2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި ނޭޕާލް އާއި ވާދަކުރި މެޗު ކާމިޔާބުކޮށް އޮސްޓްރޭލިއާ އިން ގްރޫޕް ބީގެ އެންމެ ކުރިއަށް ޖެހިލައިފި އެވެ.

އޮސްޓްރޭލިއާގެ ވެރިރަށް ކެންބެރާގެ ޖިއޯ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު އެގައުމުން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 5-0ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު އޮސްޓްރޭލިއާ އަށް ގްރޫޕް ބީގެ އެއްވަނަ މަގާމު ލިބެނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ކުވެއިތު އޮތްއިރު ތިންވަނައިގައި އޮތީ ޖޯޑަން އެވެ. ހަތަރުވަނައިގައި ނޭޕާލް އޮތްއިރު މިއިން ކޮންމެ ޓީމަކަށްވެސް ތިން ޕޮއިންޓް ލިބިފައިވެ އެވެ. މި ގްރޫޕްގެ އެންމެ ފުލުގައި އޮތީ ޗައިނީސް ޓައިޕެއީ އެވެ. އެގައުމަށް އަދި ޕޮއިންޓެއް ލިބިފައިނުވެ އެވެ.

މިއަދުގެ މެޗުގައި އޮސްޓްރޭލިއާ އިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގަ އެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓުގައްޔާއި ނަވާރަ މިނެޓުގައި ލަނޑު ޖަހައި މެލްބަން ސިޓީ އަށް ކުޅެމުން އަންނަ ޖޭމީ މެކްލަރެން ވަނީ އޮސްޓްރޭލިއާ އަށް މެޗުގެ ކުރީކޮޅު ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފުގައި އޮސްޓްރޭލިއާ އަށް ތިން ލަނޑުގެ ލީޑެއް ލިބިގެންދިޔައީ 23 ވަނަ މިނެޓުގައި ހެރީ ސޫޓާ ޖަހައިދިން ލަނޑުންނެވެ.

ދެވަނަ ހާފުގައިވެސް ނޭޕާލްގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު އޮސްޓްރޭލިއާ އަށް ހަތަރު ލަނޑުގެ ލީޑެއް ލިބުނީ 59 ވަނަ މިނެޓުގައި ނޭޕާލްގެ ދިނޭޝް ރަޖްބަންޝީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި އެޓީމުގެ ފަސްވަނަ ލަނޑު މެކްލަރެން ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ ފަހު މިނެޓު ތެރޭގަ އެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި މިއަދު ދެކުނު އޭޝިއާގެ ގިނަ ޓީމުތަކުން ކުޅޭނެ އެވެ. އެގޮތުން ވަރުގަދަ ދެކުނު ކޮރެއާ އާއި ދެކޮޅަށް އަވައްޓެރި ސްރީ ލަންކާ ނުކުންނައިރު އޭޝިއާގެ ޗެމްޕިއަން ގަތަރާއި ދެކޮޅަށް ބަންގްލަދޭޝް މިރޭ ނުކުންނާނެ އެވެ. ކޮލިފައިންގެ އަނެއް ބުރަށް ދަތުރުކުރަން ބޭނުންނަމަ މިރޭ ގަތަރު އަތުން ރަނގަޅު ނަތީޖާއެއް ހޯދުން ބަންގްލަދޭޝް އަށް މަޖުބޫރެވެ.