މި އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ކުލްބު ލައިސަންސް ހޯދުމުގެ ފުރުސަތު ފުޓްބޯޅަ އެސޯސިއެޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފިއެވެ.

އަންނަ މަހު ފަށާ ދެވަނަ ޑިވިޝަން މުބާރާތުގައި ވާދަކުރާ ޓީމުތަކާއި އެފްއޭއެމް އިން ބައްދަލުކޮށްފައިވާއިރު މިފަހަރު ލައިންސަންސަށް އެދޭއިރު މިދިޔަ އަހަރު ކުލަބު ހިންގި ގޮތުގެ ތަފްސީލް ރިޕޯޓާއި ފައިސާ ހޭދަކުރި ގޮތުގެ ރިޕޯޓްގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ލިޔުން ހުށަޙަޅަން ޖެހޭކަން އެ އިދާރާއިން ވަނީ ކްލަބު ތަކަށް އަންގާފައެވެ. ރާއްޖޭގެ ކުލަބުތައް އޭއެފްސީ މިންގަނޑަށް ފެއްތުމުގެ ގޮތުން ކުރާ މަސައްކަތުގެ ދަށުން ދެ ވަނަ ޑިވިޝަނުގެ ޓީމުތަކަށް ދޭން ނިންމާފައިވަނީ ލޯކަލް ލައިސަންސެކެވެ.

މިފަހަރު އެފްއޭއެމުން ނިންމާފައިވަނީ މި އަހަރު ބީ ލައިސަންސް ނެތް ކޯޗަކަށް ދެ ވަނަ ޑިވިޝަނުގައި ހެޑް ކޯޗުކަން ނުކުރެވޭގޮތަށެވެ. އެފްއޭއެމުން ވަނީ މި އަހަރު ކުރީކޮޅު ކުލަބުތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދައިދިނުމުގެ ގިނަ އަދަދެއްގެ ކޯޗިން ކޯސްތަކާއި އެޑްމިނިސްޓްރޭޓިވް ކޯސްތަކެއް ހިންގާފައެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ދަ ގްރޭންޑް އަމީގޯސް ނިއު ޖެނެރޭޝަން ކްލަބެވެ. ދަ ގްރާންޑޭ އިން ތަށި އުފުލާލީ ފައިނަލްގައި ވާދަކުރި ޖޭޖޭ ސްޕޯޓްސް ކްލަބްގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. އެ މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ދަ ގްރާންޑޭގެ ޒައިދު އިބްރާހިމް ހޮވުނުއިރު، އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ހަމަ އެޓީމުގެ އިޔާން އަބުދުލް އަލީމް އެވެ.

މި އަހަރުގެ ދެ ވަނަ ޑިވިޝަނުގައި ފެނިގެންދާނެ އެންމެ މަޝްހޫރު ޓީމަކަށްވާނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ވެލެންސިއާއެވެ. 39 އަހަރަށް ފަހު އެ ޓީމު ދެ ވަނަ ޑިވިޝަނަށް ވެއްޓުނީ މިދިޔަ އަހަރުގެ މާލޭ ލީގުގެ ގަދަ ހަޔަކުން ކެޓުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެގާރަ

    މިހާރުހީވެ ތިޔަ ލައިސަންސުގެ ކަންތައް ހިނގާހެން. މިދިޔަ އަހަރު ތިކަމެއް ނުވެގެން އޭ.އެފް،ސީ އިން ޖާގަ ގެއްލުނީ. ބައްސާމް ތިކަން ކުރަން ހަވާލުކުރިމީހާ ތިމަސައްކަތް ވަރަށް ރަގަޅަށް އެބަކުރޭ. އެބަ ރަގަޅުވޭ،