ރާއްޖޭގެ 16 އަހަރުން ދަށުގެ ޒުވާން ފުޓުބޯޅަ ޓީމުން ކެމްބޯޑިއާގެ ޓީމާ އެއްވަރުކޮށްލައިފިއެވެ.

ބަންގާޅުގައި މިހާރު ކުރިޔަށްދާ 16 އަހަރުން ދަށުގެ ޔުއެފާ އެސިސްޓް ޑިވެލޮޕްމެންޓް ޓޯނަމަންޓް 2019 ގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ކެމްބޯޑިއާއާ އެއްވަރުކޮށްފައިވަަނީ 2-2 ގެ ނަތީޖާއަކުންނެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ މިއަދު ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކެމްބޯޑިއާއިންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި ސަ އުސޯސް މި ލަނޑު އެޓީމަށް ކާމިޔާބުކުރީ ރާއްޖޭގެ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. ރާއްޖެ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 25 ވަނަ މިނެޓުގައި މުހައްމަަދު ޚަނާން އާދަމް އެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޚަނާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާއިރު، ފުރަތަމަ މެޗުގައި ފެރޯ އައިލޭންޑްސްއާ އޭނާ ވަނީ ހެޓްރިކް ހަދާފައެވެ.

ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ކެމްބޯޑިއާއިން އަލުން ލީޑު ނެގި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ރާއްޖެއިން ވަނީ އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްފައެވެ.

މުބާރާތުގެ ފުރަތަމަ މެޗާއި ހިލާފަށް މިއަދުގެ މެޗުގައި ދިވެހި ޒުވާން ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ފެރޯ އައިލޭންޑްސް އަތުން ބަލިވީ 10-3ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގައި ވާދަކުރަނީ ރާއްޖެ އާއި ފެރޯ އައިލޭންޑްސް އާއި ކެމްބޯޑިއާ އަދި މުބާރާތް ކުރިއަށްދާ ގައުމު ބަންގްލަދޭޝްއެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ.

ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމަށް މިފަހަރުވެސް އިރުޝާދު ދެނީމަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ނިޒާމްބެ ދިވެހި ޓީމުގެ ކޯޗަކަށް ހަމަޖެއްސިފަހުން ޒުވާން ޓީމުން ވަނީ ދެ މުބާރާތެއްގައި ކުޅެފައެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހު ގަތަރުގައި ކުރިއަށްދިޔަ 16 އަހަރުން ދަށުގެ އިންޓަނޭޝަނަލް 4 ނޭޝަންސް ކަޕްގެ އިތުރުން މިދިޔަ މަހު ޒުވާން ޓީމު ވަނީ 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 16 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގައިވެސް ވާދަކޮށްފައެވެ.