ދުނިޔޭގެ އެންމެ މަޝްހޫރު ދެ ފުޓްބޯޅަ ކުޅުންތެރިން ކަމުގައިވާ ލިއޮނަލް މެސީ އާއި ކްރިސްތިއާނޯ ރޮނާލްޑޯ ތެރެއިން މޮޅީ ކޮން ކުޅުންތެރިއެއްތޯ އެއީ އެންމެން އަބަދުވެސް ކުރަމުން އަންނަ ބަހުސެކެވެ. މިފަހަރު މި ބަހުސްގައި ބައިވެރިވެފައި މިވަނީ އެލްއޭ ގެލެކްސީގެ ތަރި ޒްލަޓަން އިބްރަހިމޮވިޗްއެވެ.

މީގެ ކުރިން ބާސެލޯނާގައި މެސީ އާއި އެއްކޮށް ކުޅެފައިވާ އުމުރުން 38 އަހަރުގެ ޒްލަޓަން އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމުގައި ވާއިރު، އޭނާ ފާހަގަކުރެވިފައި ވަނީ ދަނޑުމަތިންނާއި ބޭރުންވެސް ވަރަށް ތަފާތު ކުޅުންތެރިއެއްގެ ގޮތުގައެވެ. ބައެއް ފަހަރު ރެފްރީންވެސް ޒްލަޓަން ދެކެ ބިރުގަންނައިރު، ނޫސްވެރިންވެސް އޭނާ އާއި ސުވާލުތައް ކުރަން ޖެހިލުންވެއެވެ.

ރޮނާލްޑޯގެ ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑުގައިވެސް ކުޅެފައިވާ އިބްރަހިމޮވިޗް އާއި ނޫސްވެރިއަކު ވަނީ މެސީ އާއި ރޮނާލްޑޯގެ ތެރެއިން މޮޅީ ކާކުތޯ ސުވާލުކޮށްފައެވެ. އޭގެ ޖަވާބުގައި އިބްރަހިމޮވިޗް ބުނެފައި ވަނީ ރޮނާލްޑޯ އަކީ އޭނާ ވަރަށް ތައުރީފް ކުރާ އަދި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށާއި އޭނާ ވަނީ ބޮޑެތި ލީގުތަކުގައި ކުޅެފައި ކަމަށެވެ. ނަމަވެސް ޔުވެންޓަސް އާއި ރޮނާލްޑޯ ގުޅުނު ފަހުން އޭނާ ޖަހާ ގޯލުތަކުގެ އަދަދު ދަށްވެފައިވާކަން ފާހަގަކޮށް އޭނާ ބުނީ އެކަމާއި މެދު ހައިރާން ނުވާ ކަމަށެވެ.

ލިއޮނެލް މެސީ އާއި ބެހޭގޮތުން ސުވާލު ކުރުމުން އިބްރަހިމޮވިޗް ބުނެފައި ވަނީ މެސީ އަކީ މަދުން ނޫނީ ނުފެންނަ ވަރުގެ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ ބާސެލޯނާ ދޫކޮށްލާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އަހަންނާއި އެއްވަރަކަށް އެމީހުން މުސްކުޅިވުމުން ދެން އިނގޭނީ ހުރި ވަރެއް. އަހަރެން 35 އަހަރު ވީއިރު ހުރީ ޔުނައިޓެޑުގައި. އަދި ފުރަތަމަ ސީޒަނުގައި 3 ތަށިވެސް ކާމިޔާބު ކުރިން." އެލްއޭ ގެލެކްސީގެ ކެޕްޓަން އިބްރަހިމޮވިޗް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާސިހާ

    އިބްރަހިމޮވިޗް ފޮންޏެއްނޫންތަ؟

    3
    1
    • Anonymous

      މުޅިން ނުބައިކޮށް ތި ބުނީ. އިބްރަހިމޮވިޗް ނުވާނެ ފޮންޏެއް. ފޮނިވާނީ އިބްރަހިމޮވިޗް.???

  2. އެލްޓީ

    ލަޑާނަން ފެނިއްޖެޔާ ކޮން އިބްރަހިމޮވިޗް އެއްތަ