ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް ގައުމީ ޓީމާ އެކު ނުދިޔަ ކްލަބް އީގަލްސްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ވެސް އެކަމަށް މައާފަށް އެދިއްޖެ އެވެ.

ސެންޓޭ މިރޭ އޭނާގެ ފޭސްބުކްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ގައުމީ ޓީމަށް ނުދާން ނިންމި ނިންމުމާ މެދު ދެރަވާ ކަމަށާއި އެއީ އެއްވެސް އިރަކު އޭނާ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މިހާރު ގަބޫލުކުރާ ކަމަށެވެ.

"އަހަރެންޏަށް ކުރެވުނު ކަންތަކާ މެދު ހިތާމަކުރަން. އެއީ ހަގީގަތުގައި އެއްވެސް އިރަކު އަހަރެން ކޮށްގެންވާނެ ކަމެއް ނޫން. ކުރިއަށް އޮތްތަނުގައި މި ފަދަ އިތުބާރު ގެއްލޭކަމެއް ތަކުރާރުނުކުރާނަން. މި ކަމަށްޓަކައި ގައުމީ ޓީމާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އާންމު އެންމެންގެ ކިބައިން މައާފަށް އެދެން. އުއްމީދުކުރަނީ އަހަންނަށް މާފު ދިނުމަށް ފަހު އަލުން ޓީމަށް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް. މީގެ ފަހުން ގައުމީ ޓީމަށް ކުޅެން ލިބޭ ކޮންމެ ފުރުސަތެއްގައިވެސް ޓީމުގައި ހިމެނި ގައުމަށް ހިދުމަތް ކޮށްދޭނަން “ ސެންޓޭ އޭނާގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ސެންޓޭގެ އިތުރުން ގުއާމް މެޗަށް އަމިއްލަ ސަބަބަކާ ހުރެ އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ވެސް ނުދެ އެވެ. ރިޒޭ ވަނީ ރޭ އެކަމަށް އެފްއޭއެމް އާއި ދިވެހި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ. ރިޒޭ އާއި ސެންޓޭ ގުއާމް މެޗަށް ނުދިއުމުން އެފްއޭއެމް އިން އެ މައްސަލަ ބެލުމަށް ފަހު ވަނީ ކޮންމެ ކުޅުންތެރިޔަކު 50،000ރ އިން ޖޫރިމަނާކޮށްފަ އެވެ. އެ ފައިސާ ދައްކާފައިވަނީ އެ ދެ ކުޅުންތެރިންގެ މުސާރައިން ކަނޑާ ގޮތަށް އީގަލްސްގެ މެނޭޖްމަންޓުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމަށް ދިއުމަށް އެންމެ ފުރަތަމަ ގައުމީ ޓީމު މަޑުކުރީ ސްރީ ލަންކާގަ އެވެ. އެ ގައުމުގައި ކޭމްޕް ކުރުމަށް އޮގަސްޓް 13 ވަނަ ދުވަހު ޓީމު ފުރިއިރު، އެ ދުވަހު ސެންޓޭ އާއި ރިޒޭ ޓީމާ އެކު ދާން އޮތް ނަމަވެސް އެ ދެ ކުޅުންތެރިން ނުދެ އެވެ. އެފްއޭއެމުން އެ ދުވަހު ބުނީ އެ ދެ ކުޅުންތެރިން އަމިއްލަ ސަބަބަކާ ހުރެ ޓީމާ އެކު ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބިލީސް

    ސެންޓޭ މެން ހެޔޮ މާފަށް ނޭދުނަސް ދެން. ފުއްޕާފަ މަވަރު ބަޔެއްނެތިގެން އުޅެވޭވަރު ބަޔެއްނޫން ތީ. ހިތުން އެހެން އުޅުނަސް. ޤައުމީ ކޯޗް އެދަނީ ސާބިތު ކޮށްދެމުން ތި މީހުން ނެތަސް ކާމިޔާބު ހޯދިދާނެކަން. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެމުން މުސްތަޤްބަލުގައި ތިކަހަލަ ކިތައްމެ ސެންޓޭ އެއްވެސް ނެރެވޭނެކަން ސާބިތުކޮއްދެމުން