ސްވިމް މޯލްޑިވްސް އިން އާއްމުންނަށް ހުޅުވާލައިގެން 198 ފެތުންތެރިންނާއެކު 'ދިރާގު މާލޭ އޯޕަން' ގެ ނަމުގައި ބޭއްވި އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކީ ނިންމާލައިފި އެވެ.

ރަސްފަންނު ސަރަހައްދާ ދިމާލުން ކަނޑުގައި ބޭއްވި މި މުބާރާތް ކުރިއަށްދިޔައީ ހަތް ކެޓަގަރީއަކަށް ބަހާލެވިގެންނެވެ. އެއީ 10 އަހަރުން ދަށުގެ ކުދިންނަށް ބޭއްވި 500 މީޓަރުގެ ރޭހާއި 11-14 އަހަރާ ދެމެދުގެ ކުދިންނާއި 15-19 އަހަރާ ދެމެދުގެ ކުދިންނަށް ބޭއްވި އެއް ކިލޯމީޓަރު ރޭހާއި 20-29 އަހަރާ ދެމެދާއި 30-39 އަހަރާ ދެމެދާއި 40-49 އަހަރާ ދެމެދަށް އަދި 50 އަހަރުން މައްޗަށް އެއް ކިލޯމީޓަރުގެ ރޭހަކާއި 500 މީޓަރުގެ ރޭހެވެ. މި ކެޓެގަރީތަކު ތެރެއިން 500 މީޓަރު ރޭސް 30 މިނެޓުގެ ތެރޭ ނިންމަން ޖެހުނު އިރު އެއް ކިލޯމީޓަރުގެ ރޭސް އެއް ގަޑިއިރުގެ ތެރޭ ނިންމަން ޖެހުނެވެ.

ޖުމްލަ 198 އަށް ފެތުންތެރިން މި މުބާރާތުގައި ބައިވެރިވިއިރު މީގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ތިން ފެތުންތެރިއަކު ވެސް ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭން ބޭރު ފެތުންތެރިން ވެސް ބައިވެރިވިއިރު ރާއްޖެގައި މަސައްކަތްކުރާ ބައެއް ބިދޭސީން ވެސް ވަނީ މިއަދުގެ އިވެންޓުގައި ވާދަކޮށްފަ އެވެ.

މާލެ އޯޕަންގައި ކޮންމެ އުމުރުފުރާއަކުން އެއް ވަނަ، ދެވަނަ އަދި ތިން ވަނަ މަގާމު ހޮވިއިރު ހުރިހާ އުމުރުފުރާތައް އެއްކޮށްގެން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ވެސް ވަނީ ހޮވާފަ އެވެ. މި ވަނަތައް ހޮވާފައިވަނީ އަންހެން ފިރިހެން ވަކިންނެވެ. މީގެ އިތުރުން ފެތުން ފުރިހަމަކުރި ކޮންމެ ފެތުންތެރިއަކަށް ރޭސް ނިންމިކަމުގެ މެޑަލް ވެސް ލިބިގެންދިޔަ އެވެ.ފެތުން ވަރަށް ބޮޑަށް ޕްރޮމޯޓްކުރަމުން އަންނަ މަޝްހޫރު ގާނޫނީ ވަކީލް ހުސެއިން ޝަމީމްގެ ސްވިމް މޯލްޑިވްސް އިން ބޭއްވި މާލޭ އޯޕަން އަކީ އާންމުންނަށް ހުޅުވާލައިގެން ރާއްޖޭގައި ބޭއްވި ފެތުމުގެ އެންމެ ބޮޑު މުބާރާތެވެ. ފެތުމަށް ޝައުގުވެރިކަން ހުރި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްދިޔަ މި މުބާރާތް އާންމުންނަށް ހުޅުވާލީ ރާއްޖެ އަކީ ފެތުންތެރިން އުޅޭ ގައުމަކަށް ހަދައި ފެތުންތެރިން އިތުރު ކުރުމަށް ކަމަށް ސްވިމް މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.

ސްވިމް އެސޯސިއޭޝަނުގެ ރައީސް ހުސެއިން ޝަމީމް ވިދާޅުވީ މާލެ އޯޕަންގެ ނަމުގައި މި މުބާރާތް މާލޭގައި ފެށި ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ރަށްރަށުގައި ވެސް މި މުބާރާތް ބާއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި މުބާރާތް މާލޭގައި ފެށި ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް މިފަދަ މުބާރާތްތައް ކުރިއަށް ގެންދާނަން. އަދި ހަމަ މި މުބާރާތަށް ކޮލިފައިވާ ގޮތަށް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުބާރާތްތައް ކުރިއަށް ގެންދިއުމަށް ވިސްނަމުން މިދަނީ. ސްވިމް މޯލްޑިވްސް އަކީ ފެތުމުގެ ހަރަކާތްތައް ރާއްޖޭގައި ކުރިއަރުވާ، ރާއްޖޭގެ ކޮންމެ މީހަކީ ފަތަން ދަންނަ މީހަކަށް ހަދަން މަސައްކަތް ކުރާ ޖަމިއްޔާއެއް" ޝަމީމް ވިދާޅުވި އެވެ.

މި އިވެންޓަކީ ސްވިމް މޯލްޑިވްސްގެ ދެ ވަނަ އިވެންޓެވެ. ފުރަތަމަ އިވެންޓަކީ މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި 'ބާ ބީއާރް ކްރޯލް' އެވެ. ތިމާވެއްޓަށް ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބޭއްވި މި އިވެންޓް ބ. އޭދަފުށިން ފަށައި ކެންދޫ އަށް ނިންމާލީ 43.7 ކިލޯ މީޓަރަށް ފަތައި 23 ރަށަށް އެރުމަށް ފަހު އެވެ.