ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ ފުޓްސަލް ޗެލެންޖުގެ ފުރަތަމަ ނޮކްއައުޓް ބުރު ނިމި ކުއާޓާ ފައިނަލުން ފުރުސަތު ހޯދި ޓީމުތައް ޔަގީންވެއްޖެ އެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ރ. އިނގުރައިދޫ، ބ. އޭދަފުށި، ކ. ގުރައިދޫ، އދ. އޮމަދޫ، ލ. ގަން، ގދ. މަޑަވެލި، އަދި ތ. ތިމަރަފުއްޓެވެ. ކުއާޓާ ފައިނަލުގައި ވާދަކުރާނެ އަނެއް ޓީމަކީ ދެ ވަނަ ބުރުގެ މެޗެއް ނުކުޅެ ކޮލިފައިވި ށ. ގޮއިދޫ އެވެ. ގޮއިދޫ އޮޓަމެޓިކުން ކުއާޓާ ފައިނަލަށް ކޮލިފައިވަނީ ޒޯން ހަތެއްގެ ރަނަރަޕް ޓީމެއް ނެތުމުންނެވެ.

ރޭ ކުޅުނު ކުއާޓާގެ އެންމެ ފުރަތަމަ ދެ މެޗުން އިނގުރައިދޫ އާއި އޭދަފުށި ކުރި ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. އިނގުރައިދޫ އާއި ބޮޑުފޮޅުދޫ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. އެއަށްފަހު ޖެހި ޕެނަލްޓީގައި އިނގުރައިދޫން ކުރި ހޯދީ 7-5 އިންނެވެ. ދެވަނަ މެޗުގައި އޭދަފުއްޓާއި ނައިވާދޫއާ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ޖެހި ޕެނަލްޓީގައި އޭދަފުށި ކުރިހޯދީ 2-1 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަލީ ފާސިރު (ސެންޓޭ) އެވެ.

ރޭ ކުޅުނު ކުއާޓާގެ ތިންވަނަ މެޗުގައި ގުރައިދޫން، ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދި ދިއްގަރު ބަލިކުރީ 4-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަހުމަދު ޝުއޫން އެވެ. ފައިނަލް ބުރުގެ އެންމެ ވާދަވެރި މެޗުގައި ރޭ ތިމަރަފުށިން ހެންވޭރު ބަލިކުރީ 4-0 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތިމަރަފުށީގެ އިބްރާހިމް އަސްވާދު (ގަބޭ) އެވެ. މި ބުރުގެ އަނެއް މެޗުގައި އޮމަދޫން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާފަންނުގެ މައްޗަށް ކުރި ހޯދީ 3-2 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޮމަދޫ ޓީމުގެ އަރީފް އެވެ.

ދެ ވަނަ ބުރުގައި ރޭ ކުޅުނު ފަހު ދެމެޗުގެ ތެރެއިން މިދިޔަ އަހަރުގެ ރަނަރަޕް ގަން ވަނީ 4-0 އިން ނިލަންދޫ ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގަން ޓީމުގެ ކެޕްޓަން އޮންލީ ޝަރީފު އެވެ. ކުއާޓާގެ ޖާގައެއް ހޯދުމަށް ކުޅުނު ފަހު މެޗުގައި ރޭ މަޑަވެލި ޓީމުން މަރަދޫ ބަލިކުރީ 3-2 އިންނެވެ. މެޗުގައި މަޑަވެލި ޓީމުގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިން ނަސީފް ހަސަން ސައީދު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މާދަމާ ރޭ ކުޅޭއިރު ސެމީ ފައިނަލްގެ ދެ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރެ އެވެ. މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 25،000 ރުފިޔާ ދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަމިޔޮކާކަ

    އިނާމު ކަނޑައަޅަނީއުތަ؟