2010 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ ޖޫނިއާއާ ނުލައި ފްރާންސް ފުޓްބޯލް އިން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ނޮމިނީސް ލިސްޓު އިއުލާނުކޮށްފި އެވެ.

ނޭމާ ނުހިމަނައި ނޮމިނީސް ލިސްޓު ރޭ ނެރެފައިވާއިރު އަނިޔާގެ ސަބަބުން ނޭމާ އަށް މިދިޔަ ސީޒަންގެ ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ. މީގެ އިތުރުން މި އަހަރުގެ ޖޫން މަހު އޮތް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވެސް ނޭމާ ކުޅެފައިނުވެ އެވެ.

މިފަހަރުގެ ބެލެންޑިއޯ ލިސްޓުގައި އެންމެ ގިނަ ކުޅުންތެރިން ހިމެނުނީ އިނގިރޭސިވިލާތުގެ ލިވަޕޫލުންނެވެ. އެ ޓީމުގެ ހަތް ކުޅުންތެރިން ލިސްޓުގައި ހިމެނެ އެވެ. އެއީ މުހައްމަދު ސަލާހު، ސާދިއޯ މާނޭ، ވާޖިލް ވެން ޑައިކް، އެލިސަން ބެކާ، ޖޯޖިއޯ ވަޔަނަލްޑަމް އަދި އަލެގްޒާންޑާ އާނޯލްޑް އެވެ. އިނގިރޭސި ޕްރިމިއާ ލީގު ނިމިގެންދިޔަ ސީޒަންގައި އުފުލާލި މެންޗެސްޓާ ސިޓީ ޓީމުން ފަަސް ކުޅުންތެރިން ހިމެނެ އެވެ. އެއީ ރިޔާދު މަހްރޭޒް، ބަނާޑޯ ސިލްވާ، ކެވިން ޑެބްރަައިނާ، ސާޖިއޯ އަގުއޭރޯގެ އިތުރުން ރަހީމް ސްޓާލިން އެވެ. ޓޮޓެންހަމްގެ ހޫގޯ ލޮރިސް އާއި ހެއުން މިން ސޮން ވެސް ލިސްޓުގައި ހިމެނޭއިރު އާސެނަލްގެ ޕިއޭ އެމެރިކް އޮބަމެޔާންގް ވެސް ވަނީ ލިސްޓުން ޖާގަ ހޯދާފަ އެވެ.

ބެލެންޑިއޯ އެވޯޑް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ މި ފަހަރު ވެސް ހިމެނޭއިރު އެންމެ ފަހުން އެވޯޑް އުފުލާލި ރެއާލް މެޑްރިޑްގެ ލޫކަ މޮޑްރިޗަށް ޖާގަ ލިބިފައިނުވެ އެވެ.

މި ފަހަރުގެ ބެލޮންޑިއޯ އެވޯޑުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވެނީ ފީފާ ބެސްޓް އެވޯޑްސް ހޯދި މެސީ އާއި ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވެން ޑައިކް އެވެ.

ބެލޮންޑިއޯ އެވޯޑުން ހޮވާ އެންމެ މޮޅު ގޯލްކީޕަރު އެވޯޑަށް ވާދަކުރަނީ ލިވަޕޫލްގެ އެލިސަން، ޗެލްސީގެ ކެޕާ އަރިއްޒަބަލާގާ، އިންޓަގެ ސާމިރު ހަންޑަނޯވިޗް، ބާސެލޯނާގެ ޓާ ސްޓެގެން، ބަޔާނުގެ މެނުއެލް ނޯޔާ، އެތުލެޓިކޯގެ ޔަން އޮބްލަކް، ޓޮޓެންހަމްގެ ހޫގޯ ލޯރިސް، އަޔަކްސްގެ އަންދްރޭ އޮނާނާ އަދި ޔުވެންޓަސްގެ ވޯޝިކް ޝެޒްނީގެ އިތުރުން ސިޓީގެ އެޑަސަން އެވެ.

މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ހަފްލާ އޮންނާނީ އަންނަ ޑިސެމްބަރު މަހު ދެ ވަނަ ދުވަހު ފްރާންސްގެ ވެރިރަށް ޕެރިހުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓިނު ވަގު

    މިފަހަރު ބެލެންޑިއޯ ކާ މިޔާބު ކުރާނީ ކަރާ ވަޙީދު ބޫންބޫން...

    8
    2