ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިލަންދޫ ސްޕޯޓްސް ކްލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އަނެއްކާވެސް ތާވަލުގެ އެއްވަނައިގައި 5 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ކްލަބު އީގަލްސްއިން ދަ ގްރާންޑޭ ބަލިކޮށް މާޒިޔާއާ ގާތަށް ޖެހިލި ނަމަވެސް، މިއަދު ހަވީރު ފަސޭހަކަމާއެކު ނިލަންދޫ ބަލިކޮށް މާޒިޔާއިން ވަނީ ތާވަލުގެ އެންމެ ކުރީގައި އެޓީމުގެ ލީޑު ދަމަހައްޓާފައެވެ.

މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ އަށް 11 މެޗުން ވަނީ 26 ޕޮއިންޓު ލިބިފައެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 11 މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. ފުލުން ދެވަނައިގައި އޮތް ނިލަންދުއަށް 11 މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު މާޒިޔާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ޝަރީފް (ޑުންގާ) އެވެ. އޭގެ ފަހުން މާޒިޔާގެ ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ކުޑައިރުކޮޅަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކޯނެލިއަސް ސްޓެވާޓް އެވެ.

ނިލަންދޫގެ ފަރާތުން ދެވަނަ ޙާފުގެ ކުރީކޮޅު ފުދޭ ވަރަކަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އެޓީމުން މާޒިޔާގެ ގޯލަށް ފޮނުވާލި ހަމަލާތައް ލަނޑަކަށް ބަދަލެއްނުވި އެވެ. ނިލަންދޫން ރަނގަޅަށް ކުޅެމުން ދަނިކޮށް 64 ވަނަ މިނެޓުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ ލަނޑެއް ޖަހައި އެޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. އަދި އޭގެ މިނެޓެއް ހަމްޒާ މުހައްމަދު (ހަމްޕު) މާޒިޔާގެ ހަތަރުވަނަ ލަނޑު ޖެހިއިރު ފަސްވަނަ ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

ނިލަންދޫ އިން މެޗު ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ މެޗުގެ 88 ވަނަ މިނިޓްގައި ޓޮޝީކީ އޮކަމާޓޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.