އަންނަ އަހަރު އޮންނަ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުތަކުން ޕޯޗުގަލް އާއި ފްރާންސް މޮޅުވިއިރު އިންގްލޭންޑް ބަލިވެއްޖެ އެވެ.

ޔޫރޯ ކޮލިފިކޭޝަންގައި ރޭ ޕޯޗުގަލް އާއި ލަގްޒެމްބާގް ބައްދަލުކުރި މެޗު ޕޯޗުގަލް ކާމިޔާބުކޮށްފައިވަނީ 3-0ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕޯޗުގަލްގެ ލަނޑުތައް ޖަހައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބަރްނާޑޯ ސިލްވާގެ އިތުރުން ގޮންޒާލޯ ގުއިޑެސް އެވެ.

މި ނަތީޖާއާއެކު ޕޯޗުގަލް ވަނީ ގްރޫޕް ބީގެ އެއްވަނައިގައި އޮތް ޔުކްރެއިން އާއި ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އިތުރަށް އެއް މެޗު ކުޅެގެން ޔުކްރެއިން އަށް ގްރޫޕްގެ އެއްވަނަ ލިބެނީ ސޯޅަ ޕޮއިންޓާއެކު އެވެ. ފަސް މެޗުން އެގާރަ ޕޮއިންޓް ލިބިގެން ޕޯޗުގަލް ދެވަނައިގައި އޮތްއިރު ހަތް ޕޮއިންޓާއެކު ސާބިއާ އޮތީ ތިންވަނަ މަގާމުގަ އެވެ. ހަތަރު ޕޮއިންޓާއެކު ލަގްޒެމްބާގް ހަތަރުވަނައިގައި އޮތްއިރު ފުލުގައި އޮތް ލިތުއޭނިއާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ޕޯޗުގަލް މޮޅުވެ ޔޫރޯ އަށް ކޮލިފައިވުމާއި ގާތަށް ޖެހިލިއިރު ދުނިޔޭގެ ޗެމްޕިއަން ފްރާންސް ވަނީ އައިސްލޭންޑްގެ މައްޗަށް ހަނިމޮޅެއް ހޯދައި ގްރޫޕް އެޗްގެ އެންމެ ކުރީގައި އޮތް ތުރުކީ އާއި ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ. ރޭ އައިސްލޭންޑްގައި ކުޅުނު މެޗު ފްރާންސުން ކާމިޔާބުކޮށްފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުވައި ފްރާންސަށް ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއެއްގައި ފޯވަޑް އޮލިވިއާ ޖިރޫޑް އެވެ. މިއީ ޗެލްސީ ކުޅުންތެރިއާ ގައުމީ ޓީމަށް ޖަހައިދިން 37 ވަނަ ލަނޑެެވެ.

މުހިއްމު ގިނަ ކުޅުންތެރިންނާއި ނުލާ ފްރާންސުން މި ހޯދި މޮޅާއެކު އެޓީމަށް ހަތް މެޗުން އަށާރަ ޕޮއިންޓް ލިބިފައިވީނަމަވެސް ލަނޑުގެ ތަފާތުން ތުރުކީ ކުރީގައި އުޅޭތީ މިވަގުތު މި ގްރޫޕްގެ އެއްވަނައިގައި އޮތީ ތުރުކީ އެވެ. ބާރަ ޕޮއިންޓާއެކު އައިސްލޭންޑް ތިންވަނައިގައި ވިއްދާފައި އޮތްއިރު ނުވަ ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ އަލްބޭނިއާ އެވެ. ފަސްވަނައިގައި އޮތް އެންޑޯރާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް މޮލްޑޯވާ އަށް ވެސް ލިބިފައިވަނީ ހަތް މެޗުން ތިން ޕޮއިންޓެވެ.

ކޮލިފކޭޝަންގައި ވިލާތުގެ ގަދަ ބާރުތައް ރޭ މޮޅުވިނަމަވެސް އިންގްލޭންޑަށް ޗެކް ރިޕަބްލިކް ކައިރިން ސަލާމަތެއް ނުވެވުނެވެ. ކެޕްޓަން ހެރީ ކޭންގެ ޕެނަލްޓީން އިންގްލޭންޑުން ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ލީޑު ނެގިނަމަވެސް އޭގެ ހަތަރު ވަރަކަށް މިނެޓުފަހުން ބްރާބެކްގެ ލަނޑުން ޗެކް ރިޕަބްލިކުން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އޭގެ ފަހުން މެޗު ނިމެން ކައިރިވެފައިވަނިކޮށް އޮންދްރަސެކް ވަނީ ލަނޑެއް ޖަހައި ޗެކް ރިޕަބްލިކަށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

މި ނަތީޖާއާއެކު މި ގްރޫޕްގައި އިންގްލަންޑުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް ނިމުމެއް އައިސްފައިވާއިރު ޗެކް ރިޕަބްލިކް ވަނީ ޕޮއިންޓްގެ ގޮތުން އިންގްލަންޑާއި އެއްވަރުކޮށްފަ އެވެ. މިދެޓީމަށްވެސް ބާރަ ޕޮއިންޓް ލިބިފައިވާއިރު އިންގްލަންޑަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕްގެ ތިންވަނައިގައި އަށް ޕޮއިންޓާއެކު ކޮސޯވޯ އޮތްއިރު ތިން ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ މޮންޓެނެގްރޯ އެވެ. ގްރޫޕްގެ ފުލުގައި އޮތް ބަލްގޭރިއާ އަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ.