ޔޫރަޕްގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންގެ ތެރެެއިން މިދިޔަ ސީޒަންގައި ލީގުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ޙާސިލްކުރި ބާސެލޯނާގެ ތަރި ލިއޮނެލް މެސީއާ އެވޯޑު ހަވާލުކޮށްފި އެވެ.

މެސީ އަށް ރަން ބޫޓު ހަވާލުކޮށްފައިވަނީ އިއްޔެ އޮތް ރަސްމިއްޔާތެއްގަ އެވެ. މެސީ ނިމިގެންދިޔަ ސީޒަންގެ ޔޫރަޕިއަން ރަން ބޫޓު ހޯދައިފައިވަނީ ސްޕެނިޝް ލީގުގައި 36 ލަނޑު ކާމިޔާބުކޮށްގެންނެވެ.

މެސީ ވަނީ ނިމިގެންދިޔަ ސީޒަންގައި އޭނާ ކުޅުނު 49 މެޗުގައި ޖުމްލަ 51 ލަނޑު ކާމިޔާބުކޮށް 19 އެސިސްޓް ކޮށްދީފަ އެވެ. ބާސާ އާއެކު ސްޕެނިޝް ލީގު ކާމިޔާބުކުރުމުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ރަންބޫޓު ވެސް ގެންދިޔައީ މެސީ އެވެ. ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ކަމަށް ގިނަބަޔަކު ގަބޫލުކުރާ މެސީ ވަނީ ދާދި ފަހުން ބޭއްވި ފީފާ އެވޯޑު ހަފުލާގައި އެ އިދާރާއިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދާފަ އެވެ. އޭނާ އެ އެވޯޑު އުފުލާލީ ލިވަޕޫލްގެ ސެންޓަބެކް ހޮލަންޑުގެ ވާޖިލް ވެންޑައިކު އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު އެވެ.

މެސީއާ ވާދަވެރި ރޮނާލްޑޯ އަށް ހަތަރު ރަން ބޫޓު ލިބިފައިވާއިރު ފްރާންސްގެ ތިއެރީ ހެންރީ އާއި ޕޯޗުގަލްގެ ޔޫސެބިއޯ އާއި ޖަރުމަނުގެ ގާޑް މުލާގެ އިތުރުން އުރުގުއޭގެ ލުއިސް ސުއަރެޒް ވަނީ ދެ ފަހަރެއްގެ މަތިން ޔޫރަޕިއަން ރަން ބޫޓު ޙާސިލްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަޖަމް

    ބުރޯ އެހެން ލީގަކަށް ދޭބަލަ. ލިބޭތޯ ބަލާލަން..ބިސް ލިބޭނީި...ތިއުޅެނީ އަމިއްލަ ގައުމަށް ޓުރޮފީ ގަނޑެށް ހޯދަ ނުދެވިގެން

    3
    2