ސާޅީސް ހަވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ކުޅުން ފެށިގެން ކުރިއަށްއެބަދެ އެވެ.

ޤައުމީ މުބާރާތުގައި ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން ކުރިއަށްދާއިރު ފުރަތަމަ ޑިވިޝަންގައި ބައިވެރިވެފައިވަނީ ރިވައިވަލް ސްޕޯޓްސް، އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީ އަދި އެންމެ ފަހުގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދި ސީއެސް ސްޕޯޓްސް އެވެ. ފުރަތަމަ ޑިވިޝަންގެ ކުޅުން ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

މިމުބާރާތުގެ ދެވަނަ ޑިވިޝަންގައި ވާދަކުރަނީ 9 ޓީމަކުންނެވެ. އެއީ އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީ، ވީއައިޕީ ސްޕޯޓްސް، ދަ ގޯޅި ސްޕޯޓްސް ކުލަބް، ކުލަބް އޭދަފުށި، ކުލަބް ސްޓެޓިކް، ޓީ.އެސް.އޭ، ޓީ ރެކްސް، ޔުނައިޓަޑް ވިކްޓްރީ އަދި ޑަބްލިއު ސްޕޯޓްސް އެކަޑަމީއެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަންގެ ކުޅުން ކުރިއަށްދަނީ ދެ ގުރޫޕްއަކަށް ބަހާލައިގެން، ކޮންމެ ގުރޫޕްއަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ސެމީ ފައިނަލްގައި ވާދަކުރާ ގޮތަށެވެ.

މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މުހައްމަދު އަޖުފާން ރަޝީދެވެ. އަދި އަންހެން ޗެމްޕިއަންކަން ހޯދީ ފާތިމަތު ނަބާހާ އެވެ. މިއީ އަޖުފާން މި މުބާރާތުގެ ތަށި އުފުލާލި އަށް ވަނަ ފަހަަރެވެ. އަދި ނަބާހާ ގައުމީ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ފިރިހެން ޑަބަލްސް ތަށި ހަސަން އަފްޝީން އާއި އިބްރާހިމް ޝާމިއުގެ ޕެއާ އިން ދިފާއުކުރިއިރު މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަހުމަދު ތޯއިފް އާއި ނަބީހާގެ ޕެއާ އިންނެވެ.