2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރު ދެކުނު ކޮރެއާ އިން ނިކަމެތިވެފައިވާ އޮތް ސްރީ ލަންކާ ކޮޅަށް އަށް ލަނޑު ޖަހައިފި އެވެ.

ކޮލިފައިންގައި ލަންކާ އާއި ދެކުނު ކޮރެއާ މިއަދު ހަވީރު ވާދަކުރި މެޗު ކުޅުނީ ކޮރެއާގެ ވަޒޮންގް އޮގްޒިލަރީ ސްޓޭޑިއަމްގަ އެވެ. މިއަދުގެ މެޗުން ލިބުނު މޮޅާއެކު ދެކުނު ކޮރެއާ ވަނީ ގްރޫޕް އެޗްގެ އެއްވަނަ މަގާމަށް ޖެހިލާފަ އެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތް އުތުރު ކޮރެއާ އަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިރު ދެކުނު ކޮރެއާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ގްރޫޕް އެޗްގެ ތިންވަނަ މަގާމުގައި އޮތް ތުރްކަމެނިސްތާނަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ލުބްނާން އަށާއި ފުލުގައި އޮތް ލަންކާ އަށް ޕޮއިންޓެއް ލިބިފައެއްނުވެ އެވެ. މި ގްރޫޕްގައި މިރޭ ތުރްކަމެނިސްތާނާއި ލުބްނާން ވާދަކުރާނެ އެވެ.

މިއަދުގެ މެޗުގައި ދެކުނު ކޮރެއާ އިން ނެރެފައިވަނީ ފުދޭވަރަކަށް ވަރުގަދަ އެގާރައެކެވެ. އެޓީމުން މެޗާއި ކުރިމަތިލީ އިނގިރޭސި ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ ފޯވަޑް ސޮން ހިއުން މިންގެ ކެޕްޓަން ކަމުގެ ދަށުންނެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި 27 އަހަރުގެ ސޮން ވަނީ މިއަދުގެ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

ކޮރެއާ އިން ލަންކާ ކޮޅަށް ޖެހި އަށް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ޗައިނީސް ސުޕާ ލީގުގެ ޝަންގްހާއީ ޝެންހުއާ އަށް ކުޅެމުން އަންނަ ފޯވަޑް ކިމް ޝިން ވޫކް އެވެ. ކޮރެއާގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ އޮސްޓްރިއާގެ ރެޑްބުލް ސާލްޒްބާގުގެ ފޯވަޑް ހުވާން ހީ ޗާން އާއި ޖަރުމަނު ލީގުގެ އެފްސީ ފްރެއިބާގުގެ މިޑްފީލްޑަރު ކުވޮން ޝާންގް ހޫން އެވެ.

އަވައްޓެރި ލަންކާ އަށް އަދި މި ކޮލިފިކޭޝަންގައި ލަނޑެއް ޖެހިފައިނުވާއިރު ދެ މެޗުން އެގައުމު ކޮޅަށް އެގާރަ ލަނޑު ވަނީ ވަދެފަ އެވެ. މިވަގުތު ފީފާ ރޭންކިންގެ 202 ވަނައިގައި އެގައުމު އޮތްއިރު 2019 ގައި އެގައުމު ކުޅުނު ރަސްމީ މެޗުތަކުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ފުރަތަމަ ބުރުގައި މަކާއުއާ ދެކޮޅަށް ކުޅުނު މެޗެވެ. ލަންކާގެ ފުޓްބޯޅަ ފަހަކަށް އައިސް ބޮޑު އަނދަަވަޅަކަށް ވެއްޓިފައިވާއިރު އެގައުމުން އެންމެ ފަހުން ކުޅުނު ހަ މެޗުގައި ބައިކޮޅަށް 22 ލަނޑު ވަދެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަންސޫރަ

    ރާއްޖެ ނަމަ 16 ގޯލް ޖަހާ ނެ

    2
    1