ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ބ.އޭދަފުއްޓާއި ތ.ތިމަރަފުށި ދަތުރުކޮށްފި އެވެ.

ގޯލްޑެން ފުޓްސަލް މުބާރާތުގެ ސެމީގައި ވާދަކުރި ޓީމުތަކަކީ ތިމަރަފުއްޓާއި އޭދަފުށިގެ އިތުރުން ލ.ގަމާއި ށ.ގޮއިދޫ އެވެ. އޭދަފުށި ސެމީ އިން ޖާގަހޯދީ ކުއާޓާގައި ރ.އިނގުރައިދޫގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. ތިމަރަފުށި ސެމީ އަށް އައީ އދ.އޮމަދޫގެ މައްޗަށް 8-3 އިން ކުރިހޯދައިގެންނެވެ. ސެމީގައި ކުޅުނު ގޮއިދޫ ޓީމުން ކުއާޓާގައި 3-2 އިން ކ.ގުރައިދޫ ބަލިކުރިއިރު ގަން ފުޓްސަލް ޓީމު ވަނީ 5-1 އިން ގދ.މަޑަވެލި ބަލިކޮށްފަ އެވެ.

ގޯލްޑެން ފުޓްސަލްގެ މި އަހަރުގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކީ އޭދަފުއްޓެވެ. އޭދަފުށި ފައިނަލަށް ދިޔައީ ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ގޮއިދޫގެ މައްޗަށް 3-2ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އޭދަފުށި ޓީމުގެ އަހުމަދު އަޝްރަފް ޔޫސުފް އެވެ.

ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ މިދިޔަ އަހަރުގެ ރަނަރަޕް ގަމާއި 2017 ވަނަ އަހަރުގެ ޗެމްޕިއަން ޓީމު ތިމަރަފުއްޓެވެ. މިދިޔަ އަހަރު ވެސް މި ދެޓީމު ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އެ މެޗު 1-0 އިން ތިމަރަފުށި ބަލިކޮށް ފައިނަލުން ފުރުސަތު ހޯދީ ގަމެވެ.

ރާއްޖޭގެ ފުޓްސަލްގައި މިހާރު އެންމެ ވިދުން ގަދަ ދެ ރަށް ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ މި ދެ ރަށުގެ މިފަހަރުގެ ކުރިމަތިލުން ތިމަރަފުށި ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފައިވަނީ އިބްރާހިމް ސިނާހު އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އެވެ. މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 65،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 25،000 ރުފިޔާ ދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރު

    ހީވަނީ އޭދަފުށިގެ ފަހަރެއްހެން.

    2
    2
    • މައިން

      ތައްތެ އިނގެނޫ. ތައް މާބޮޑަށް އިނގީފައި ތިޔޮއްތޯ