ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ގައުމީ ޓީމާ އެކު ނުދިޔަ ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެކަމަށް މައާފަށް އެދިއްޖެ އެވެ.

ރިޒޭ ރޭ ފޭސްބުކްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ގައުމީ ޓީމަށް ނުދާން ނިންމި ނިންމުމާ މެދު މާޔޫސްވާ ކަމަށެވެ.

"އަހަރެންޏަށް ކުރެވުނު ކަންތަކާ މެދު ހިތާމަކުރަން. ކުރިއަށް އޮތްތަނުގައި މި ފަދަ އިތުބާރު ގެއްލޭކަމެއް ތަކުރާރުނުކުރާނަން. މި ކަމަށްޓަކައި ގައުމީ ޓީމާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އާންމު އެންމެންގެ ކިބައިން މައާފަށް އެދެން. އުއްމީދުކުރަނީ އަހަންނަށް މާފު ދިނުމަށް ފަހު އަލުން ޓީމަށް ކުޅުމުގެ ފުރުސަތު ލިބޭނެކަމަށް “ ރިޒޭ ލިޔެފައިވެ އެވެ.

ރިޒޭގެ އިތުރުން ގުއާމް މެޗަށް އަމިއްލަ ސަބަބަކާ ހުރެ އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) ވެސް ނުދެ އެވެ. ރިޒޭ އާއި ސެންޓޭ ގުއާމް މެޗަށް ނުދިއުމުން އެފްއޭއެމް އިން އެ މައްސަލަ ބެލުމަށް ފަހު ވަނީ ކޮންމެ ކުޅުންތެރިޔަކު 50،000ރ އިން ޖޫރިމަނާކޮށްފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމަށް ދިއުމަށް އެންމެ ފުރަތަމަ ގައުމީ ޓީމު މަޑުކުރީ ސްރީ ލަންކާގަ އެވެ. އެ ގައުމުގައި ކޭމްޕް ކުރުމަށް އޮގަސްޓް 13 ވަނަ ދުވަހު ޓީމު ފުރިއިރު، އެ ދުވަހު ސެންޓޭ އާއި ރިޒޭ ޓީމާ އެކު ދާން އޮތް ނަމަވެސް އެ ދެ ކުޅުންތެރިން ނުދެ އެވެ. އެފްއޭއެމުން އެ ދުވަހު ބުނީ އެ ދެ ކުޅުންތެރިން އަމިއްލަ ސަބަބަކާ ހުރެ ޓީމާ އެކު ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.

ގައުމީ ޓީމަށް އެނބުރި އަންނަން ބޭނުންވާކަން ރިޒޭ ބުނެފައިވާއިރު ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު 14 ވަނަ ދުވަހު ފިލިޕީންސާ ގައުމީ ޓީމު ބައްދަލުކުރާނެ އެވެ. އޭގެ ފަހުން 19 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ގުއާމްއާ އެވެ. ރާއްޖޭން ވަނީ ގުއާމް އަތުން އެ ގައުމުގައި 1-0 އިން މޮޅުވެފަ އެވެ.