ފައިނަލުގައި ވަން އެންޑް އޮންލީ ރީތި ރަށް އަތުން 3-1 ސެޓުން މޮޅުވެ އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންސް ލީގުގެ ތަށި ބަނޑޮސް މޯލްޑިވްސް އިން ދިފާއުކޮށްފި އެވެ.

ބޯވާރޭގެ ތެރޭގައި ކުޅުނު ފައިނަލް މެޗުގެ ސެޓުތައް ބަނޑޮހުން ކާމިޔާބުކުރީ 25-19، 28-30، 25-20 އަދި 25-19 އިންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި ރީތި ރަށުން ރަނގަޅަށް ކުޅެމުންދަނިކޮށް ބަނޑޮހުން ވަނީ ފަހަތުން އަރައި ލީޑުނަގައިފަ އެވެ. ހުނަރުވެރި ކުޅުންތެރިއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ފަރާތުން ތަފާތު ފެނިގެންދިޔައިރު މި ސެޓު ބަނޑޮހުން ފަހުވަގުތު ގެންދިޔައީ 25-19 އިންނެވެ.

ފުރަތަމަ ސެޓު ގެއްލުމުން ރީތި ރަށުން ދެ ވަނަ ސެޓުގައި އިތުރު ހިތްވަރެއްލި އެވެ. ގައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ އާދަމް ނަސީމް (އެޑަމް) އާއި ތަޖުރިބާކާރު ކުޅުންތެރިޔާ އަޝްފާގު އާދަމް (އައްކަޅޭ)ފެ ފަރާތުން މޮޅު އެޓޭކްތަކެއް މި ސެޓުގައި ފެނިގެންދިޔައިރު އެ ޓީމުން 28-30 އިން ސެޓު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ.

މެޗުގެ ތިންވަނަ ސެޓުގެ ބޮޑުބައިގައި ރީތި ރަށުން ލީޑުގައި އޮތް ނަމަވެސް ފަހުކޮޅު ބަނޑޮހުން ވަނީ މޮޅު ކުޅުމެއް ދައްކައި 25-20 ސެޓު ކާމިޔާބުކޮށްފަ އެވެ. ތިން ވަނަ ސެޓުގައި ލީޑުގައި އޮވެ އޭގެ ބޭނުން ނުހިފުމުން ހަތަރު ވަނަ ސެޓުގައި ރީތި ރަށް ފެނުނީ ކުރީ ދެ ސެޓަށް ވުރެން ދަށްކޮށެވެ. ސެޓުގެ ބޮޑ ބައިގައި ރަނގަޅު ލީޑެއްގައި އޮތް ބަނޑޮހުން ވަނީ މި ސެޓު 25-19 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.

މުބާރާތުގެ ޑްރީމްޓީމުގައި ހިމެނެނީ ބަނޑޮހުގެ ކުޑަކާއްޓެ، އަހުސަން، ބަޓިސް، ރަޒާނާއި ރީތި ރަށުގެ ނަބީލް، އެޑަމް އަދި ހަސަން އިބްރާހިމް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވިފައިވަނީ ބަނޑޮހަށް އިރުޝާދު ދިން ގައުމީ ފިރިހެން ޓީމުގެ ކުރީގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.

މިއަދުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އެވެ.