ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގްރޫޕް އޭގައި ގުއާމް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޗައިނާ އިން ގްރޫޕްގެ އެއްވަނަ މަގާމުގައި ހަމަޖެހިލައިފި އެވެ.

މިއަދު ހަވީރު ޗައިނާގައި ކުޅުނު މެޗު އެގައުމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 7-0ގެ ނަތީޖާއަކުންނެވެ. މިއަދު ލިބުނު މޮޅާއެކު ޗައިނާ އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އެޓީމުގެ ފައިދާ ލަނޑުގެ އަދަދުގެ ވަނީ 12 އަށް އަރާފަ އެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި މާލޭގައި ރާއްޖެ އާއި ވާދަކުރި މެޗު ޗައިނާ ކާމިޔާބުކުރީ 5-0އިންނެވެ.

ގްރޫޕް އޭގެ ދެވަނައިގައި މިވަގުތު ސީރިއާ އޮތްއިރު ތިންވަނައިގައި އޮތީ ފިލިޕީންސް އެވެ. މިދެޓީމުގެ ފަހަތުން ރާއްޖެ އަށް ހަތަރުވަނަ މަގާމު ލިބެނީ ރާއްޖެ ކޮޅަށް ވަދެފައި ހުރި ލަނޑުގެ އަދަދު ގިނަވީމަ އެވެ. މިރޭ މި ގްރޫޕްގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސީރިއާ އާއި ރާއްޖެ އެވެ.

އިޓަލީ އަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކޯޗު މާސެލޯ ލިއްޕީގެ އިރުޝާދުގެ ދަށުން ކުޅޭ ޗައިނާ އިން މި މެޗަށް ނެރުނީ ނިސްބަތުން ޒުވާން ފުރަތަމަ އެގާރަ އެކެވެ. މިއަދުގެ މެޗުގައި ޗައިނާ އިން ޖެހި ހަތް ލަނޑުގެ ތެރެއިން ހަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގަ އެވެ. ޗައިނީސް ސުޕާ ލީގުގެ ޓިއާންހިން ޓިއަންހާއި އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވަޑް ޔާންގް ޒޫ ވަނީ މިއަދުގެ މެޗުގައި ހަތަރު ލަނޑު ޖަހާފަ އެވެ. އުމުރުން 32 އަހަރުގެ ޒޫ އޭނާގެ ހަތަރު ލަނޑުވެސް ކާމިޔާބުކުރީ ފުރަތަަމަ ތިރީސް މިނެޓު ތެރޭގަ އެވެ.

ފޯވާޑުންގެ ދަތިކަން ކުރިމަތިވުމުން އެ ގައުމުގެ ރަށްވެހިކަން ދިން ބްރެޒިލް ފޯވާޑް އެލްކެސަން ވެސް މިއަދުގެ ސްކޯ ޝީޓުން ޖާގަހޯދިއިރު އޭނާ ވަނީ މިދިޔަ މަހު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ރާއްޖެ ކޮޅަށް ވެސް ޖަހާފަ އެވެ. ގުއާމް ކޮޅަށް ޗައިނާގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ ސްޕެއިންގެ އެސްޕާންޔޯލް އަށް ކުޅެމުން އަންނަ ފޯވަޑް ވޫ ލީ އާއި ޗައިނީސް ލީގުގެ ޖިއާންގްޒޫ ސުނިންގެ މިޑްފީލްޑަރު ވޫ ޒީ އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޗައިނާ ދެން ނުކުންނާނީ މި މަހުގެ 15 ވަނަ ދުވަހު ފިލިޕީންސް އާއި ދެކޮޅަށެވެ. ހަމަ އެދުވަހު ގުއާމް ބައްދަލުކުރާނީ ސީރިއާ އާއެވެ.