އަންނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ސްޕެއިން ކަށަވަރުކޮށްފި އެވެ.

2008 ވަނަ އަހަރު ވިލާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިން އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ފުރުސަތު ހޯދީ ރޭ ސްވިޑަން އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ ލިބުނު ޕޮއިންޓާއެކު އެވެ.

ކޮލިފައިންގައި މިދިޔަ ހޮނިހިރު ދުވަހު ނޯވޭ އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުން އެ ދުވަހު ސްޕެއިނަށް މުބާރާތުގެ ޖާގަ ޔަގީން ނުކުރެވުނެވެ. އެހެންކަމުން ރޭގެ މެޗަށް ސްޕެއިން ނުކުތްއިރު އެ ޓީމަށް ޔޫރޯގެ ޖާގައެއް ކަށަވަރުކުރަން ބޭނުންވަނީ މަދުވެގެން ޕޮއިންޓެކެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ސްވިޑަން އެވެ. އެ ޓީމުން ލީޑު ނެގީ 50 ވަނަ މިނެޓުގައި މާކަސް ބާގް ޖެހި ލަނޑުންނެވެ. ފުރަތަމަ ހާފުގައި ސްވިޑެން އިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކުރުމުގައި ހުޝިޔާރުކަން ދެއްކި ސްޕެއިނުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ ދެ ވަނަ ހާފްގައި ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކޮށްފަ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފު ފެށުމާއެކު ސްޕެއިނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ނުރައްކާތެރި ހަމަލާތަކެއް އިދިކޮޅު ގޯލާ އަމާޒުކޮށް ފޮނުވަން ފެށި އެވެ. ހުއްޓުމެއް ނެތި ސްޕެއިން ކުޅުންތެރިން އުފައްދަމުންދިޔަ ހަމަލާތައް މަތަކުރުމުގައި ސްވިޑެންގެ ގޯލްކީޕަރު ރޮބިން އޮލްސަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެތައް މަސަތްކަތަކަށްފަހު ސްޕެއިނަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު ރޮޑްރީގޯ ޖެހީ އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ފަބިއަން ރުއިޒް ތަނަވަަސްކޮށްދިން ފުރުސަތަކުންނެވެ.

ސްޕެއިން އަކީ އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވި ހަ ވަނަ ޓީމެވެ. މީގެ ކުރިން މުބާރާތުގެ ޖާގަ ޔަގީންކޮށްފައިވަނީ ބެލްޖިއަމް، އިޓަލީ، ޕޮލެންޑް، ޔޫކްރޭން އަދި ރަޝިއާ އެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާއެެކު ސްޕެއިނަށް މިހާރު އަށް މެޗުން ވިހި ޕޮއިންޓް ލިބިފައިވާއިރު ދެވަނަ މަގާމުގައި އޮތް ސްވިޑަން އަށް ލިބިފައިވަނީ ފަނަރަ ޕޮއިންޓެވެ. ތިންވަނައިގައި ސާދަ ޕޮއިންޓާއެކު ރޫމޭނިއާ އޮތްއިރު ހަތަރުވަނައިގައި އެގާރަ ޕޮއިންޓް ލިބިގެން އޮތީ ނޯވޭ އެވެ.

ކޮލިފައިންގައި ރޭ ލިޗެސްޓައިންގެ މައްޗަށް ކުރިހޯދައި އިޓަލީ ވަނީ އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. ކޮލިފައިންގައި މިހާތަަނަށް ކުޅުނު އަށް މެޗުން ވެސް މޮޅުވެފައިވާ އިޓަލީ ރޭގެ މެޗު ކާމިޔާބުކޮށްފައިވަނީ 5-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ފޯވަޑް އަންދްރޭ ބެލޮއްޓީ ދެ ލަނޑު ޖަހައިދިން އިރު އަނެއް ތިން ލަނޑު ޖެހީ މިޑްފީލްޑަރު ފެޑެރީކޯ ބާނަޑެސްކީ އާއި ޑިފެންޑަރު އަލެސިއޯ ރޮމަނޯލީ އަދި ފޯވަޑް ސްޓެފަން އެލް ޝަރާވީ އެވެ.

އިޓަލީ އަށް ގްރޫޕް ޖޭގެ އެއްވަނަ ލިބެނީ 24 ޕޮއިންޓާއެކު އެވެ. މި ގްރޫޕްގެ ދެވަނައިގައި ފަނަރަ ޕޮއިންޓާއެކު ފިންލޭންޑް އޮތްއިރު ތިންވަނައިގަައި ދިހަ ޕޮއިންޓާއެކު އޮތީ އަރްމޭނިއާ އެވެ. ހަތަރުވަނައިގައި އޮތް ބޮސްނިއާ އަށް ވެސް ދިހަ ޕޮއިންޓް ލިބިފައިވާއިރު ފަސްވަނަ ގްރީސް އަށް ލިބެނީ އަށް ޕޮއިންޓާއެކު އެވެ. މި ގްރޫޕްގެ ފުލުގައި އޮތީ އަށް މެޗުން ދެ ޕޮއިންޓް ލިބިގެން ލިޗެސްޓައިން އެވެ.

ކިޔުންތެރިންގެ ހިޔާލު