ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ ފުޓްސަލް ޗެލެންޖުގެ ދެ ވަނަ ބުރުގެ ކުޅުން މިރޭ ފަށާނެ އެވެ.

އަށް ޒޯނުން ފައިނަލް ބުރަށް ހޮވުނީ ކޮންމެ ޒޯނަކުން އެންމެ ކުރި ހޯދި ދެ ޓީމެވެ. ފައިނަލް ބުރުގައި 15 ޓީމަކުން ވާދަކުރަނީ ޒޯން ހަތެއްގައި ހިމެނޭ ފުވައްމުލަކުން ޓީމެއް ބައިވެރިވެފައި ނުވާތީ އެ ޒޯނުގެ ރަނަރަޕް ޓީމެއް ނެތުމުންނެވެ. ފުވައްމުލަކާ އެކު ޒޯން ހަތެއްގައި ހިމެނެނީ އައްޑޫ ސިޓީ އެވެ. އައްޑޫ ސިޓީގެ ޗެމްޕިއަންކަން ހޯދައި ފައިނަލް ބުރުގެ ސީދާ ޖާގައެއް ހޯދީ މަރަދޫ އެވެ. 15 ޓީމަކުން ފައިނަލް ބުރުގައި ވާދަކުރާތީ ށ. ގޮއިދޫ އަށް ވަނީ އޮޓަމެޓިކުން ކުއާޓާ ފައިނަލުގެ ޖާގަ ލިބިފަ އެވެ. ދެ ވަނަ ބުރުގައި ގޮއިދޫ ވާދަކުރަން އޮތީ ޒޯން ހަތެއްގެ ރަނަރަޕް ޓީމާ އެވެ.

ދެ ވަނަ ބުރުގައި މިރޭ ކުޅޭ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ޒޯން ތިނެއްގެ ޗެމްޕިއަންކަން ހޯދި އއ. ބޮޑުފޮޅުދޫ ނުކުންނާނީ ޒޯން ދޭއްގެ ރަނަރަޕް ރ. އިނގުރައިދޫއާ ދެކޮޅަށެވެ. މިރޭ ކުޅޭ ދެވަނަ މެޗުގައި ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދި ބ. އޭދަފުއްޓާއި ޒޯން އެކެއްގެ ރަނަރަޕް ނައިވާދޫ ވާދަކުރާނެ އެވެ. މި ދެޓީމަކީ މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައިވާ ދެޓީމެވެ. އެމެޗު 7-3 އިން ކާމިޔާބުކުރީ އޭދަފުއްޓެވެ.

މިރޭ ކުޅޭ ފަހު މެޗުގައި ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދި މ. ދިއްގަރު ނުކުންނާނީ ޒޯން ތިނެއްގެ ރަނަރަޕް ކ. ގުރައިދޫއާ ދެކޮޅަށެވެ. ދިއްގަރު ފައިނަލް ބުރަށް ކޮލިފައިވީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދައިގެންނެވެ. ދިއްގަރާ ދެކޮޅަށް ނުކުންނަ ގުރައިދޫއަށް މިއަހަރުގެ ފައިނަލް ބުރުން ފުރުސަތު ލިބުނީ ހަނި ގޮތަކަށެވެ. ޒޯން ތިނަކުން އެޓީމަށް ފައިނަލް ބުރުން ފުރުސަތު ލިބުނީ ޅ. ހިންނަވަރާ ޕޮއިންޓުގެ ގޮތުންނާއި ގޯލުގެ ތަފާތުން އެއްވަރުވެ ޖެހި ގޯލުން ކުރި ލިބުމުންނެވެ.

ދެ ވަނަ ބުރުގައި މާދަމާރޭ ކުޅޭ ފުރަތަމަ މެޗުގައި ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށި ނުކުންނާނީ މާލެ ހިމެނޭ ޒޯން އަށެއްގެ ރަނަރަޕް ހެންވޭރާ ދެކޮޅަށެވެ. ތިމަރަފުއްޓަކީ މި 2016 ވަނަ އަހަރުގެ ގޯލްޑެން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. އަދި ހެންވޭރަކީ 2017 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ ޓީމެވެ. މާދަމޭ ރޭ ކުޅޭ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާފަންނު ނުކުންނާނީ ޒޯން ހަތަރެއްގެ ދެ ވަނަ ހޯދި އޮމަދޫއާ ދެކޮޅަށެވެ. ފައިނަލް ބުރުގެ ފަހު ދެ މެޗުގައި އައްޑޫ ޒޯންގެ ޗެމްޕިއަންކަން ހޯދި މަރަދޫ އާއި ޒޯން ހައެއްގެ ރަނަރަޕް ގދ. މަޑަވެލި ބައްދަލުކުރާއިރު ޒޯން ހައެއްގެ ޗެމްޕިއަން ލ. ގަން އަދި ޒޯން ފަހެއްގެ ރަނަރަޕް ފ. ނިލަންދޫ ވާދަކުރާނެ އެވެ.

ދެ ވަނަ ބުރުގެ މެޗުތަކަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލް ހަތަރު މެޗު ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ. ސެމީ ފައިނަލް މެޗުތައް މި މަހުގެ 17 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ދޭނީ 25،000 ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  މިފަހަރު މި މުބަާާރާަތުގެ ޗެމްޕިއަންކަން ނަގަާނީ އޭދަފުށި ޓީމް. އިންޝާﷲ

  3
  1
 2. މުހައްމަދު

  ވަރުގަދަ ޓީމަކާއި ޖެހިލަނިކޮން (އޭދަފުށީގެ) ފެންވަރު އެނގިދާނެ!

 3. ބަކުރު

  ހީވަނީ އޭދަފުށި ފަހަރެއްހެން... ހޮނިހިރު ބަތްޕެން

 4. ތަކުރު

  ށ. ގޮއިދޫގެ ކުޅުންގަނޑު ވަރަށް ރީތި.. ތަފާތު ދައްކާނެކަމަށް ބެލެވޭ