ދުވުމުގައި މިހާތަނަށް އިންސާނަކަށް ކާމިޔާބުކުރެވިފައިނުވާ ހަމައެކަނި ގޮންޖެހުން ކަމަށްވާ ދެ ގަޑިއިރަށް ވުރެ އަވަހަށް މެރެތަންއެއް ނިންމުމުގެ ޝަރަފު ކެންޔާގެ އެލިއޫޑް ކިޕްޗޯޖް ހޯދައިފި އެވެ.

އޮސްޓްރިއާގެ ވެރިރަށް ވީނާގެ ހިތްގައިމު ޕާކެއް ކަމަށް ޕްރެޓާގައި، 41 ޕޭސްމޭކަރުންނާ އެކު ދުވެ، އެލިއޫޑް މި ބޮޑު ކާމިޔާބު ހާސިލްކުރީ 1 ގަޑި 59 މިނިޓް 40 ސިކުންތުން، 42.2 ކިލޯމީޓަރު ކަނޑައްތުކޮށްގެންނެވެ.

ދުނިޔޭގެ އެކި ޓީވީތަކުންނާއި ޔޫޓިއުބުން ވެސް ވަގުތުން ދެއްކި މި ދުވުން ކާމިޔާބު އިވެންޓަކަށް ހަދަން، އެތައް ހާސް ބަޔަކު އެއްވެ އެލިއޫޑް އަށް ތަރުހީބާއި ހިތްވަރު ދިނެވެ. ބާރު ސްޕީޑެއްގައި ދިގު ރާސްތާއެއް ކަނޑައްތުކުރަމުން ދިޔަ އިރު ވެސް، އެލިއޫޑްގެ ފަރާތުން މާޔޫސްވުމެއް ނޫނީ ހާސްވުން ފަދަ އެއްވެސް އަސަރެއް ފެނިފައިނުވާއިރު 25،000 ވަރަކަށް ހާސް މީހުންގެ ކުރިމަތީގައި އެލިއޫޑް މެރަތަން ނިންމީ ވަރަށް ބޮޑު އިތުބާރަކާއެކު އެވެ.

 

މިހާރު ވެސް މެރެތަންގެ ދުނިޔޭގެ ރެކޯޑް ކަމަށްވާ ދެ ގަޑި 1 މިނިޓް 39 ސިކުންތުގެ ހައްގުވެރިޔާ ކަމަށް ވާ އެލިއޫޑް މިއަދު މި ހޯދި ބޮޑު ކާމިޔާބީ އަކީ އާދައިގެ ކާމިޔާބީއެއް ނޫނެވެ. މިއަދާ ޖެހެންދެން، އިންސާނަކަށް މިކަން ވެދާނެ ކަމަށް ދުވުމުގެ ތަޖުރިބާކާރުންނާއި ސައިންސްވެރިން ގަބޫލެއްނުކުރި އެވެ. އެއީ އި އެހާ ބާރު ސްޕީޑެއްގައި، 42 ކިލޯމީޓަރު، ދެ ގަޑިއިރަށް ވުރެ އަވަހަށް އިންސާނަކަށް ނުޖެހޭނެ ސަބަބުތައް ގިނަވެފައި، އެފަދަ ކަމަކަށް ބޭނުންވާ ހަށިގަނޑެއްގެ ވެރިޔަކު މީގެ ކުރިން ފެނިފައެއް ނުވެ އެވެ.

މީގެ ދެ އަހަރު ކުރިން 2017 ގައި، ނައިކްގެ ފަރާތުން ހިންގި "ބްރޭކިން ޓޫ" ޕްރޮޖެކްޓްގައި، އެލިއޫޑް އަށް އެ ލަނޑުދަނޑި ހާސިލްނުވީ އެންމެ 25 ސިކުންތު ލަސްވެގެންނެވެ. އިޓަލީގެ މޮންޒާގައި އޮންނަ ކާރު ރޭސް ޖަހާ ޓްރެކެއްގައި އެފަހަރު މެރަތަންގެ ރާސްތާ ކަނޑައްތުކުރެވުނީ ދެ ގަޑި 25 ސިކުންތުންނެވެ. އެދުވަހު އެލިއޫޑް ހޯދި ކާމިޔާބީއަކީ މިއަދާ ޖެހެންދެން މިހާތަނަށް 42 ކިލޯމީޓަރުގެ ދުވުން އިންސާނަކު ފުރިހަމަ ކުރި އެންމެ އަވަސް ވަގުތެވެ.

އެ ދުވަހުގެ ރޭހަށް ފަހު، ކިޕްޗޯޖް، 34، މައުނަވީ ގޮތަކަށް ބުނީ، "ދުނިޔެ އެ އޮތީ އެންމެ 25 ސިކުންތު ދުރުމިނުގައި" ކަމަށެވެ. އޭގެ ދެ އަހަރު ފަހުން މިއަދު އެ ބޮޑު ވަރުގަދަ ޗެލެންޖް ކާމިޔާބުކުރުމަށްފަހު އެލިއޫޑް ބުނީ އިންސާނުން މަސައްކަތްކޮށްފި ނަމަ ނުވާނެ ކަމެއް ނޯންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކައުންސެލަރު

    ކޮބާ ސައިންސްވެރިން އިސްތިއުފާ ދޭކަށްނުވޭތަ؟

    10
    2
    • ސައިންޓިސްޓް

      އިސްތިއުފާދެކަށް ނުޖެހޭނެ. އިސްތިއުފާދޭންވީ ތަންދޮރުނޭގޭ މީހުން.

      6
      1
  2. ބިލީފް

    އިންސާނުންނަށް މާތް ﷲ ޢިލްމުން ދެއްވި އެއްޗެއް މެނުވީ ނުލިބޭ.

    17