ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ދިވެހިރާއްޖެ އާއި ސިރިއާ ބައްދަލު ކުރި މެޗު ސީރިއާ ކާމިޔާބުކޮށްފި އެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އަލް ރާޝިދް ސްޓޭޑިއަމްގައި ކުޅުނު މެޗު ސީރިއާ އިން ކާމިޔާބުކޮށްފައިވަނީ 2-1 ނަތީޖާއަކުންނެވެ.

މި މެޗަށް ރާއްޖޭން ނުކުތީ އެންމެ ފަހުން ގުއާމް ޗައިނާ އަތުން ބަލިވި މެޗަށް ނުކުތް ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ޗައިނާ އާއި ވާދަކުރި މެޗުގައި ދެއްކި ކާޑާއެކު ކުރިމަތިވި ސަސްޕެންޝަނާއި ހެދި ރާއްޖޭގެ ފޯވަޑް ލައިންގައި ހަރަކާތްތެރިވާ އެންމެ މުހިންމު ކުޅުންތެރިޔާ އިބްރާހިމް މަހުދީ ހުސައިން (ހަބޭސް އިއްބެ) އަށް މިރޭގެ މެޗުގައި ނުކުޅެވުނުއިރު ކެޕްޓަން އަކުރަމް އަބްދުލް ޢަނީ އަށް ވެސް ސަސްޕެންޝަންގެ ސަބަބުން މިރޭގެ މެޗު ގެއްލިގެންދިޔަ އެވެ. އަކޫ މިރޭގެ މެޗަށް ސަސްޕެންޑުވީ ޗައިނާ މެޗުގައި އޭނާ އަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ސީރިއާ އިންނެވެ. އެގޮތުން ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުމަރު އަލް ސަމާހު އެވެ. ސައުދީ އަރަބިއާގެ އަލް އަހްލީ އަށް ކުޅެމުން އަންނަ 30 އަހަރުގެ ފޯވަޑް ހުއްޓުވަން ދިވެހި ޑިފެންސް ލައިނުގައި ހަރަކާތްތެރިވި ކުޅުންތެރިންނަށް އުނދަގޫވެގެންދިޔައިރު ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އުމަރު ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ސީރިއާ އަށް ލީޑު ފުޅާކޮށްދީފަ އެވެ.

ސީރިއާ އިން ދެ ލަނޑުގެ ލީޑެއް ނެގިތާ ފަސް މިނެޓު ފަހުން އެޓީމުގެ ޑިފެންޑަރު އަހުމަދު އަލް ސާލިހު އަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އެއް ކުޅުންތެރިއަކު މަދުން ކުޅެމުންދިޔަ ސީރިއާގެ ޑިފެންސަށް ބާރުބޮޑުވެގެންދިޔައީ ރާއްޖޭގެ އިތުބާރު ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) ލަނޑެއް ޖަހައި ފަރަގު ކުޑަކުރުމުންނެވެ. ދަގަނޑޭ މިރޭގެ މެޗުގައި ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މި ނަތީޖާއާއެކު ސީރިއާ އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ގްރޫޕް އޭގެ ދެވަނަ މަގާމު ލިބެނީ ޗައިނާގެ ފަހަތުންނެވެ. މިއަދު ހަވީރު ގުއާމް ކޮޅަށް ޗައިނާ އިން ހަތް ލަނޑު ޖަހައިފައިވުމުން އެގައުމު އޮތީ ލަނޑުގެ ތަފާތުން ބޮޑު ލީޑެއްގަ އެވެ.

ސީރިއާ އަތުން ބަލިވި ކަމުގައިވިޔަސް ރާއްޖެ އޮތީ އަދިވެސް ގްރޫޕްގެ ހަތަރުވަނައިގަ އެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި ގައުމުން ބޭރުގައި ގުއާމް އަތުން ރާއްޖެ އަށް ތިން ޕޮއިންޓް ލިބުނު އިރު ގްރޫޕް އޭގެ ތާވަލުގައި ރާއްޖެ އަށް ވުރެ ކުރިން ފިލިޕީންސް އަށް ތިންވަނަ ލިބެނީ ލަނޑުގެ ތަފާތުން ކުރީގައި އޮތުމުންނެވެ. މި ގްރޫޕްގެ ފުލުގައި އޮތް ގުއާމް އަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައިނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ލަކީ

  ޙެހެ ކޮބާތޯ ހަނި ގޮތަކީ ފޫޓްބޯޅައިގަ އޮންނަ ނަނީ ޖަހާ ގޯލުން ނޫން ތޯ 2.1 ދެންކޮން ހަނި ގޮތެއް

  5
  7
 2. ހަސަނު

  އީރާނުން ކެމްބޯޑިއާ ބަލިކުރީ 14 ލަޑުން. އެއީ ފުޅާކޮށް ތަފާތު ބޮޑުކޮށް ފަސޭހައިން މޮޅުވުން.

  6
  1
 3. ކުއްލި

  ދަގަނޑޭއަށް ދެވުނު ފުރުސަތު މަދުވީ، ޒާތީވުމުގެ ނަތީޖާމީ. މިކަމުގެ ތަހްގީގެއް ކުރަންފެނޭ އަދި ކޯޗު ބޭރުކުރޭ. މުޅިފުޓުބޯޅަ ހަލާކުކޮށްފި އުމަރު އަލީ އާއި ޝަވީދު ވީބީ.

  6
  1
 4. ޕޮގުބާ

  އީރާންނުން ކެމްބޯޑިއާގެ މައްޗަށް ހަނިގޮތަކަށް ކުރި ހޯދައިފި