ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ތ. ތިމަރަފުށި ހޯދައިފި އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދީ ރޭ ހުޅުމާލޭ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 5-2 ގެ ނަތީޖާއަކުން ބ. އޭދަފުށި ބަލިކޮށްގެންނެވެ. މި ފަހަރުގެ ތައްޓާއެކު ތިމަރަފުށި ވެފައިވަނީ މި މުބާރާތް ދެ ފަހަރު ކާމިޔާބުކުރި ހަމައެކަނި ޓީމަށެވެ. އެޓީމުން ވަނީ 2016 ވަނަ އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ރޭގެ މެޗާއި އޭދަފުށިން ކުރިމަތިލީ އިޝާން އިބްރާހީމް (ސައްޓު) އާއި އަލީ ފާސިރު (ސެންޓޭ) ނުލަ އެވެ. ސައްޓު މިވަގުތުވީ ބަންގްލަދޭޝްގައި މިއަދު ފެށި ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ކުޅުމަށް ޓީސީ ސްޕޯޓްސް ކްލަބާއެކު އެ ގައުމުގަ އެވެ.

ފައިނަލް މެޗު ފަށައިގެން ފުރަތަމަ ލީޑު ނެގީ އޭދަފުށި ޓީމުންނެވެ. ތިންވަނަ މިނެޓުގައި ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެން އޭދަފުއްޓަށް މި ގޯލު ކާމިޔާބުކޮށްދިނީ އުނައިސް ޒުބައިރު އެވެ. އޭދަފުށިން ލީޑުގައި އޮއްވައި ތިމަރަފުށިން ވަނީ މެޗުގެ ނުވަ ވަނަ މިނެޓުގައި އެއްވަރުކޮށްފަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އިސްމާއީލް މުނީޒް އެވެ.

ތިމަރަފުށިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނިކޮށް އޭދަފުށިން ވަނީ އޭގެ ތިން މިނެޓު ފަހުން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. މި ގޯލު ކާމިޔާބުކުރީ އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ތިމަރަފުށީގެ މުނީޒް ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައި މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްލާފަ އެވެ. ތިމަރަފުށިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި އިބްރާހިމް ސިނާހު ޖަހައިދިން ގޯލުންނެވެ. އިބްރާހިމް އަސްވަދު (ގަބޭ) ދިން ބޯޅަ ސިނާ ގޯލުގެ ތެރެއަށް ފޮނުވާލީ ވަރަށް ހުސްކޮށްހުރެ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-2 އިން ތިމަރަފުށި ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފުގައި ތިމަރަފުށިން ޖެހި ދެ ގޯލު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް މުނީޒް އެވެ. އޭނާގެ ހެޓްރިކް ފުރިހަމަކުރި ގޯލު 35 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު ތިމަރަފުށީގެ ފަހު ގޯލު އަދި މުނީޒްގެ ހަތަރު ވަނަ ގޯލު އޭނާ ކާމިޔާބުކުރީ އިތުރުވަގުތުގަ އެވެ.

ރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތިމަރަފުށީ ޓީމަށް ހަތަރު ގޯލު ޖަހައިދިން މުނީޒް އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ލ. ގަން ޓީމުގެ ހުސައިން ޝަރީފް (އޮންލީ) އާއި އޭދަފުށީގެ ސޮބީ އަދި ތިމަރަފުށީ ޓީމުގެ ގަބޭ އާއި ރޮނާގެ އިތުރުން ށ. ގޮއިދޫ ޓީމުގެ އިބްރާހީމް އަލީ އެވެ. މި އަހަރުގެ ބެސްޓް ސަޕޯޓިން ޓީމުގެ އެވޯޑާއި ފެއާ ޕްލޭ އެވޯޑް ލިބުނީ ސެމީ ފައިނަލުގައި ބަލިވި ށ. ގޮއިދޫ ޓީމަށެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ތިން ކުޅުންތެރިއަކު ވަނީ ހޯދައިފަ އެވެ. މި މަގާމް ހޯދީ ރ. އިނގުރައިދޫ ޓީމުގެ އަލީ ހާފިޒް (ހާއްޕެ) އާއި ގޮއިދޫ ޓީމުގެ އިބްރާހީމް އަލީ އަދި ގއ. ކޮނޑޭ ޓީމުގެ މުހައްމަދު އިންޝާއު އެވެ. މި ތިން ކުޅުންތެރިން ވެސް ވަނީ 12 ގޯލު ޖަހައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ އޭދަފުއްޓަށް އިރުޝާދުދިން މުހައްމަދު ޝައްފާޒް އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތިމަރަފުށީ ޓީމުގެ ގަބޭ އެވެ.

މި އަހަރުގެ މުބާރާތުގައި 66 ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. އެއީ 62 ރަށުންނާއި މާލޭގެ ހަތަރު އަވަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު