މިދިޔަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި އަޒްޔާން އާއި ނާސިފް އަދި މަހްފޫޒް ހިމެނިއްޖެ އެވެ.

މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ތިން ކްރިކެޓަރުން ކަމަށްވާ ޔޫސުފް އަޒްޔާން ފަރުހަތު އާއި އާދަމް ނާސިފް އުމަރުގެ އިތުރުން ގައުމީ ޓީމްގެ ކެޕްޓަން މުޙައްމަދު މަހްފޫޒް ހޮވައިފައިވަނީ ރާއްޖޭގައި ކްރިކެޓުގެ ކުރިއެރުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ކަމަށްވާ މިލާން ކްރިކެޓް އެކަޑެމީއަށް ދިހަ އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގަ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި މިދިޔަ އަހަރުގެ އެންމެ މޮޅު ތިން ކްރިކެޓު ކުޅުންތެރިންނަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހެވެ. ރޭގެ ހަފުލާގައި ރައީސް ސާލިހުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި މިލާން ކްރިކެޓް އެކަޑަމީގެ ފައުންޑާ އަދި ރައީސް ފަރުހަތު ޖަލީލް (ފަރޫ) ވަނީ ބައިވެރިވެޑައިގަންނަވާފަ އެވެ.

ރޭގެ ހަފްލާގައި ހޮވި އެންމެ މޮޅު ތިން ކްރިކެޓަރުންގެ ތެރެއިން ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އަޒްޔާން އާއި ނާސިފްވަނީ މިދިޔަ އަހަރުގެ 21 އަހަރުންދަށުގެ އެންމެ އުންމީދީ 3 ކްރިކެޓް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ. މި ދެ ކުޅުންތެރިން އިތުރުން އުއްމީދީ ކުޅުންތެރިޔާގެ އެވޯޑް ދެން ލިބުނީ އިސްހާޤް އީސާ މުޒަންމިލް އަށެވެ.

މަދަރުސާ ދަރިވަރުންގެ ތެރެއިން މިދިޔަ އަހަރުގެ އެންމެ މޮޅު ފާހަގަކޮށްލެވޭ ތިން ކުޅުންތެރިންނަށް ހޮވުނީ އިސްމާއިލް ރަޒީން އިމްރާނާއި އިބްރާހިމް ސަދޫފް އާއި ރައްސާމް ރަޝީދުއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ތިން ކްރިކެޓް ކުޅުންތެރިންނަށް ހޮވުނީ އައިޝަތު އައިމާ، އައިޝަތު ހަމްޒާގެ އިތުރުން ސުމައްޔާ ބިންތް ހަމީދުއެވެ.

ރޭގެ ހަފުލާގައި 2018 ވަނަ އަހަރުގެ އެންމެ މޮޅު ކްރިކެޓަރުން ހޮވުމުގެ އިތުރުން 2017ވަނަ އަހަރާއި، 2018ވަނަ އަހަރު އެކި ގޮތްގޮތުން މިލާން ކްރިކެޓް އެކަޑެމީއަށް އެހީތެރިވެދެއްވި ފަރާތްތަކަށާއި، ސްޕޮންސަރުންނަށްވަނީ އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އަރުވާފަ އެވެ.

އެގޮތުން ޖުމްލަ 52 ދެ ފަރާތަކަށް އެކަޑެމީގެ ހާއްސަ ފިލާ ދީފައިވާއިރު ކްރިކެޓަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ އިތުރު 18 ފަރާތްތަކަށްވެސް ހަނދާނީ ފިލާ ވަނީ އަރުވާފަ އެވެ. އެގޮތުން އެ އެކަޑަމީގެ ލަވަ ހެއްދެވި އަހްމަދު ނާޝިދަށް ހަނދާނީ ފިލާ ދިންއިރު، އެކަޑަމީގެ 10 އަހަރުގެ ލޯގޯ ހެދި އަހްމަދު ސާލިހަށްވެސް ވަނީ ހަނދާނީ ފިލާ ދީފައެވެ.

ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަހުމަދު ޖަލީލްގެ ދަރިކަލުން އަދި ގައުމީ ޓީމަށް ވެސް ކުޅުއްވާފައިވާ ފަރުހަތު އިސްވެ ހުންނަވައި 2009 ވަނަ އަހަރުގެ މާޗު މަހު އުފައްދަވައި އަދި ކޯޗުކަން ވެސް ކޮށްދޭ މިލާން ކްރިކެޓް އެކަޑަމީން އަންނަނީ ރާއްޖޭގެ ކްރިކެޓަށް އަގުހުރި ހިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރަން އަބަދުވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރަން މެޑެއްޔަކާއި ހަނދާނީ ފިލައެއް އެ އެކެޑަމީން ވަނީ އަރުވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިއްސަބެ

    ފަރުހަތުގެ މަސައްކަތަސް ހަމަ ސާބަސް އެކަމަކު އަޒްޔާން އަކީ އެންމެ މޮޅު ކުޅުންތެރިޔާއެއްނޫންދޯ. މިކަހަލަގެ ފީކަޅާކަންކަން ތިޔަކުރަނީ.

    2
    3
    • ކޮރަޕްޓް

      އަޒްޔާން ހޮވިފައި އެވަނީ އެންމެ މޮޅު 3 ކުޅުންތެރިން ތެރޭގައި. އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައެއް ނޫން. އޭނާއަށް ކްރިކެޓް ބޯޑުން ވެސް ވަނީ އެންމެ އުއްމީދީ ކުޅުންތެރިޔާއާއި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯރޑް ދީފައި. އެހެން ކަމުން އޭނާ އެންމެ މޮޅު 3 ކުޅުންތެރިން ތެރޭ ހިމެނެން ނުޖެހޭ އެއްވެސް ސަބަބެއް ނެތް. ހަސަދަ ވިޔަސް ތީދެން ބޮޑުވަރު.

      3
      1
  2. ޑީޕް

    އަދި ނުވިތާ ކަށް އަޒްޔާން ފުރަން ވީމަ ކްލަބް ވެސް އުވާލީ....

    1
    2