ދިރާގާއި ގުޅިގެން ސްވިމް މޯލްޑިވްސްގެ ފަރާތުން ބޭއްވި 'ދިރާގު މާލޭ އޯޕަން 2019' ފެތުމުގެ މުބާރާތުން ވަނަ ވަނަ އަށް ހޯއްދެވި ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ރަސްފަަންނު ސަރަޙައްދުގައި ބޭއްވި މާލޭ އޯޕަން ފެތުމުގެ މުބާރާތުގައި ދެ ކެޓަގަރީއަކުން އެކި އުމުރުފުރާތަކުގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ. އެގޮތުން 500 މީޓަރާއި، 1 ކިލޯމީޓަރުގެ ކެޓަގަރީ ބައިން، ޖުމްލަ ހަތް އުމުރުފުރާ އަކުން މުބާރާތުގައި ޖުމްލަ 198 ފެތުންތެރިއަކު ވަނީ ބައިވެރިވެފައެވެ.

މުބާރާތުގެ ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށް ހަނދާނީ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއީލް ރަޝީދު އާއި ސްވިމް މޯލްޑިވްސްގެ ރައީސް، ހުސައިން ޝަމީމްގެ އިތުރުން މާލޭ ސިޓީގެ މޭޔަރު، ޝަމާޢު ޝަރީފް އެވެ. ވަކިވަކި އުމުރުފުރާތަކުން އެކި ކެޓަގަރީތަކުން އަންހެން/ފިރިހެން ވަކިން، އަދި ޖުމްލަކޮށް މުބާރާތުގެ ދެ ކެޓަގަރީ އިން އަންހެން/ފިރިހެން ވަކިން ވަނަވަނަ ހޯދި ފެތުންތެރިން ވަނީ ހަނދާނީ ސެޓްފިކެޓް ދީފައެވެ.

"ދިރާގުގެ ސީއެސްއާރް ޕޮލިސީގެ ދަށުން އަޅުގަނޑުމެން ޤަބޫލުކުރަން މިއީ ވަރަށް ބޭނުންތެރި ކަމެއް ކަމަށް މި ޤައުމަށް. ރާއްޖޭގައި ދިރިއުޅޭ މީހުންނަކީ ރަނގަޅަށް ފަތަން ދަންނަ ބަޔަކަށް ވުމަކީ ވަރަށް މުހިއްމު ކަމެއް. މި ކަހަލަ މުބާރާތެއް ބޭއްވުމަކީ އެކަންތަކަށް ވެސް ފުރުސަތު ފަހިކޮށްދޭން ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑުމެން ޝުކުރު ދަންނަވަން ސްވިމް މޯލްޑިވްސްގެ ފަރާތުން މިކަހަލަ ކަމަކަށް އިސްނަގައިގެން މުބާރާތެއް ބޭއްވީމަ. ދިރާގުގެ ފަރާތުން މުބާރާތުގެ އެންމެހާ ބައިވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކުރިއަށް އޮތްތާގައިވެސް ބޭއްވޭ މިކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން އެއްބާރުލުން ދޭނަން." ދިރާގުގެ ސީއީއޯ، އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދިރާގުގެ ސީއީއޯ ވިދާޅުވީ 150-200 ވަރަކަށް ބައިވެރިންނާއެކު ފެށި ދިރާގު ރޯޑްރޭސް ދުވުމުގެ މުބާރާތް މިއަހަރު 4000 ބައިވެރިންގެ މުބާރާތަކަށް ބަދަލުވެފަވާ ކަމަށާއި، އެހެންކަމުން ފެތުމުގެ މި މުބާރާތަށްވެސް އިތުރަށް ތަރުޙީބު ލިބި، މިއަށްވުރެ ގިނަ ބައިވެރިން ކުރިއަށް އޮތް މުބާރާތުގައި ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސްވިމް މޯލްޑިވްސްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ސްވިމް ވޯޓާ ގެ ރައީސް، ހުސައިން ޝަމީމް ވަނީ އެފަރާތުގެ ސްޕޮންސާ ދިރާގަށް ޙާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި މުބާރާތުގައި ބައިވެރިވި އެންމެހާ ބައިވެރިންނަށް މަރުޙަބާ ދެންނެވިއެވެ. މުބާރާތުގައި އެހީތެރިވެދިން ކޯސްޓު ގާޑުގެ ބޭފުޅުންނާއި އަދި މާލޭ ސިޓީ ކައުންސިލަށް ވެސް ޙާއްސަ ޝުކުރެއް އޭނާ ދެންނެވިއެވެ.

"އަޅުގަނޑުމެން މިއުޅެނީ ދުވުމުގެ ފަތާ ފެތުން ހުއްޓުވާކަށް ނޫން. ފަތަން ބޭނުންވާ ކުދިންގެ ތެރެއިންވެސް ތިބޭނެ އޯޕަން ވޯޓާ ސްވިމް އަށް ދާން ބޭނުންވާ ކުދިން. އަޅުގަނޑުމެންގެ ބޭނުމަކީ އެކި ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުތައް ހުޅުވާލުން. ވަކިން ޚާއްސަކޮށް އުމުރުން ދުވަސްވީ ބޭފުޅުންނާއި، ބޮޑެތި ބޭފުޅުންނަށް ފުރުސަތު ހުޅުވާލައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްވެސް މިއީ މުހިއްމު ފިޔަވަޅެއް ކަމަށް ދެކެން." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވިގޮތުން މި މުބާރާތް ކުރިއަށް އޮތް ތިން އަހަރުގައިވެސް ސްޕޮންސާ ދިރާގާއި އެކު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު