އޭޝިއަން އަދި ވޯލްޑް ކަޕްގެ ކޮލިފިކޭޝަންގައި ރޭ ބަންގްލަދޭޝް އާއި ވާދަކޮށް ކުރިހޯދައި ގަތަރުން ގްރޫޕްގެ އީގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ކޮލިފައިންގެ ގްރޫޕް އީގައި ރޭ ބަންގްލަދޭޝްގެ ބަންގަބަންދު ސްޓޭޑިއަމްގައި އެގައުމު އަތުން ގަތަރު މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. އެންމެ ފަހުން ކޮލިފައިންގައި އިންޑިއާ އަތުން އެއްވަރުވުމުން ގަތަރުން މި މެޗާއި ކުރިމަތިލީ ސީދާ ތިން ޕޮއިންޓަށެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެއްވަނައިގައި އޮތް ގަރަތަށް މިހާރު ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތީ ރޭ އަފްޢާނިސްތާނުގެ މައްޗަށް 3-0ގެ ނަތީޖާއަކުން ކުރިހޯދައި ހަ ޕޮއިންޓް ހަމަކުރި އޮމާނެވެ.

ތިންވަނަ މަގާމުގައި ތިން މެޗުން ތިން ޕޮއިންޓް ލިބިގެން އަފްޢާނިސްތާނު އޮތްއިރު ހަތަރުވަނަ މަގާމުގައި އޮތް އިންޑިއާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެގެން ގްރޫޕްގެ ފުލުގައިވާ ބަންގްލަދޭޝް އާއި ދެކޮޅަށް މި މަހުގެ 15 ވަނަ ދުވަހު ކުޅޭ މެޗު ކާމިޔާބުކޮށްގެން ތާވަލުގެ މައްޗަށް ޖެހިލުމުގެ ފުރުސަތު އިންޑިއާ އަށް އެބައޮތެވެ. އިންޑިއާ ވަނީ އެންމެ ފަހުން ދޯހާގައި ގަތަރާއި ވާދަކުރި މެޗު އެއްވަރުކޮށްފަ އެވެ.

ރޭގެ މެޗުގައި ބަންގްލަދޭޝް އިން ވަނީ އޭޝިއާގެ ޗެމްޕިއަނުންނާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ގަތަރަށް މެޗުގައި އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް މާގިނަ ހަމަލާތަކެއް ފޮނުވާލެވިފައިނުވާއިރު ބަންގާޅުން ފުރަތަމަ ހާފުގައި ދެ ހަމަލާއެއް ގަތަރުގެ ގޯލު ދަނޑިއަށް އަރުވާލި އެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ގަތަރުން ލީޑު ނެގުމެވެ. ގަތަރުގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ފެނިގެންދިޔަ އިރު މި ދެ ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ އެގައުމުގެ ސްޓާ ލީގުގެ އަލް ދުހެއިލް އަށް ކުޅެމުން އަންނަ މިޑްފީލްޑަރު ކަރީމް ބޫޑިއަފް އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އުޒްބެކިސްތާނުން ވަނީ ޔަމަނުގެ މައްޗަށް ކުރިހޯދާފަ އެވެ. އުޒްބެކިސްތާނުގައި ކުޅުނު މި މެޗުގައި އެގައުމުން ޔަމަނު ބަލިކޮށްފައިވަނީ ފަސޭހަކަމާއެކު 5-0ގެ ނަތީޖާއަކުންނެވެ. މިއީ ކޮލިފައިންގައި އެގައުމަށް ލިބުނު ފުރަތަމަ މޮޅެވެ. މި މޮޅާއެކު އެގައުމުން ވަނީ ގްރޫޕް ޑީގެ ތިންވަނަ އަށް ޖެހިލާފަ އެވެ. މި ގްރޫޕްގެ އެންމެ ކުރީގައި ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ސައުދީ އަރަބިއާ އޮތްއިރު ދެވަނައިގައި އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ސިންގަޕޫރެވެ. އުޒްބެކިސްތާނުގެ ފަހަތުން ހަތަރުވަނައިގައި ތިން ޕޮއިންޓާއެކު ފަލަސްތީނު އޮތްއިރު ފުލުގައި އޮތް ޔަމަނަށް ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ.

ގްރޫޕް ޖީގައި އިންޑޮނޭޝިއާ ބަލިކޮށް ޔުނައިޓެޑު އަރަބި އެމިރޭޓްސް އިން ވެސް ވަނީ އެ ގްރޫޕްގެ އެއްވަނަ އަށް ޖެހިލާފަ އެވެ. ރޭ ކުޅުނު މެޗުގައި އިންޑޮނޭޝިއާ އަތުން ޔޫއޭއީ މޮޅުވެފައިވަނީ 5-0 އިންނެވެ. މި ނަތީޖާއެކު ޔޫއޭއީ އެއްވަނަ އަށް ޖެހިލީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. މި ގްރޫޕްގެ ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ތައިލޭންޑް އޮތްއިރު ތިންވަނައިގައި އޮތް ވިއެޓްނުާމުން ވެސް ވަނީ ހަތަރު ޕޮއިންޓް ހޯދާފަ އެވެ. ތިން ޕޮއިންޓް ލިބިގެން މެލޭޝިއާ ހަތަރުވަނައިގައި އޮތްއިރު ފުލުގައި އޮތް އިންޑޮނޭޝިއާ ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ.