ދިވެހި ޕްރިމިއާ ލީގްގައި، މިއަދު ފ. ނިލަންދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ވިކްޓަރީގެ ޓީމު ހަމަ ނުވެ، ޖެހިޖެހިގެން ތިން މެޗު ނުކުޅެ އެ ކްލަބުން ދޫކޮށްލައިފި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ދިވެހި ލީގު މެދުކަނޑާލުމަށް ފަހު، އަލުން ފަށައިގެން ކުޅުނު އެއްވެސް މެޗަކަށް ވިކްޓަރީގެ ޓީމު ހަމަ ކުރެވިފައިނުވާއިރު މިއަދު ހަވީރު ނިލަންދޫއާ ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ވިކްޓްރީ އަށް ހަމަކުރެވުނީ 10 ކުޅުންތެރިންނެވެ.

ލީގުގައި އެންމެ ފަހުން ކުޅެން އޮތް ދެ މެޗަށްވެސް ވިކްޓްރީގެ ޓީމު ހާޒިރުނުވުމުން އެފްއޭއެމް އިން ވަނީ އެ ކްލަބަށް މި ސީޒަނުގައި ދެވަނަ ފަހަރަށް އަދަބުދީފަ އެވެ. އެފްއޭއެމުން އެކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޗުތަކަށް ވިކްޓްރީ ހާޒިރުނުވުމުގެ ކުށް އެ ކްލަބުން ތަކުރާރު ކުރުމުން ދިވެހި ލީގުގެ ގަވާއިދުގެ 11.4 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑުގެ 32 ވަނަ މާއްދާގެ ދަށުން، ކުށް ތަކުރާރުކުރުމުން ކުށްކުރާ ފަރާތަށް ދީފައިވާ އަދަބުގެ 50 އިންސައްތަ އިތުރުވާ ގޮތުގެމަތިން ވިކްޓްރީ ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެފްއޭއެމުން ވަނީ މީގެ އެއްމަސްދުވަހުގެ ކުރިން ދިވެހި ލީގުގައި ގްރީން ސްޓްރީޓާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓްރީ ހާޒިރުނުވުމުގެ ސަބަބުން އެ ކުލަބް 40،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗައްފަހުން އަލުން ލީގު ފެށިފަހުން ވިކްޓްރީން ދޫކޮށްލީ މިމަހުގެ 15 ވަނަ ދުވަހު ފޯކައިދޫ ފުޓްބޯޅަ ޓީމާއި ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗާއި 20 ވަނަ ދުވަހު ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗުގެ އިތުރުން މިއަދުގެ މެޗެވެ.

ރާއްޖޭގެ ފުޓްބޯޅަ ތާރީހުގަައި އެންމެ ކާމިޔާބު އެއް ޓީމުގެ ގޮތުގައި މަޝްހޫރުވެފައިވާ ވިކްޓްރީ މިވަގުތު އޮތީ ވަރަށް ދެރަ ހާލަތެއްގަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެ ތާވަލުގެ ފުލުގައި އެޓީމު އޮތްއިރު ކުރިއަށްހުރި މެޗުތަކަށްވެސް އެޓީމު ހާޒިރުވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    ތި ޓީމު ދެން ލީގުން ބޭރުކޮށްފަ ރެލިގޭޓް ކުރަން ވެއްޖެނު.

  2. ހުސްނު ނޫނު

    ތި ވިކްޓްރީ ތިޔައީ ރާއްޖޭގެ ފޫޓްބޯޅައަށް ހުތުރު އަރުވަން އުޅޭ ބައެއް.. ޓީމެއް ހިންގާނެ ފެންވަރު ނެތި މެނޭޖްމެންޓުންވެސް އެފްއޭއެމްއަށް ބިރުދައްކައިގެން ކަންކަން ކުރަން އުޅެނީ...