ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭގެ މައްޗަށް ހަނި ނަތީޖާއަކުން މޮޅުވެ މާޒިޔާ އިން ލީގު ތާވަލުގެ އެންމެ ކުރީގަައި ބޮޑު ލީޑެއް ނަގަައިފި އެވެ.

ޕްރިމިއާ ލީގުގައި ރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ދެޓީމު ބައްދަލުކުރި މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-0 އިންނެވެ. މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ޒުވާން ފޯވަޑް ނާއިޒު ހަސަން (ދާދު) ރޭގެ މެޗު ބެންޗުން ފެށިއިރު ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ދަ ގްރާންޑޭގެ ފޯވަޑް އަޔާޒު އަހުމަދު (އަޔާ) އަށް ދެ ކާޑު ހަމަވުމުގެ ސަބަބުން މި މެޗުގައި ނުކުޅެ އެވެ.

މެޗުގަައި ފެނުނު ހަމައެކަނި ލަނޑު 46 ވަނަ މިނެޓުގައި މާޒޔާ އަށް ކާމިޔާބުކޮށްދިނީ ފޯވަޑް އަސަދުﷲ އެވެ. ބިދޭސީ ފޯވަޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ހުސްކޮށްލާފައި ދިން ބޯޅަ އަސަދުﷲ މަޑުމަޑުން ގޯލަށް ފޮނުވާލައިރު އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ވެސް ހޯދާފަ އެވެ.

ރޭގެ މެޗުގައި ނަތީޖާ ނެރެން ދެޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) މެޗުގެ ވަރަށް ކުރީކޮޅު ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާ ދަ ގްރާންޑޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ނުވަ ވަަނަ މިނިޓްގައި ދަ ގްރާންޑޭގެ އަހުމަދު ހުސާމް މާޒިޔާގެ އޭރިއާތެރެއިން ޖެހި ބޯޅަ ބޭރުވީ ހުރަސް ދަނޑީގައި ޖެހިފަ އެވެ. މެޗުގެ 79 ވަަނަ މިނެޓުގައި ދަ ގްރާންޑޭގެ އިތުރު ހަމަލާއެއްގައި އިރާގު ފޯވާޑް އޮބައިދާ ކަދުމް ޖެހި ބޯޅަ ކީޕަރު އަޒީޒީ ވަނީ މަތަކޮށްފަ އެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ އަށް 12 މެޗުން ވަނީ 29 ޕޮއިންޓު ލިބިފައެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 11 މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. ތިންވަނަ މަގާމުގައި އޮތް ގްރީން ސްޓްރީޓަށް 20 ޕޮއިންޓް ލިބިފައިވާއިރު ހަތަރުވަނައިގައި އޮތް ޓީސީ އަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ދަ ގްރާންޑޭ އަށް ލިބެނީ 15 ޕޮއިންޓާއެކު ފަސްވަނަ އެވެ.

ރޭގެ މެޗައްފަހު 45 ދުވަހަށް ލީގު މެދުކެނޑިގެންދާއިރު ބްރޭކަށް ފަހު ލީގުގެ ކުޅުން އަލުން ފަށާނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.

ދިވެހި ލީގު ހަތަރު ވަނަ ފަހަރަށް މެދުކަނޑާލަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު 14 ވަނަ ދުވަހު ގައުމީ ޓީމުން ފިލިޕީންސާ ދެކޮޅަށް މާލޭގައި ކުޅޭ މެޗަށާއި އަންނަ މަހު 19 ވަނަ ދުވަހު މާލޭގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޑިސެމްބަރު މަހު ކުރީކޮޅުގައި ނޭޕާލުގައި އޮންނަ ސައުތު އޭޝިއަން ގޭމްސް އަށެވެ.