އިނގިރޭސި ޕްރިމިއާ ލީގުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީން ކްރިސްޓަލް ޕަލަސް ބަލިކޮށް ތާވަލުގެ އެންމެ ކުރީގައި އޮތް ލިވަޕޫލާއި ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ލީގުގައި ރަށުން ބޭރުގައި ސިޓީން ޕަލަސް ބަލިކޮށްފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި އަނިޔާއިން އެނބުރި އައިސް މިޑްފީލްޑަރު ކެވިންޑެ ބްރައިނާ ވަނީ ފުރަތަމަ އެގާރާއިގައި ހިމެނިގެން މޮޅަށް ކުޅެފަ އެވެ. ސްކޮޑުގައި ހިމެނޭ ސެންޓާ ބެކުންތަކަށް އަނިޔާވެފައިވާތީ ސިޓީން މެޗާއީ ކުރިމަތިލީ މިޑްފީލްޑަރު ފަނަންޑީނިއޯ ފަހަތަށް އަރުވައިގެންނެވެ.

ރޭގެ މެޗުގައި ސިޓީ އަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފު ނިމެން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް ބްރެޒިލްގެ ފޯވަޑް ގެބްރިއެލް ޖެސުސް އެވެ. އޭނާ މި ލަނޑު ޖެހީ ބާނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ޖެސުސްގެ ލަނޑުން ސިޓީން ލީޑު ނެގިތާ ދެ މިނެޓު ފަހުން ރަހީމް ސްޓާލިން ދިން ބޯޅައެއްގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ އެވެ.

ސިޓީން ޕަލަސްގެ މައްޗަށް ކުރިހޯދިއިރު ވެޓްފޯޑް އަތުން ޓޮޓެންހަމް ހޮޓްސްޕާސް ސަލާމަތްވީ ކިރިޔާ އެވެ. ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ޑޯކޯރޭ ޖަހައިދިން ލަނޑުން ވެޓްފޯޑް މޮޅުވަމުން ދަނިކޮށް ސްޕާސް އަށް ނަތީޖާ އެއްވަރުކޮށްދިނީ 86 ވަނަ މިނެޓުގައި ޑެލޭ އަލީ އެވެ.

މި ނަތީޖާއާއެކު ސްޕާސް އަށް ލިބެނީ ބާރަ ޕޮއިންޓާއެކު ތާވަލުގެ ހަތްވަނަ އެވެ. ޕަލަސް އަތުން މޮޅުވި ސިޓީއަށް ނުވަ މެޗުން ނަވާރަ ޕޮއިންޓް ލިބިފައިވާއިރު އެއްވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ ސައުވީސް ޕޮއިންޓެވެ. ތިންވަނައިގައި ލެސްޓާ ސިޓީ އޮތްއިރު ހަތަރުވަނަ މަގާމުގައި އޮތީ ޗެލްސީ އެވެ.

ކިޔުންތެރިންގެ ހިޔާލު