ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ށ. ފޯކައިދޫ ފުޓްބޯޅަ ކްލަބް ކައިރިން ކްލަބް ގްރީން ސްޓްރީޓްސް މުހިއްމު މޮޅެއް ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 2-0 އިންނެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމު ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު ރޭގެ މޮޅާއެކު ގްރީން ސްޓްރީޓްސް އަށް ވަނީ 11 މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. އެޓީމު އޮތީ އެއް ވަނައިގައި އޮތް މާޒިޔާއަށް ވުރެ ހަ ޕޮއިންޓް ފަހަތުގަ އެވެ. ތާވަލުގެ ދެ ވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ކްލަބް އީގަލްސް އެވެ.

ރޭގެ މެޗު ފަށައިގެން ގްރީން ސްޓްރީޓްސް އިން މޮޅަށް ކުޅުނުއިރު އެޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އެގޮތުން އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އުމެއިރު ފޮނުވާލި ހަމަލާތަކެއް ފޯކައިދޫގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް އިން މެޗުގައި ލީޑު ނެގީ ދެ ވަނަ ހާފް ފެށިގެން 10 ވަނަ މިނެޓުގަ އެވެ. މިޑްފީލްޑަރު އާދަމް އިމްރާން ދިން ބޯޅައެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސްރުގެ މިޑްފީލްޑަރު މުހައްމަދު ސަލާހް އެވެ. ސަލާހަށް ލިބުނު ބޯޅަ ހިފައިގެން ގޮސް އޭރިޔާ ތެރެއަށް ވަނުމަށްފަހު ގޯލުގެ ތެރެއަށް އޭނާ ފޮނުވާލީ ތިރިތިރިންނެވެ. މިއީ ގްރީން ސްޓްރީޓްސްއަށް ސަލާހް ޖަހައިދިން ދެ ވަނަ ލަނޑުކަން ފާހަގަކޮށްލެވެ އެވެ.

ލީޑު ނެގުމަށް ފަހު ވެސް ގްރީން ސްޓްރީޓްސް އިން ދިޔައީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރަން މަސައްކަތް ކުރަމުންނެވެ. ލީޑު ފުޅާކުރަން ކުރި މަސައްކަތް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ދަގަނޑޭ އެވެ. ދެވަނަ ހާފުގައި ކުޅެން އެރި އަހުމަދު ރަޝީދު (އައްމަޑޭ) ދިން ބޯޅަ ހޯދުމަށް ފަހު ދަގަނޑޭ ކަނާތު ފައިން މަޑުމަޑުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގްރީން ސްޓްރީޓްސްއަށް ފުރަތަމަ ލަނޑު ޖަހައިދިން ސަލާހް އެވެ.

ލީގުގައި މިއަދު ހަވީރު ކުޅޭނީ ފ.ނިލަންދޫ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗަށް ވެސް ވިކްޓްރީ ހާޒިރުވެފައިނުވާއިރު އެފްއޭއެމުން ވަނީ އެޓީމު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފަ އެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.

ލީގުގައި މިއަދު ކުޅޭ ދެ މެޗަށް ފަހު ކްލަބްތަކަށް 45 ދުވަހުގެ ބްރޭކެއް ލިބޭނެ އެވެ. ބްރޭކަށް ފަހު ލީގުގެ ކުޅުން އަލުން ފަށާނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.