ދެކުނު އޭޝިއާގެ 16 އަހަރުން ދަށުގެ ނެޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ރާއްޖޭން ނޭޕާލާ ދެކޮޅަށް މާދަމާ ނުކުންނާނެ އެވެ.

މި މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެ ޓީމަށް ގެއްލުނީ އިއްޔެ ސެމީ ފައިނަލުން އިންޑިއާ އަތުން 46-25 ޕޮއިންޓުން ބަލިވުމުންނެވެ. މި މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު އިންޑިއާ ކުރީގައި އޮތީ ހަތަރު ޕޮއިންޓުގެ ތަފާތަކުން 10-6 އިންނެވެ. އަދި ދެ ވަނަ ކުއާޓަރު އިންޑިއާ ނިންމާލީ 18-12 އިން ކުރީގައި އޮވެ އެވެ. އިންޑިއާ އިން ތިން ވަނަ ކުއާޓަރުގައި 27-22 އިން ނެގި ލީޑާ އެކު މެޗު ކާމިޔާބުކުރީ 46-25 އިންނެވެ. ރާއްޖެ މި މެޗުން ބަލިވި ނަމަވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާއްޖޭގެ މިޝްކާ އަފްރާހް ހަސަން އެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ރާއްޖެއާ ދެކޮޅަށް ވާދަކުރާ ނޭޕާލަކީ ސެމީ ފައިނަލުގެ އަނެއް މެޗުގައި ސްރީ ލަންކާ އަތުން ބަލިވި ޓީމެވެ. މުބާރާތުގެ ލީގު ބުރުގައި ރާއްޖޭން ވަނީ ނޭޕާލުގެ މައްޗަށް 35-27 ޕޮއިންޓުން ކުރި ހޯދާފައެވެ. އެހެންކަމުން އެ ނަތީޖާ އަކީ މާދަމާގެ މެޗާއި ދިވެހި ޓީމު ކުރިމަތިލާއިރު ކުޅުންތެރިންނަށް ލިބޭނެ ބޮޑު ހިތްވަރެކެވެ.

މުޅިން އަލަށް ބާއްވާ މި މުބާރާތުގައި ފަސް ގައުމު ވާދަކުރި އެވެ. ލީގު ބުރުގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން އިންޑިއާ އާއި ލަންކާ އަތުން ބަލިވީ ނަމަވެސް ނޭޕާލާއި ޕާކިސްތާން އަތުން ދިވެހި ޓީމު ވަނީ މޮޅުވެފަ އެވެ. އިންޑިއާ އަތުން 41-21 އިން ބަލިވިއިރު ލަންކާ އަތުން ބަލިވީ 60-16 އަތުންނެވެ. ލީގު ބުރުގައި ޕާކިސްތާން އަތުން ރާއްޖެ މޮޅުވީ 36-10 ޕޮއިންޓުންނެވެ.