ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރުގައި 700 ލަނޑު ހަމަކޮށްފި އެވެ.

ޕޯޗުގަލްގެ ކެޕްޓަން އަދި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ކުޅެމުން އަންނަ 34 އަހަރުގެ ރޮނާލްޑޯ އޭނާގެ 700 ވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ރޭ ޔޫރޯ ކޮލިފައިންގައި ޔުކްރެއިން އާއި ދެކޮޅަށް ކުޅެ 2-1ގެ ނަތީޖާއަކުން ޕޯޗުގަލް ބަލިވި މެޗުގަ އެވެ. އޭނާ ލަނޑު ޖަހާފައިވަނީ ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީއެއްގަ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 95 ވަނަ ލަނޑުކަން ފާހަގަކޮށްލެވެ އެވެ. ބައިނަލްއަގުވާމީ މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައިގައި އޮތް ރޮނާލްޑޯ އަންނަނީ ބާރު ސްޕީޑެއްގައި މި ލިސްޓުގެ އެންމެ ކުރީގައި އޮތް އީރާންގެ އަލީ ދާއީގެ 109 ލަނޑާއި އަރާ ހަމަކުރަމުންނެވެ.

ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި ތަފާތު ހަތަރު ކްލަބަކަށް ކުޅެފަ އެވެ. އޭނާގެ އެންމެ ފުރަތަމަ ކްލަބު ސްޕޯޓިންގް ސީޕީ އަށް ކުޅެދިން މެޗުތަކުގައި ފަސް ލަނޑު ޖެހިއިރު އޭގެ ފަހުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަކުރި ދުވަސްތަކުގައި ރޮނާލްޑޯ ވަނީ 118 ލަނޑު ކާމިޔާބުކޮށްފަ އެވެ. ރޮނާލްޑޯގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރުތައް ހޭދަކޮށްފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑްގަ އެވެ. އެގޮތުން ހަތަރު ފަހަރު މެޑްރިޑާއެކު ރޮނާލްޑޯ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު އޭނާ ވަނީ އެޓީމަށް 450 ލަނޑު ޖަހައިދީފަ އެވެ. މެޑްރިޑްގައި ނުވަ ސީޒަން ހޭދަކުރުމަށްފަހު އިޓަލީއަށް މިދިޔަ ސީޒަންގައި ބަދަލުވެ ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް މިހާތަނަށް 34 ލަނޑު ކާމިޔާބުކޮށްފަ އެވެ. މީގެ ތެރޭގައި މިސީޒަންގައި އޭނާ ޖަހާފައިވާ ދިހަ ލަނޑު ހިމެނެ އެވެ.

ކެރިއަރުގައި ޖެހި 700 ވަނަ ލަނޑާއެކު ރޮނާލްޑޯ ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަވަނަ އަށް ޖެހިލާފަ އެވެ. މި ލިސްޓުގެ އެއްވަނަައިގައި އޮތީ 805 ލަނޑު ޖަހައިގެން ޗެކް ރިޕަބްލިކްގެ ޖޯސެފް ބިކާން އެވެ. ދެވަނައިގައި 772 ލަނޑާއެކު ބްރެޒިލްގެ ރޮމާރިއޯ އޮތްއިރު ތިންވަނައިގައި އޮތީ ބްރެޒިލްގެ ޕެލޭ އެވެ. ޕެލޭ އަށް ތިންވަނަ ލިބެނީ 767 ލަނޑާއެކު އެވެ. 746 ލަނޑާއެކު ހަންގެރީގެ ފްރެންކް ޕުޝްކަޝް ހަތަރުވަނައިގައި އޮތްއިރު ޖަރުމަނުގެ ގާޑް މުލާ އަށް ފަސްވަނަ ލިބެނީ 735 ލަނޑު ކާމިޔާބުކޮށްގެންނެވެ.

ރޭގެ މެޗުން މޮޅުވެ ޔުކްރެއިން ވަނީ އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދާފަ އެވެ. ގްރޫޕް ބީގައި ކުޅުނު ހަތް މެޗުން 19 ޕޮއިންޓް ޔުކްރެއިން އަށް ލިބިފައިވާއިރު މި ގްރޫޕްގެ ދެވަނައަށް ޕޯޗުގަލް އާއި ސާބިއާ ވާދަކުރެ އެވެ. ހަ މެޗުން ޕޯޗުގަލް އަށް 11 ޕޮއިންޓް ލިބިފައިވާއިރު 10 ޕޮއިންޓާއެކު ސާބިއާ އޮތީ ކައިރީގައި ވިއްދާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިއްސޭ

    ރޮނަލްޑޯ އަށް އީރާން ގެ އަލީ ދާއީ ގެ ރެކޯޑާއި ގުދުރަތުން ކޮންމެވެސް ސަބަބެއް މެދުވެރިވެ ހަމަނުކުރެވޭނެ . އަލީދާއީއަކީ މުސްލިމެއް . އޭނައަށް ﷲ ގެ މަދަދު ލިބޭނެ.

    1
    1