ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ރޭ ފިލިޕީންސް އިން ޗައިނާއާ 0-0 އިން އެއްވަރުކުރިއިރު ސީރިއާ އިން ގުއާމް އަތުން 4-0 އިން މޮޅުވެ ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގެ ގްރޫޕް އޭގެ ތާވަލަށް ބަލާއިރު ސީރިއާ އަށް މިވަގުތު އެއްވަނަ ލިބެނީ ނުވަ ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ހަތް ޕޮއިންޓް ލިބިފައިފައިވާއިރު ތިން ވަނައިގައި އޮތް ފިލިޕީންސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ހަތަރު ވަނައިގައި ރާއްޖެ އޮތީ ތިން ޕޮއިންޓާއެކު އެވެ. ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މިފަހަރުގެ ކޮލިފައިންގައި ރާއްޖޭގެ އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އޭޝިއާގެ ކޮލިފައިން ބުރުގައި 40 ގައުމަކުން އަންނަނީ ވާދަކުރަމުންނެވެ. ދެ ލެގުގެ އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރުމަށް ފަހު އެއް ވަނަ ޓީމަކަށް އޭޝިއަން ކަޕުން ޖާގަ ލިބި ވޯލްޑް ކަޕް ކޮލިފައިން ތިން ވަނަ ބުރުން ފުރުސަތު ލިބިގެންދާނެ އެވެ.

ކޮލިފައިންގައި ދެ ވަނަ ހޯދާ ޓީމަށް ތިން ވަނަ ބުރުންނާއި އޭޝިއަން ކަޕުން ނުވަތަ އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުން ޖާގަ ލިބޭނެ އެވެ. ގްރޫޕުގެ ތިން ވަނަ ހޯދާ ޓީމަށް އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުން އަދި ހަތަރު ވަނަ ޓީމަށް ތިން ވަނަ ބުރުން ނުވަތަ ޕްލޭއޮފް ބުރުން ފުރުސަތު ލިބޭނެ އެވެ. ފުލަށް ދާ ޓީމަށް ޖެހޭނީ އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ބުރަށެވެ.

އަންނަ މަހު މި ގްރޫޕުގައި ކޮލިފައިން ހަތަރު މެޗު ކުޅޭނެ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 14 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް މާލޭގައި ނުކުންނައިރު 19 ވަނަ ދުވަހު ގުއާމާ ދެކޮޅަށް ނުކުންނަ މެޗު ވެސް އޮންނާނެ އެވެ.

ރާއްޖެ ވަނީ ގުއާމުގައި މިދިޔަ މަހު އެ ޓީމު 1-0 އިން ބަލިކޮށްފައެވެ. އަންނަ މަހު ރާއްޖެ ދެން ވާދަކުރާ ފިލިޕީންސްއާ ދެކޮޅަށް ދިވެހި ޓީމު ވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އިތުރު ވަގުތު ކުޅެ ފިލިޕީންސް އެ މެޗު ކާމިޔާބުކުރީ 3-2 އިންނެވެ

ކިޔުންތެރިންގެ ހިޔާލު