ލިޓަސް 46 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޓީމް އިވެންޓް ބައިގެ ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ރިވައިވަލް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން ހޯލުގައި ރޭ ކުޅުނު ފުރަތަމަ ޑިވިޝަންގެ ފައިނަލުން ރިވައިވަލް މޮޅުވީ ސީއެސް ސްޕޯޓްސް ކްލަބާ ވާދަކޮށް 17-13 ޕޮއިންޓުންނެވެ. ފުރަތަމަ ސިންގަލްސް މެޗުން ރިވައިވަލްގެ އަހުމަދު ތޯއިފް ވަނީ ސީއެސްގެ ހަސަން އަފްޝީން އަތުން ދެ ސެޓު އެއް ސެޓުން ބަލިވިއިރު ދެ ވަނަ ސިންގަލްސް މެޗުން ރިވައިވަލްގެ ރިޝްވާން ޝިޔާމް ވަނީ ސީއެސްގެ ފަތުހުﷲ ޝަކީބްގެ މައްޗަށް ކުރިހޯދާފަ އެވެ.

ފުރަތަމަ ޑަބަލްސްގައި ރިވައިވަލްގެ ތޯއިފް އާއި އަލީ ޝަރްމީލްގެ ޕެއާ އިން ވަނީ ސީއެސްގެ އަފްޝީން އާއި ހިޝާމް ލަތީފްގެ ޕެއާ ބަލިކޮށްފަ އެވެ. އެއަށްފަހު ކުޅުނު ތިން ވަނަ ސިންގަލްސް މެޗުގައި ސީއެސްގެ ހިޝާމް ވަނީ ރިވައިވަލްގެ އައްފާން އަލީ ބަލިކޮށްފަ އެވެ. ރިވައިވަލް މެޗުން މޮޅުވީ ފަހު ޑަބަލްސް މެޗުން އެ ޓީމުގެ ރިޝްވާން އާއި އަހުމަދު ވަސީމްގެ ޕެއާ ސީއެސްގެ އަހުމަދު ރިޔާޒާއި ފަތުހުﷲގެ ޕެއާ އަތުން މޮޅުވުމުންނެވެ.

މުބާރާތުގެ ދެ ވަނަ ޑިވިޝަން ކާމިޔާބުކުރީ ފައިނަލުގައި ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް 17-13 ޕޮއިންޓުން ކުރިހޯދައިގެން ކްލަބު އޭދަފުށި އެވެ. މެޗުގެ ފުރަތަމަ ސިންގަލްސްގައި ޔޫވީގެ މުހައްމަދު މުނައްވަރު އޭދަފުށީގެ ޕުރިންދޫ ބަންޑާރަ އަތުން މޮޅުވި ނަމަވެސް ޖެހިގެން އައި މެޗުގައި އޭދަފުށީގެ އަބްދުލް މަތީން ވަނީ ޔޫވީގެ މުހައްމަދު ޝާމީން ބަލިކޮށްފަ އެވެ.

ފުރަތަމަ ޑަބަލްސް މެޗު ކާމިޔާބު ކުރީ ޔޫވީ އެވެ. އެ ޓީމުގެ މުނައްވަރާއި އިބްރާހިމް ސިރާޖުގެ ޕެއާ ވަނީ އޭދަފުށީގެ ޕުރިންދު އާއި މަތީންގެ ޕެއާ ބަލިކޮށްފަ އެވެ. އޭދަފުށިން ތިން ވަނަ ސިންގަލްސްގައި ކުރިހޯދީ އެ ޓީމުގެ ހުސެއިން މުހައްމަދު ޔޫވީގެ މަޒީން މުހައްމަދު އަތުން މޮޅުވުމުންނެވެ. ނަތީޖާ ނެރެން ކުޅުނު ފަހު މެޗުގައި އޭދަފުށީގެ ހުސެއިން އާއި މުހައްމަދު އިކުރާމްގެ ޕެއާ ވަނީ ޔޫވީގެ ސިރާޖާއި ހަސަން ރިޔާޒްގެ ޕެއާ ދެ ސެޓު އެއް ސެޓުން ބަލިކޮށްފަ އެވެ.

އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގައުމީ މުބާރާތުގެ އޯޕަންސް ކެޓަގަރީގެ މެޗުތައް މިއަދު ފަށާނެ އެވެ.