ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވާދަކުރާ ސްޕެއިން ފުޓުބޯޅައިގެ އަދި ދުނިޔޭގެވެސް އެންމެ ވަރުގަދަ އެއް މެޗުގެ ގޮތުގައި މަޝްޙޫރުވެފައި އޮންނަ 'އެލް ކްލަސިކޯ' ކުޅޭ ތާރީޙު ފަސްކޮށްފިއެވެ. އެލް ކްލަސިކޯ ފަސްކުރަން ޖެހުނީ ބާސެލޯނާ ނިސްބަތްވާ ކަޓަލޯނިއާ ސަރަޙައްދުގައި ހިނގަމުންދާ ސިޔާސީ މުޒާހަރާ ތަކާއި ގުޅިގެންނެވެ.

މިފަހަރުގެ ސްޕެނިޝް ލީގުގައި ބާސާ އާއި ރެއާލް މެޑްރިޑް އެންމެ ފުރަތަމަ ކުޅޭ ގޮތަށް ހަމަޖެހިފައި އޮތީ މި މަހުގެ 26 ވަނަ ދުވަހު ބާސާގެ ދަނޑު، ކޭމްޕް ނޫ ގައެވެ. ނަމަވެސް ލަލީގާގެ އިންތިޒާމް ކޮމިޓީއިން ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަން، އާރްއެފްއީއެފް ގައި އެދިގެން މިހާރު ފެޑެރޭޝަނުން ވަނީ އެ މެޗު ފަސްކޮށްދީފައެވެ.

ކަޓަލޯނިއާ ގައި މިފަހަރު ނުތަނަވަސްކަން އިތުރުވެ، މުޒާހަރާތައް ފެށިފައިވަނީ ސްޕެއިން އާއި ވަކިން، ވަކި ދަޢުލަތެއް ޤާއިމުކުރަން އެ ސަރަޙައްދުގައި 2017 ގައި ނެގުނު ވޯޓުގެ މައްސަލައިގައި ކަޓަލޯނިއާގެ 9 ލީޑަރަކު ޖަލަށް ލުމަށް ސްޕެއިންގެ ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގައި ނިންމުމާ ގުޅިގެންނެވެ. 2017 ގައި މިނިވަންކަމަށް ނެގުނު ވޯޓުގައި ކަޓަލޯނިއާގެ 90 އިންސައްތައިގެ ސާފު ޢައުލަބިއްޔަތުން އެ ހިސާބުގެ ރައްޔިތުން ވަނީ މިނިވަންކަން ބޭނުންވާ ކަމަށް ބުނެފައެވެ.

ބާސެލޯނާ އާއި ރެއާލް މެޑްރިޑަށްވެސް އެލް ކްލަސިކޯ ކުޅެން ބޭނުންވާ އާ ތާރީޙެއް މި މަހުގެ 21 ވަނަ ދުވަހާ ހަމަޔަށް ހުށަހެޅުމުގެ ފުރުސަތު ފެޑެރޭޝަނުން ވަނީ ހުޅުވާލާފައެވެ. "އާރްއެފްއީއެފް ގެ ކޮމްޕެޓިޝަން ކޮމެޓީން ބާސެލޯނާ އާއި ރެއާލް މެޑްރިޑް 26 އޮކްޓޯބަރުގައި ކުޅޭ ލީގު މެޗާ ގުޅިގެން ހުށެހެޅިފައިވާ މައްސަލަ ބެލުމަށްފަހު ވާނީ ދެ ޓީމަށްވެސް އާ ތާރީޙަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ. 21 ވަނަ ދުވަހާ ހަމަޔަށް އާ ތާރީޙެއް ހުށަ ނޭޅިއްޖެނަމަ މެޗު ކުޅޭނެ ދުވަސް ފެޑެރޭޝަނުން ނިންމާނެ." އާރްއެފްއީއެފްގެ ރަސްމީ ބަޔާނުގައި ބުނެފައިވެއެވެ.

ބާސެލޯނާ އާއި ރެއާލް މެޑްރިޑަކީ ސްޕެއިންގެ އަދި ދުނިޔޭގެ ފުޓުބޯޅައިގެ ވެސް އެންމެ ކާމިޔާބު 2 ޓީމެވެ. ޒަމާނުއްސުރެން މި 2 ޓީމު ވާދަކުރާ މެޗުތަކަކީ ފޯރިގަދަ މެޗުތަކެކެވެ. އެ ފޯރި އަންނަނީ ހަމައެކަނި 2 ޓީމު ފުޓުބޯޅައިގައި ހޯދާފައިވާ ކާމިޔާބީތަކުން އެކަންޏެއް ނޫނެވެ. ސިޔާސީ ގޮތުންވެސް 2 ޓީމު ނިސްބަތްވާ ހިސާބުގެ ރައްޔިތުން ޤަބޫލުކުރާ ކަންތައްތައް ވަރަށް ތަފާތެވެ. މިއީ ހަމައެކަނި ފުޓުބޯޅަ މެޗެއް ނޫނެވެ. "90 މިނެޓު ވަންދެން ދުނިޔޭގެ އެންމެން ކުރާ ހުރިހާ ކަމެއް ދޫކޮށްފަ، މެޗު ބަލަން ހުއްޓޭ ހަމައެކަނި މެޗު." ރެއާލް މެޑްރިޑަށް ކޯޗުކަން ކޮށްދިން ޖޯސޭ މޮރީނިއޯ އެލް ކްލަސިކޯ ސިފަކޮށްދީފައި ވަނީ މިގޮތަށެވެ.