ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި އަންނަ މަހު ކުޅޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މެލޭޝިޔާގައި ކޭމްޕް ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ހަތަރުވަނަ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޕިލިޕީންސްއާއި ދެކޮޅަށް ކުޅޭ މެޗާއި 19 ވަނަ ދުވަހު ގުއާމާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން މެލޭޝިޔާގައި ކޭމްޕް ކުރުމަށް ދިވެހި ޓީމު ފުރާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

މި ކޭމްޕާއި ގުޅޭ ގޮތުން ޕީއެސްއެމް ސްޕޯޓްސް އާއި ހަވާލާދީ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް ވިދާޅުވީ، މިމަހުގެ 27 އިން އަންނަ މަހުގެ 9 ގެ ނިޔަލަށް ގައުމީ ފުޓްބޯޅަ ޓީމު މެލޭޝިޔާގައި ކޭމްޕްކުރާނެކަމަށާއި އެދުވަސްވަރުގައި ޓްރެއިނިން މެޗުތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި އެންމެ ފަހުން ސީރިޔާއާއި ދެކޮޅަށް ކުޅުނު މެޗަށަ ތައްޔާރުވުމަށް ގައުމީ ޓީމު ވަނީ ސައުދީ އަރަބިއްޔާގައި ކޭމްޕު ކޮށްފައެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

އޭޝިއާ ކޮލިފިކޭޝަން ޒޯނުގެ ގްރޫޕް އޭގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކު މިވަގުތު އޮތީ ސީރިއާ އެވެ. ދެވަނައިގައި ހަތް ޕޮއިންޓާއެކު ޗައިނާ އޮތްއިރު ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ފިލިޕީންސް އެވެ. ތިން ޕޮއިންޓާއެކު ރާއްޖެ ފަސްވަނައިގައި އޮތްއިރު ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ލިބިފައިނުވެ އެވެ.