ސްޕެނިޝް ލީގުގައި ރެއާލް މަޔޯކާ އަތުން ބަލިވެ ރެއާލް މެޑްރިޑް ތާވަލުގެ ދެވަނަ އަށް ވެއްޓިއްޖެ އެވެ.

ލަލީގާ ސަންޓަންޑާގައި ރޭ މަޔޯކާ އާއި ވާދަކޮށް ރެއާލް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ހަތް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލާގޯ ޖޫނިއާ އެވެ. މެޗުގެ ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު އަލްވާރޯ އޮޑްރިއޯޒޮލާ އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

ރޭގެ މެޗުގައި ރެއާލްގެ ކޯޗު ޒައިނިދީން ޒިދާން ވަނީ ފޯވަޑް ލޫކާ ޖޮވިޗް ފުރަތަމަ އެގާރައިގައި ހިމަނާފަ އެވެ. ޖޮވިޗް އަށް މެޗުގައި މާއެދެވޭ ކުޅުމެއް ނުދެއްކުނުއިރު ފޯވަޑް ބެންޒެމާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭ ވަރެއް ނުވިއެވެ. އެގޮތުން ފުރަތަމަ ހާފު ނިމެންކައިރިވެފައި ވަނިކޮށް ބެންޒެމާ ފޮނުވާލި ބޯޅަ އިދިކޮޅު ގޯލުގެ ދަނޑިއަށް އަމާޒުވިއިފު ދެވަނަ ހާފުގައި ވިނީޝިއަސް ދިން ބޯޅައެއްގައި ބެންޒެމާ ފޮނުވާލި ހަމަލާ ކީޕަރު ވަނީ މަތަކޮށްފައެވެ.

މިއީ މި ސީޒަންގެ ލީގުގައި ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. ރެއާލް ބަލިވިއިރު ރޭ ވާދަވެރި ބާސެލޯނާ ވަނީ 3-0ގެ ނަތީޖާއަކުން އެއިބާ ބަލިކޮށްފަ އެވެ. ބާސާ އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަން އާއި ލުއިސް ސުއަރޭޒްގެ އިތުރުން ކެޕްޓަން ލިއޮނެލް މެސީ އެވެ.

މި ނަތީޖާއާއެކު ބާސާ ވަނީ ރެއާލް އަށްވުރެ އިތުރަށް އެއް ޕޮއިންޓް ލިބިގެން ތާވަލުގެ އެންމެ ކުރިއަށް ޖެހިލާފަ އެވެ. މިހާތަނަށް ކުޅުނު ނުވަ މެޗުން ބާސާ އަށް ނަވާރަ ޕޮއިންޓް ވަނީ ލިބިފަ އެވެ. އަށާރަ ޕޮއިންޓާއެކު ރެއާލް އަށް ދެވަނަ ލިބޭއިރު ތިންވަނަ ލިބެނީ ގްރަނާޑާ އަށެވެ. ގްރަނާޑާ އަށް ލިބިފައިވަނީ ސަތާރަ ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު