މެންޗެސްޓަރ ޔުނައިޓެޑުގެ މެދުތެރެ އަށް ކުޅެމުން އަންނަ ސްޕޭން ގެ ހުއާން މަޓާ މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން މި ސީޒަނުގައި ވެސް މާޓާ އަށް އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބޭއިރު ރިޕޯޓުތައް ބުނާގޮތުން މާޓާގެ ބަދަލުގައި ޔުނައިޓެޑުން ގެންނަން މަސައްކަތް ކުރަނީ ޗެލްސީ އަށް ކުޅެމުން އަންނަ ވިލިއަންއެވެ. ވިލިއަން އަކީ ޔުނައިޓެޑްގެ މިހާރު ކޯޗު ހޯޒޭ މޮރީނިއޯއާއެކު މަސައްކަތް ކޮށްފައިވާ ކުޅުންތެރިއެއްކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް ވިލިއަން ޔުނައިޓެޑަށް ގެންނަން ޔުނައިޓެޑުން މަސައްކަތް ކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިހާރުވެސް ވިލިއަން ގެ އެޖެންޓުންނާއި ވާހަކަ ދައްކާ ކަމަށް ވެއެވެ.

ބްރެޒިލް އަށް އުފަން އުމުރުން 29 އަހަރުގެ ވިލިއަންގެ ފަރާތުން މި ސީޒަނުގެ ފަހުކޮޅު ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އޭނާ ޗެލްސީއާއެކު ހަދާފައިވާ ކޮންޓްރެކްޓު ހަމަވާނީ 2020 ވަނަ އަހަރުގައެވެ.

ކުރިޔަށް އަންނަ ސީޒަނުގައި މެންޗެސްޓަރ ސިޓީއާ ވާދަކުރުމަށް މޮރީނިއޯ އަންނަނީ ޔުނައިޓެޑް އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މާޓާ ޔުނައިޓެޑާއި ގުޅުނީ 2014 ވަނަ އަހަރު ޗެލްސީންނެވެ. އޭނާ ވަނީ ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 182 މެޗުގައި 39 ގޯލު ކާމިޔާބުކޮށްފައެވެ. ނަމަވެސް މޮރީނިއޯގެ ކޯޗުކަމުގެ ދަށުގައި މަޓާ އަށް ވަނީ ގިނަ މެޗުތަކުގެ ފުރަތަމަ އެގާރައިގައި ކުޅެވޭގޮތް ނުވެފައެވެ.

މި އަހަރުގެ ކުރީ ކޮޅު މާޓާ ވަނީ ގިނަ އަހަރުތަކެއް ވަންދެން ޔުނައިޓެޑްގައި ހުންނަން ބޭނުންވާ ކަމަށް ބުނެފައެވެ.

"ޔުނައިޓެޑާ ގުޅިއްޖެނަމަ އެމީހެއްގެ ފުޓުބޯޅަ ދިރިއުޅުން ވަރަށް ބޮޑައް ތަފާތުވާނެ. އެއީ ޔުނައިޓެޑަކީ ދުނިޔޭގެ ފުޓުބޯޅައިގައި ވެސް ވަރަށް ބޯޑު ކުލަބެއް ކަމުގައި ވާތީވެ. ކޮންމެ ދުވަހަކު އަހަރެން ހިތައް އަރާ އެއްޗަކީ ޔުނައިޓެޑާއެކީ އަހަރެން ކުރާ ކޮންމެ ފަރިތަކުރުމަކީވެސް އަހަންނަށް ލިބޭ ނަސީބެކޭ. ހުރިހާ އެންމެންގެ ވިސްނުމަކީވެސް އެކުވެރިކަމާއެކީ މޮޅުވެ، ގިނަ ތަށިތަކެއް ހޯދުން" މަޓާ ބުންޏެވެ.

ޔުނައިޓެޑާއެކު މާޓާ ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނަށްފަހު ހަމަވާނެއެވެ.
.