ވޯލްޑް ކަޕް ކޮލިފައިންގައި އީރާނުން ކެމްބޯޑިއާ ކޮޅަށް ލަނޑު ގޯންޏެއް ޖަހައިފި އެވެ.

މިހާރު ކުރިއަށްދާ އޭޝިއަން ކަޕް އަދި ވޯލްޑް ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި މިރޭ އީރާނާއި ކެމްބޯޑިއާ ބައްދަލުކުރި މެޗު އީރާނުން ކާމިޔާބުކޮށްފައިވަނީ 14-0 ގެ ނަތީޖާއަކުންނެވެ. އީރާނުން ޖެހި ސާދަ ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި އެޓީމުން ހަތް ލަނޑު ކާމިޔާބުކުރިއިރު ގަތަރުގެ ކްލަބު އަލް ސައިލިއާގެ ކުޅުންތެރިއާ ކަރިމް އަންސަރިފާދު ވަނީ މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފަ އެވެ.

ކަރިމް ހަތަރު ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދިއިރު ރަޝިއާގެ ޒެނިތު ޕީޓާސްބަގް އަށް ކުޅެމުން އަންނަ ސަރްދާރު އަޒްމޫން ވެސް ވަނީ ހެޓްރިކް ހަދާފަ އެވެ. ކަރިމް އާއި ސަރްދާރުގެ އިތުރުން ދެން އީރާނަށް ލަނޑުތައް ކާމިޔާބުކޮށްދިން ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލްގެ ރިއޯ އޭވްގެ މިޑްފީލްޑަރު މެހެދީ ތަރޭމީ އާއި އިރާނިއަން ލީގުގެ ސެޕަހަންގެ ފޯވަޑް މުހައްމަދު މޮހޭބީ ވެސް ހިމެނެ އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އިރާނިއަން ލީގުގެ ޕާސެޕޮލިސްގެ މިޑްފީލްޑަރު އަހުމަދު ނޫރަﷲ އާއި ޕޯޗުގަލްގެ ޑެސްޕޯޓިވޯ އޭވްސްގެ ކުޅުންތެރިއާ މެހެރްދާދް މުހައްމަދީ ވަނީ މެޗުގައި ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

ކެމްބޯޑީއާ އަތުން އީރާނުން މި ހޯދި ބޮޑު މޮޅާއެކު އެޓީމު ވަނީ ކޮލިފައިންގެ ގްރޫޕް ސީގެ އެއްވަނައަށް ޖެހިލާފަ އެވެ. ދެ މެޗުން ހަ ޕޮއިންޓް ލިބިގެން އީރާން އެއްވަނައިގައި ހަމަޖެހިލިއިރު ދެވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އިރާގެވެ. ތިންވަނައިގައި އޮތް ބަހްރެއިން އަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އިރާގަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ގްރޫޕްގެ ހަތަރުވަނައިގައި އެއް ޕޮއިންޓާއެކު ހޮންކޮންގް އޮތްއިރު ފުލުގައި އޮތް ކެމްބޯޑިއާ އަށް އަދި ޕޮއިންޓެއް ލިބިފައިނުވެ އެވެ.

މިރޭގެ މެޗަކީ ސާޅީސް އަހަރު ވަންދެން، އީރާނުގައި މެޗުތައް ބަލަން އަންހެނުންނަށް ދަނޑަށް ވަނުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް އައި ފަހުން އެގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެޗެއް ބަލަން އަންހެން ސަޕޯޓަރުން މިނިވަންކަމާއެކު ދަނޑަށް ވަން ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު އޮކްޓޫބަރު މަހުގައި އޭޝިއަން ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗު ބަލަން އަންހެން ސަޕޯޓަރުން ވަންނަން އީރާނުން ހުއްދަދިން ކަމުގައިވިޔަސް އެ މެޗަށް ފަހު އަލުން އިރާނުން އަންހެން ފުޓްބޯޅަ ސަޕޯޓަރުން ދަނޑަށް ނުވައްދަން ނިންމި އެވެ.

އޭގެ ފަހުން އަނެއްކާވެސް އަންހެން ސަޕޯޓަރުން ދަނޑަށް ވައްދަން އީރާނުން ނިންމީ ދާދި ފަހުން އީރާނުގެ އަންހެން ފުޓްބޯޅަ ސަޕޯޓަރަކު އަމިއްލަ އަށް ގައިގައި ރޯކޮށްލައިގެން މަރުވުމާ ގުޅިގެން ފީފާގެ ޓީމެއް އީރާނަށް ގޮސް ބޭއްވި ބައްދަލުވުންތަކަށް ފަހު އެވެ.

ސަހާރް ކޮދާޔަން ނަމަކަށް ކިޔާ އެ އަންހެން ސަޕޯޓަރު، އީރާނުގެ ކޯޓެއްގެ ބޭރުގައި އަމިއްލަ ގައިގައި ރޯކޮށްލައިގެން މަރުވީ ފުޓްބޯޅަ މެޗެއް ބަލަން ފިރިހެނެއް ގޮތަށް މޭކަޕް ކޮށްގެން އޭނާ ދަނޑަށް ވަނުމުން ހަ މަސް ދުވަހަށް ޖަލަށްލާން ނިންމުމުންނެވެ. މިރޭގެ މެޗު ކުޅުނު އާޒާދީ ސްޓޭޑިއަމް އަށް 78000 އެއްހާ މީހުންނަށް ވަދެވޭއިރު، އަންހެން ސަޕޯޓަރުންނަށް ކަނޑައެޅި 3500 ޓިކެޓް ވަނީ މަދު ވަގުތުކޮޅެއްގެ ތެރޭ ވިކި ހުސްވެފަ އެވެ.

ދީނީ އަދި ސަގާފީ ސަބަބުތަކެއްގެ ތެރެއިން އީރާނުން އަންްހެން ސަޕޯޓަރުން ދަނޑަށް ނުވައްދަން އެންމެ ފުރަތަމަ ނިންމީ 1981 ވަނަ އަހަރު އެވެ. މިދިޔަ ސާޅީހަކަށް އަހަރުތެރޭގައި އެގައުމުގައި ފިރިހެނުން ގޮތަށް މޭކަޕް ކޮށްގެން މެޗު ބަލަން ދަނޑަށް ވަންނަން މަސައްކަތްކުރި އަންހެން ސަޕޯޓަރުންތަކެއް ވަނީ އެތަކެއް ފަހަރު މަތިން ހައްޔަރުކޮށްފަ އެވެ.

ގިނަ އަހަރުތަކެއް ވަންދެން އަންހެން ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވޭ ގޮތަށް އޮތުމަށް ފަހު މިދިޔަ އަހަރު ޖެނުއަރީ މަހު ސައުދީ އަރަބިއްޔާ އިން ވެސް ވަނީ އެ ނިންމުން ބަދަލުކޮށް އަންހެން ސަޕޯޓަރުންނަށް މެޗުތައް ބަލަން ދަނޑަށް ވަނުމުގެ ފުރުސަތުދީފަ އެވެ.