ބަންގްލަދޭޝްގެ ވޮލީބޯޅަ އިދާރާއިން ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބީ އެކްސްކޯގެ ބަދަލުގައި އުފެއްދި ނޯމަލައިޒޭޝަން ކޮމިޓީއާއި މުއާމަލާތު ކުރާތީ އެކަމަށް ސަމާލުވާން އެދި އޭޝިއާގެ ވޮލީއާ ބެހޭ މައި އިދާރާ ކަމަށްވާ އޭވީސީން ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަނަށް އިންޒާރުދީފި އެވެ.

އަންނަ މަހު ބަންގުލަދޭޝްގައި ބާއްވާ އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީބޯޅަ މުބާރާތުގައި ވާދަ ކުރާ ރާއްޖޭގެ ޓީމުގެ ކަންތައްތަކުގައި ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާ މުއާމަލާތް ނުކުރަން އޭވީސީ އިން ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަނަށް އެންގީ އެއިދާރާއަށް ފޮނުވި ސިޓީއެއްގަ އެވެ.

އޭވީސީގެ ރައީސް ސޯލިހް ބިން ނާސިރު ސޮއި ކުރައްވައި ބަންގުލަދޭޝްގެ ވޮލީބޯޅަ ފެޑްރޭޝަނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އޭވީސީ ސެންޓްރަލް ޒޯން ބަންގުލަދޭޝްގައި ބާއްވަން ހަމަޖެހިފައިވާއިރު އެ މުބާރާތުގައި ރާއްޖެއިން ވާދަ ކުރަން ހަމަޖެހިފައިވާ ޓީމުގެ ކަންތަކުގައި ނޯމަލައިޒޭޝަން ކޮމިޓީއާއި މުއާމަލާތުކުރާނަމަ ޗެންޕިއަންޝިޕް އަކީ ސައްހަ މުބާރާތެއް ކަމަށް ވޮލީގެ މައި އިދާރާ ކަމަށްވާ އެފްއައިވީބީ އިން ގަބޫލުނުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެފަދަ ހާލަތުގައި އެފްއައިވީބީގެ އެހީތެރިކަމަށް އެދޭއިރު އެފްއައިވީބީން އެހީ ނުލިބުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އުވާލައްވައި، އެ އެސޯސިއޭޝަންގެ ހިންގުން، ވަގުތީ ކޮމިޓީއަކާ ހަވާލު ކުރެއްވުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ނިންމެވީ މިދިޔަ ޖޫންމަހުގެ ތެރޭގަ އެވެ.

ކުޅިވަރުގެ ޤާނޫނުގެ ދަށުން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ދަށުން ވޮލީބޯޅަ އެސޯސިއޭޝަން ހިންގުން އިންޓަރިމް ކޮމިޓީއަކާ ހަވާލުކުރި ނަމަވެސް އެފްއައިވީބީން ވަނީ ސްޕޯޓްސް ކޮމިޝަނާ އައްޔަން ކޮށްފައިވާ ކޮމިޓީ ބަލައި ނުގަންނަ ކަމަށް ބުނެފަ އެވެ. އަދި ލަތީފްގެ އެކްސްކޯއާ އެސޯސިއޭޝަންގެ ހިންގުން އިއާދަ ކުރުމަށްވެސް އެފްއައިވީބީން ވަނީ ނޯމަލައިޒޭޝަން ކޮމިޓީ އަށް އަންގާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސައްދާމް

  މިގައުމުގެ ކުޅިވަރުތަކުގެ ހަލާކު މީ އައްލޯ އާމިރު، ކޮންމެ ކުޅިވަރެއްވެސް ހަލާކުކުރަން މިކަލޭގެ ފޮނުވާނެ މީއަޅެ ކަތުރު ފައްޔެއްތަ.

 2. ލަތީބެ

  ބާސްކެޓް ބޯޅަ ފުންޑާލާފައި މިހާރު ވޮލީބޯޅާ އާދިމާކުރަން ފޮނުވައިގެންއުޅޭ މަރުމޯލެއްމީ އައްލޯ އާމިރަކީ. ޝަވީދުގެ ޕަޕެޓެއް.

 3. އަހްމަދު އިސްލާމް

  ހަގީގަތުގައިވެސް އަބްދުﷲ އާމިރު މީ ތަނެއްދޮރެއް ދަންނަ ބުރާންޗެއްނޫން، މީގެކުރިން ބާސްކެޓާ ދިމާކޮށްލައިގެން ގޯހޭ ގޯހޭ ކިޔާ އުޅެނިކޮށް ފީބާއިން ރާއްޖެ ފޮނުވި މީހާ އައިސް މިކަލޭގެ އެދުމުންވެސް މިކަލޭގެއާ ބައްދަލު ނުކުރި އެވަރުގެ ތަނެއްދޮރެއް ނުދަންނަ ގޮލައެއްމީ.

 4. ކަޅުބެ

  ބާސްކެޓް ބޯޅަ އެސޯސިއޭޝަންގަ އެބަހުރި މީނާ ހިންގާފަހުރި ޖަރީމާތަށް ސާފުކޮށް ފެންނަން. ބާސްކެޓް ކޯޗިން ލެވަލް 1،2،3 ރެފްރީސް ލެވަލް 1،2،3 މީނާނޫންމީހަަކަށް ނުހިންގޭ. ކޯސްތައް ހިންގާފައި އެފައިސާ ކާލަކާލާ 10 އަހަރު ނިމުނުއިރު އުފައްދާފަ ހުރި ކޯޗެއްވެސް އަދި ރެފްރީއެއްވެސް ނެތް. އެވަރުގެ މީހެއް މި އައްލޯއަކީ.