ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސް އާއި ޓޮޓެންހަމް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ދެވަނަ މިނެޓްގައި ގޮންޒާލޯ ހިގުއައިން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ ނުވަ ވަނަ މިނެޓްގައި ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީ އަކުން ހިގުއައިން ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މި ގޯލަށްފަހު ޔުވެންޓަސް އިން ފުދޭވަރަކަށް ޑިފެންސިވް ކުޅުމެއް ކުޅުނުއިރު ޓޮޓެންހަމް އިން ދިޔައީ ގޯލްޖަހާނެ ފުރުސަތުތައް ކައިރި ކައިރީގައި ތަނަވަސް ކުރަމުންނެވެ. އެގޮތުން މެޗުގެ 35 ވަނަ މިނެޓްގައި ހެރީ ކޭން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ޓޮޓެންހަމް އަށް ކުޑަކޮށްދީފައެވެ.

މި ގޯލަށްފަހު ވެސް ޓޮޓެންހަމް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޔުވެންޓަސް އަށް ވަނީ ޕެނަލްޓީ އެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ހިގުއައިން ފޮނުވާލި އެ ޕެނަލްޓީ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.

ޔުވެންޓަސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ޓޮޓެންހަމް އިންނެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓްގައި ޓޮޓެންހަމް އަށް ލިބުނު ހިލޭޖެހުމަކުން ކްރިސްޓިއަން އެރިކްސަން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ރޭގެ މެޗު އެއްވަރުވިއިރު މިއީ ޓޮޓެންހަމް އިން ބަލިނުވެ ފުރިހަމަކުރި 13 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ފަހަތުން އަރާ ޓޮޓެންހަމް އިން ޔުވެންޓަސް ހިފެހެއްޓިއިރު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ޓޮޓެންހަމް އިން ވަނީ ޖަރުމަނު ބްރޫޝިއާ ޑޯޓްމަންޑާއި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ރެއާލް މެޑްރިޑު ވެސް ބަލިކޮށްފައެވެ.

ޔުވެންޓަސް އާއި ޓޮޓެންހަމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ.