ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކުލަބް ކުޅެން ހަމަޖެހިފައި އޮތް ދެ މެޗަކަށް އެ ޓީމު ހާޒިރުނުވުމުގެ ސަބަބުން އެފްއޭއެމް އިން އެ ކުލަބަށް އަނެއްކާވެސް އަދަބުދީފި އެވެ.

އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މެޗުތަކަށް ވިކްޓްރީ ހާޒިރުނުވުމުގެ ކުށް އެ ކްލަބުން ތަކުރާރު ކުރުމުން ދިވެހި ލީގުގެ ގަވާއިދުގެ 11.4 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 32 ވަނަ މާއްދާގެ ދަށުން، ކުށް ތަކުރާރުކުރުމުން ކުށްކުރާ ފަރާތަށް ދީފައިވާ އަދަބުގެ 50 އިންސައްތަ އިތުރުވާ ގޮތުގެމަތިން ވިކްޓްރީ ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ވިކްޓަރީ އިން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ އަދަދު 150،000އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

އެފްއޭއެމުން ވަނީ މީގެ އެއްމަސްދުވަހުގެ ކުރިން ދިވެހި ލީގުގައި ގްރީން ސްޓްރީޓާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓްރީ ހާޒިރުނުވުމުގެ ސަބަބުން އެ ކުލަބް 40،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އެފްއޭއެމުން އަނެއްކާވެސް ވިކްޓްރީއަށް އަދަބު ދޭން ނިންމާފައިވާއިރު ވިކްޓްރީން ލީގުގައި ހާޒިރުނުވި ދެ މެޗަކީ މިމަހުގެ 15 ވަނަ ދުވަހު ފޯކައިދޫ ފުޓްބޯޅަ ޓީމާއި ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗާއި 20 ވަނަ ދުވަހު ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗެވެ.

ރާއްޖޭގެ ފުޓްބޯޅަ ތާރީހުގަައި އެންމެ ކާމިޔާބު އެއް ޓީމުގެ ގޮތުގައި މަޝްހޫރުވެފައިވާ ވިކްޓްރީ މިވަގުތު އޮތީ ވަރަށް ދެރަ ހާލަތެއްގަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެ ތާވަލުގެ ފުލުގައި އެޓީމު އޮތްއިރު ކުރިއަށްހުރި މެޗުތަކަށްވެސް އެޓީމު ހާޒިރުވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހާށޭ

    ތިޔަ ބަންސާމު ތިޔަތަނުން ދުރުކޮށްގެން ނޫނީ މިޤައުމުގެ ފުޓުބޯޅައެއް ކުރިޔަކަށް ނުދާނެ. ކިރިޔާވެސް ސަޕޯޓަރުން ތިބި ބޮޑެތި ކުލަބުތަށް ކަމުގައިވާ ނިއު، ވެލެންސިޔާ އަދި މިހާރު ވިކްޓަރީ އިންދަޖައްސާލާ އެ ދުއްވާލީ. ތިޔަ ބައްސާމު ތިޔަ ތަނުން ބޭރުކޮށް އެޓީމުތަށް އަލުންގެނެސްގެން ނޫނީ މިޤައުުގެ ފުޓުބޯޅައެއް ކުރިއަކަނޤނާރާނެ އަދި ފޯރިއެއްވެސް ނުހިފާނެ

    2
    1