ސައުދީގެ ޝާހީ އާއިލާގެ އަމީރު މުހައްމަދު ބިން ސަލްމާން 3ވަނަ ފަހަރަށް އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑު ގަންނަން މަސައްކަތް ކުރަމުން ގެންދާކަމަށް އެގައުމުގެ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

މިހާރު އެ ކްލަބުގެ ވެރިފަރާތަކީ 2005ވަނަ އަހަރު އެ ކްލަބު ގަތް އެމެރިކާގެ ގްލޭޒާ އާއިލާއެވެ. މީގެ ކުރިން 2 ފަހަރުވެސް އަމީރު އެ ކްލަބު ގަތުމަށް މަސައްކަތް ކުރުމުން ގްލޭޒާ އާއިލާ އިން ބުނެފައި ވަނީ ޔުނައިޓެޑު ވިއްކައިލަން ބޭނުން ނުވާ ކަމަށެވެ. އެންމެ ފަހުން އަމީރު އެ ކްލަބު ގަންނަން ހުށަހަޅާފައިވާ އަގަކީ 3 ބިލިއަން ޕައުންޑެވެ.

ހިއްސާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި މިވަގުތު ޔުނައިޓެޑުގެ އަގު އުޅެނީ 2.64 ބިލިއަން ޕައުންޑުގައެވެ. އެންމެ ފަހުން ފަހަރު އަމީރު އެ ކްލަބު ގަތުމަށް ހުށަހެޅިއިރު އުޅެނީ 3 ބިލިއަނުގައެވެ. ނަމަވެސް، ބެލެވޭ ގޮތުގައި މިފަހަރު އަމީރު ހުށަހަޅާނީ 3 ބިލިއަނަށް ވުރެންވެސް ބޮޑު އަދަދެކެވެ. ފުޓްބޯޅައިގެ މާހިރުން ލަފާކުރާ ގޮތުގައި 4 ބިލިއަނަށް ވުރެން ބޮޑު އަދަދެއް ހުށަހަޅައިފިނަމަ ގްލޭޒާ އާއިލާ އިން ޔުނައިޓެޑު ވިއްކައިލަފާނެއެވެ.

މެންޗެސްޓާ ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ކްލަބު ކަމުގައި ވާއިރު، އެ ކްލަބު ގަތުމަށްޓަކައި އަމީރުގެ އިތުރުން އެނޫންވެސް ބޮޑެތި ވިޔަފާރިވެރިން ވަނީ މަސައްކަތް ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.