާ ހުރިހާ ކަމަކަށް ބަލާއިރު މިހާތަނަށް ވޮލީ ޓީމަށް ލިބޭނެ އެންމެ މޮޅު ކޯޗެވެ. ކިއާޗް ވަނީ އޭނާގެ އުފަން ގައުމު ކުރީގެ ޔޫގޮސްލޭވިއާގެ އިތުރުން އިރާން އާއި ބަލްގޭރިއާ އަށްވެސް ކޯޗް ކޮށްދީފަ އެވެ. ޔޫގޯސްލާވިއާ އާއި ސާބިއާ ޓީމުގެ ސެޓަރަކަށް މީގެ ކުރިން ކުޅުނު މިލޮރަޑް އޭނާގެ ކޯޗިން ކެރިއަރު ފަށާފައިވަނީ 1989 ވަނަ އަހަރު އެވެ. ސާބިއާގެ އެކި ޓީމުތަކަށް ކޯޗުކޮށް އަށް ފަހަރު އެ ގައުމުގެ ޗެމްޕިއަންކަން ހޯދައިދިނުމަށް ޔޫގޯސްލާވިއާ އާއެކު 1996 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި އެވެ.

ކިއާޗް ބަލްގޭރިއާ ގައުމީ ޓީމާ ހަވާލުވީ 2002 ވަނަ އަހަރު އެވެ. ބަލްގޭރިއާގެ ކްލަބްތަކަށް ކޯޗުކޮށްދީ އެ ގައުމުގެ ޗެމްޕިއަންކަން ވެސް ހޯދައިދިނުމަށްފަހު އެގައުމުގެ ގައުމީ ޓީމާއެކު ވޯލްޑް ލީގުގެ ފަސް ވަނަ ހޯދި އެެވެ.

އޭނާ އީރާން ޓީމާ ހަވާލުވީ 2006 ވަނަ އަހަރު އެވެ. އިރާންގެ ކޯޗް ކަމާ ހަވާލުވެ ވޯލްޑް ޗެމްޕިއަންޝިޕްގައި އޭނާގެ އިރުޝާދުގެ ދަށުން އީރާން ވާދަ ކުރި އެވެ.

މިލޯރާޑް ކިއާޗް އާ އެކު ވޮލީ ޓްރެއިނަރެއް ކަމަށްވާ، ސާބިއާގެ ކިއާޗް ރާޑޮވަން ވަނީ ގައުމީ ވޮލީ ޓީމުގެ ޓްރެއިނަރުގެ މަގާމަށް ހަމަޖައްސާފަ އެވެ. ރާޑޮވަން ވަނީ ސާބިއާގެ ގިނަ ޒުވާން ކުޅުންތެރިންތަކެއް ތަމްރީންކުރުމުގައި އިސްދައުރެއް އަދާކޮށްފައެވެ. އެގޮތުން އޭނާވަނީ 2008 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް އެ ގައުމުގެ އެކި އުމުރުފުރާތަކުގެ ޓީމުތަކުގެ އެސިސްޓަންޓް ކޯޗުކަމުގެ އިތުރުން ހެޑް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ. ވޭތުވެދިޔަ 3 އަހަރު އޭނާ މަސައްކަތް ކޮށްފައިވަނީ ސާބިއާގެ ދެވަނަ ޑިވިޝަންގެ ކުލަބަކާއެކުއެވެ.

ގައުމީ ފިރިހެން ޓީމުގެ ކޯޗަކަށް މިދިޔަ ދެ އަހަރު ހުރީ މުހައްމަދު ސާޖިދު (ކާއްޓެ) އެވެ. ގައުމީ ޓީމުގެ ކޯޗުކަމާ 2017 ވަނަ އަހަރުގެ ފަހުކޮޅު ހަވާލުވި ކާއްޓޭގެ ކޯޗުކަމުގައި ގައުމީ ޓީމު ވަނީ މިދިޔަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތާއި މިދިޔަ އަހަރު އިންޑޮނީޝިއާގައި އޮތް އޭޝިއަން ގޭމްސް އާއި މި އަހަރުގެ އައިއޯއައިޖީގެ އިތުރުން މި އަަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ކުޅެފަ އެވެ. އައު ކޯޗާއެކު ދިވެހި ގައުމީ ވޮލީޓީމު ކުރާ ފުރަތަމަ ތަޖުރިބާއަށް ވެގެންދާނީ ޑިސެމްބަރު މަހު ނޭޕާލްގައި އޮންނަ ސައުތު އޭޝިއަން ގޭމްސްއެވެ.